Advertisement

ދަރަނި އަދާކުރަން ދަތި، މިއީ އިގުތިސޯދާއި އާމްދަނީއާ ނުބައްދަލު ހަރަދުކުރުމުގެ އަގު: ޝަފީގު

14 އޮގަސްޓު 2024 - 12:26 0

އަމަން ހަލީމް

އަމަން ހަލީމް

ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު: މައިގަނޑު އަމާޒަކީ ދަރަނީގެ ދެމެހެއްޓިނިވިކަން އިތުރުކުރުން ކަމަށް ވިދާޅުވި -- ފޮޓޯ: ފިނޭންސް މިނިސްޓްރީ


ދަރަނި އަދާކުރަން ދަތި، މިއީ އިގުތިސޯދާއި އާމްދަނީއާ ނުބައްދަލު ހަރަދުކުރުމުގެ އަގު: ޝަފީގު

14 އޮގަސްޓު 2024 - 12:26 0

ލިބޭ އާމްދަނީގެ ބޮޑު އިންސައްތައެއް ދަރަނި އަދާކުރަން ހޭދަކުރަން ޖެހިފައިވާ ކަމަށާއި މިއީ އިގުތިސޯދާއި އާމްދަނީއާ ނުބައްދަލު ހަރަދުކުރުމުގެ ސަބަބުން ދިމާވި ހާލަތެއް ކަމަށް ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި، 2025-2027 އަށް ދައުލަތުގެ މެދު ރާސްތާގެ ފިސްކަލް އަދި ދަރަނީގެ ސިޔާސަތުގެ ތަފުސީލުތައް ދެއްވަމުން ޝަފީގު ވަނީ ކުރީގެ ސަރުކާރުތަކުން ގެންގުުޅެފައިވާ މާލީ ސިޔާސަތުތަކާ މެދު ކަންބޮޑުވުން ފާޅުކުރައްވާ، އޭގެ އަގު މި ސަރުކާރުން އަދާކުރަން ޖެހިފައިވާ ކަމަށް ވިދާޅުވެފަ އެވެ.

"އިގުތިސޯދުގެ ކެޕޭސިޓީ އާއި އާމްދަނީއާ ނުބައްދަލު މިންވަރަކަށް ހަރަދުކުރަން ނިންމާ، މަނިޓައިޒް ކުރުމާއި އެހެނިހެެން ގޮތްގޮތުން ފައިނޭންސް ކުރުމުގެ ތެރެއިން، އެސްކްޕޭންޝަނަރީ ފިސްކަލް ޕޮލިސީއެއް ތަންފީޒުކުރުމުގެ އަގު އަޅުގަނޑުމެން މިވަނީ މިއަދު އަދާކުރަން ޖެހިފައި," އޭނާ ވިދާޅުވި އެވެ.

"އާމްދަނީއާ އަޅާ ބަލާއިރު ހަރަދު، ސްޓްރަކްޗަރަލީ އިތުރުވެ ދަރަނި ނަގައިގެން ބޮޑެތި ޑެފިސިޓުތައް ފައިނޭންސް ކުރުމުގެ ނަތީޖާއެއްގެ ގޮތުން، މިހާރު އަޅުގަނޑުމެންނަށް ޑެޓް ސާވިސް ކުރުމުގައި އެބަހުރި ޗެލެންޖަސްތަކެއް."

