Advertisement

އެއްވެސް ޓެކްސްއެއް ބޮޑުނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވެއްޖެ

14 އޮގަސްޓު 2024 - 13:17 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު ޝަފީގު (މ) މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި މައުލޫމާތު ދެއްވަނީ: ޓެކްސްތައް ބޮޑު ނުކުރިޔަސް ބައެއް ފީތައް ބޮޑުކުރުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް ވިދާޅުވި --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް


އެއްވެސް ޓެކްސްއެއް ބޮޑުނުކުރާނެ ކަމަށް ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވެއްޖެ

14 އޮގަސްޓު 2024 - 13:17 0

ޓެކްސްތައް ރިވިއުކުރުމުގެ މަސައްކަތް ރޭވިފައި އޮތަސް، އެއްވެސް ޓެކްސްއެއް ބޮޑުކުރުމުގެ ވިސްނުމެއް މި ސަރުކާރުން ނުގެންގުޅޭ ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ޓެކްސް ބޮޑުކުރުމުގެ ވާހަަކަ ދެކެވުނީ ދައުލަތުގެ މީޑިއަމް ޓާމް ރެވެނިއު ސްޓްރެޓަޖީގައި ޖީއެސްޓީ އާއި ގްރީން ޓެކްސް އާއި އެހެން ޓެކްސްތައް ރިވިއުކުރަން ހިމަނާފައި އޮތުމުންނެވެ. އޭރު ވެސް ޝަފީގު ވަނީ އެފަދަ ވިސްނުމެއް ނުގެންގުޅުއްވާ ކަަމަށް ބައެއް މީޑިއާތަކަށް ވިދާޅުވެފަ އެވެ.

ފުރަތަަމަ ފަހަރަށް މިކަން ރަސްމީކޮށް ކަށަވަަރުކޮށްދެއްވަމުން، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޝަފީގު ވިދާޅުވީ ސަރުކާރުން ބޭނުންވަނީ ޓެކްސްތައް އިތުރުކުރުމުގެ ބަދަލުގައި ޓެކްސް ދައްކާ ފަރާތްތައް ނުވަތަ ޓެކްސް ބޭސް އިތުރުކޮށްގެން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުން ކަމަށެވެ.

"ހަގީގަތުގައި ސަރުކާރުގެ ވިސްނުމަކީ އެނގިވަޑައިގަންނަވާނެ ފަދައިން ޓެކްސްތަކާއި ފީތަކުން ރައްޔިތުންނަށް އޭގެ ބުރައެއް ނުވާ ގޮތަށް ގެންދިޔުން. މިގޮތުން ބަލާއިރު ޖީއެސްޓީ، ޓީޖީއެސްޓީ، ބީޕީޓީ، ވިތުހޯލްޑިން ޓެކްސް، މިފަދަ ޓެކްސްތައް ބޮޑުކުރުމުގެ ވިސްނުމެއް ސަރުކާރުން ނުގެންގުޅޭ،" އޭނާ ވިދާޅުވި އެވެ.

ޓެކްސްތައް ބޮޑު ނުކުރިޔަސް، ޑޮލަރުން ބައެއް ފީތައް ބޮޑުކުރަން ބޭނުންވާ ކަމަށް ޝަފީގު ކޮމިޓީގައި އެއްބަސްވެވަޑައިގެންނެވި އެވެ. މިކަން ކުރަނީ 2026 ގައި ދައްކަން ޖެހޭ އެއް ބިލިއަން ޑޮލަރުގެ ދަރަނި އަދާކުރަން ބޭނުންވާ ފައިސާ ހަމަޖައްސަން ކަމަށް އޭނާ ވިދާޅުވި އެވެ.

މިގޮތުން ބޮޑު ކުރަން ރާވާފައިވާ ފީތަކާ ގުޅޭ ނިންމުމެއް ވެސް ނިންމާނީ، އެކަމުގައި ސްޓޭކްހޯލްޑަރުންނާ (މަސްލަހަތުވެރިންނާ) މަޝްވަރާކުރުމަށް ފަހު ކަމަށް އޭނާ ވިދާޅުވި އެވެ.