15 އޮގަސްޓު 2024 - 12:02 0
އަމަން ހަލީމް
ދައުލަތުގެ ބަޖެޓު ފޮތް 2024: މި އަހަރަށް ފާސްކުރީ 49.9 ބިލިއަން ރުފިޔާގެ ބަޖެޓެއް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
15 އޮގަސްޓު 2024 - 12:02 0
މިހާރެކޭ އެއް ގޮތަށް ހަރަދު ކުޑަކުރުމުގެ އެއްވެސް ފިޔަވަޅެއް ނާޅައި، ހަރަދުތައް ކުރަމުން ގެންދާނެ މި އަހަރުގެ ބަޖެޓު 58 ބިލިއަން ރުފިޔާއާ ގާތްކުރުމުގެ ފުރުސަތު އެބައޮތް ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.
މިކަން ފިނޭންސުން ހާމަކުރީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތު އަންގައިދޭ ބަޔާނާ ގުޅިގެން އިއްޔެ ހުށަހެޅި ޕްރެޒެންޓޭޝަންގަ އެވެ.
ފިނޭންސުން ބުނި ގޮތުގައި މިހާރެކޭ އެއް ގޮތަށް ކުރިއަށް ދާ ނަމަ މި އަހަރަށް ފާސްކޮށްފައިވާ ބަޖެޓު 57.3 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. އެއީ ފާސްކޮށްފައިވާ 49.9 ބިލިއަން ރުފިޔާގެ އިތުރުން 7.4 ބިލިއަން ރުފިޔާ އެވެ.
ބަޖެޓުކުރި ވަރަށް ވުރެ އިތުރަށް ހަރަދު ހިނގާނެ ކަމަށް ފިނޭންސުން ލަފާކުރާ ދާއިރާތަކުގެ ތެރޭގައި ހިމެނެނީ ޕީއެސްއައިޕީ އާއި އިންޑިރެކްޓް ސަބްސިޑީ އާއި ދަރަނި އަދާކުރުމަށެވެ. މިއީ ވޭތުވި ދެ ތިން އަހަރުގެ ބަޖެޓުން ވެސް ފެނުނު މަންޒަރެކެވެ.
ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް ހިނގާނެ ދާއިރާތައް
މާލިއްޔަތު ކޮމިޓީގައި ދައުލަތުގެ މާލީ ހާލަތާ މެދު ހުރި ކަންބޮޑުވުންތައް ހިއްސާކުރަމުން ފިނޭންސުން ދެ ތިން ކަމެއް ފާހަގަކުރި އެވެ. އެއީ އާމްދަނީއާ ނުބައްދަލު ހަރަދުތައް ކުރުމާއި އިސްލާހީ ފިޔަވަޅުތައް އެޅުން ފަސްކުރުމާއި ސަރުކާރު ކުންފުނިތަކުގެ މައްސަލައިގެ އިތުރުން ޕްރޮޖެކްޓުތަކަށް ބަޖެޓު ކުރާ ވަރަށް ވުރެ އިތުރަށް ހަރަދު ކުރަން ޖެހުމެވެ.
ސަރުކާރުން މިހާރު ރާވާފައި ވަނީ އަންނަ އޮކްޓޫބަރުން ފެށިގެން ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށެވެ.
މި ގޮތުން ގެންނަ ބަދަލުތަކުގެ ތެރޭގައި އާސަންދަ އާއި އެންމެނަށް ލިބޭ ސަބްސިޑީތައް އެ ބޭނުންވާ ބަޔަކަށް ލިބޭނެ ގޮތް ހެދުން ހިމެނެ އެވެ. އޭގެ އިތުރުން ސަރުކާރުގެ ޕީއެސްއައިޕީ އަލުން ރާވައި ތަރުތީބުކުރުމާއި ކުންފުނިތައް އިސްލާހުކުރުމާއި އޮފީސްތައް ހިންގުމުގެ ހަރަދާއި އިތުރު މުވައްޒަފުން ނެގުން މަޑުޖައްސާލުން ވެސް ހިމެނެ އެވެ.
ހަރަދު ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރަން ފެށުމުން މި އަހަރުގެ ބަޖެޓުން 1.7 ބިލިއަން ރުފިޔާ ކުޑަކުރެވޭނެ ކަމަށް ވެސް ފިނޭންސުން ބުނެފައިވެ އެވެ. އޭރުން މި އަހަރު ޖުމްލަ ހަރަދު ވާނީ 48.2 ބިލިއަން ރުފިިޔާ އެވެ.
Comment