ޝަފީގު ވިދާޅުވި ގޮތުގައި، މި ގޮންޖެހުންތަކާއެކު ކުރިއަށް އޮތް ދެ އަހަރުގެ ސިޔާސަތުތައް އެކުލަވާލުމުގައި އެންމެ އިސްކަން ދިނީ އާމްދަނީ އިތުރުކޮށްގެން ދަރަނީގެ ދެމެހެއްޓެނިކަން ކަށަވަރު ކުރެވޭނެ ސިޔާސަތުތަކަށެވެ. އަދި ފަތުރުވެރިކަން ނޫން ސިނާއަތްތަކެއް ތައާރަފުކުރެވޭތޯ މަސައްކަތްކޮށްފައި ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މެދު ރާސްތާގެ ފިސްކަލް ސްޓްރެޓަޖީގައި ކަނޑައެޅި ފިސްކަލް އަމާޒުުތައް

  • 2024 ވަނަ އަހަރު ނިމެންވާއިރަށް ދައުލަތުގެ ސީދާ ދަރަނި ޖީޑީޕީގެ ނިސްބަތުން 95 އިންސައްތައަށް ތިރިކުރުން
  • ބަޖެޓުގެ ޕްރައިމަރީ ޑެފިސިޓު ޖީޑީޕީގެ ނިސްބަތުން ފަސް އިންސައްތަ އިތުރުވާނެހެން ހިފެހެއްޓުން
  • ޖީޑީޕީގެ ނިސްބަތުން ދަށަށް ދާނޭ މިސްރާބެއްގައި ދައުލަތުގެ ޖުމްލަ ދަރަނި ހިފެހެއްޓުން
  • ދައުލަތުގެ ރިކަރަންޓު ހަރަދުތައް ދައުލަތުގެ އާމްދަނީއަށް ވުރެ އިތުރު ނުވާނެ މިންވަރެއްގައި ހިފެހެއްޓު

ބޮޑު ދަރަނީގެ މައްސަލައިގައި ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވަމުން ޝަފީގު ވިދާޅުވީ މިހާރު ލިބޭ އާމްދަނީގެ 28 ޕަސެންޓު ހަރަދުކުރަން ޖެހެނީ ދަރަނީގެ އިންޓްރެސްޓު އަދާކުރަން ކަމަށެވެ. މީގެ ސަބަބުން ޕްރޮޖެކްޓުތައް ހިންގާށާއި ސަރުކާރުން ދޭން ޖެހޭ އެހެން ހިދުމަތްތައް ދިނުމުގައި ދަތިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހިދުމަތްތައް ރަނގަޅުކުރަން މި ހޭދަކުރަން ޖެހޭ ހޭދަކުރުން ހުރި ފައިސާ ޑެޓް ސާވިސްކުރުމަށް ހޭދަކުރަން ޖެހުމުގެ ސަބަބުން ބޭނުންވާ ހިދުމަތްތަކާއި ޕްރޮޖެކްޓުތަށް ގެންދިއުމަށް އެބަ ހުރަސްއެޅޭ. އެކަންތައްތައް ކުރުމަށް ޓަކައި އަޅުގަނޑުމެންނަށް ވަރަށް މުހިންމު އާމްދަނީ އިތުރުކޮށް، ހަރަދު ކުޑަކޮށް، ސަސްޓެއިން ކުރެވޭ ލެވަލްއަކަށް ދަރަނިތައް ހިފެހެއްޓުން،" ޝަފީގު ވިދާޅުވި އެވެ.

ކޮމިޓީގައި ޝަފީގު ފާހަގަކުރެއްވި އަނެއް ކަމަކީ ހަރަދުތައް ކުޑަކުރުމުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ މުހިންމުކަމެވެ. ހަރަދު ކުޑަކުރުމުގެ ސިޔާސަތުގައި ހިމެނޭ މައިގަނޑު ކަންކަަމަކީ ސަބްސިޑީ އާއި އާސަންދަ އާއި އެސްއޯއީތައް ރިފޯމް ކުރުމެވެ. ޝަފީގު ވިދާޅުވީ، އާމްދަނީ އިތުރުކޮށްގެން އެކަނި ނުވާނެ ކަމަށާއި ހަރަދުތައް ކުޑަކުރަން ގެންނަ ރިފޯމްތައް ތަންފީޒުކުރުން އަވަސް ކުރަން ޖެހޭ ކަމަށެވެ.