12 އޮގަސްޓު 2024 - 16:55 0
މޫސާ ނާޝިއު
ޒުވާނުންގެ ކޮމެޓީގައި ތިއްބަވާ މެންބަރުން، މެންބަރު ކަމުގެ ބެޖު ހަވާލުކުރުމަށްފަހު ވަނީ ފުރަތަމަ ބައްދަލުވުން ބާއްވާފައި--- ފޮޓޯ: ރައީސް އޮފީސް
12 އޮގަސްޓު 2024 - 16:55 0
ރައީސް ޑރ. މުހައްމަދު މުއިއްޒުއަށް ޒުވާނުންގެ ކަންކަމުގައި މަޝްވަރާ އާއި ހިޔާލު އެރުވުމުގެ ގޮތުން ގައުމީ ފެންވަރުގައި އެކުލަވާލި ޒުވާނުންގެ ލަފާދޭ ކޮމިޓީ އިފްތިތާހުކޮށް ފުރަތަމަ ބައްދަލުވުން މިއަދު ބާއްވައިފި އެވެ.
ކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިއަދު ރައީސް އޮފީހުގައި ވަނީ ބާއްވާފަ އެވެ. އެ ބައްދަލުވުމުގައި ރައީސް ވެސް ބައިވެރިވެވަޑައިގަތެވެ.
"ގައުމުގެ އާބާދީގެ އެންމެ ބޮޑު އިންސައްތައެއް ހިއްސާކުރާ ބަޔަކީ ޒުވާނުން. ޒުވާނުންގެ ފަރާތުން ގައުމެއް އަދި ސަރުކާރެއް ހިންގުމުގައި އަދި ދައުލަތުގެ އެހެން ހުރިހާ ކަމެއްވެސް ބައްޓަން ކުރުމުގައި ބަސްބުނުމަކީ ވަރަށް މުހިންމު ކަމެއް," އެމަނިކުފާނު މިއަދު ވިދާޅުވި އެވެ.
ދިވެހި ޒުވާނުންގެ ގައުމީ ލަފާދޭ ކޮމިޓީގެ މަގުސަދަކީ ސަރުކާރުގެ މެނިފެސްޓޯ އާއި މުހިންމު ސިޔާސަތުތައް ތަންފީޒުކުރުމުގައި ޒުވާނުންގެ ހިޔާލާއި މަޝްވަރާ ހޯދާ، ކަންކަމުގައި ކުރިއަށް ދާންވީ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާއެރުވުން ކަމަށް އެމަނިކުފާނުގެ އޮފީހުން މައުލޫމާތު ދެ އެވެ.
އޭގެއިތުރުން, ތަފާތު އެކިއެކި ދާއިރާތަކުގައި ޒުވާނުން ކުރިއެރުމަށް ހުރި ހުރަސްތަކާއި ގޮންޖެހުންތައް ދެނެގަނެ އެކަންކަމާއި މެދު ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށް، ގައުމީ ފެންވަރުގަ އާއި ސަރަހައްދީ ފެންވަރުގައި ހައްލު ހޯދުމަށް މަސައްކަތް ކުރެވޭނެ ގޮތްތަކާއި ގުޅޭގޮތުން ރައީސަށް ލަފާ އެރުވުމަކީ ވެސް އެ ކޮމެޓީގެ މަގުސަދެކެވެ.
"ރައީސަށް ލަފާދޭ ޒުވާނުންގެ ހާއްސަ ބޯޑެއް މީ ރާއްޖޭގައި އަލަށް ކުރެވޭ ކަމެއް. ދިވެހި ޒުވާނުންނަށް ބަސް ނުބުނެވޭނެ ކަމެއް ނެތް. ދިވެހި ޒުވާނުންނަށް ހިޔާލުފާޅު ނުކުރެވޭނެ ކަމެއް ނެތް," އެ ކޮމިޓީގެ އިފްތިތާހީ ހަފްލާގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) ވިދާޅުވި އެވެ.
އެ ކޮމެޓީގައި ޖުމްލަ 15 މެންބަރުން ތިއްބަވަ އެވެ. އެއީ ރައީސް އައްޔަނު ކުރެއްވި ދެ މެންބަރުންނާއި، ގައުމީ ލެވެލްގެ ދެ އެތުލީޓުންނާއި، ފަންނިއްޔާތާއި ފަންނުވެރިކަމުގެ ދާއިރާއިން ދެ މެންބަރުންނާއި, ޒުވާނުން ބާރުވެރިކުރުމުގެ ދާއިރާއިން ދެ މެންބަރުންނާއި، ޔޫތު މިނިސްޓްރީން ކަނޑައެޅި ހަތަރު ދާއިރާއަކުން ހަތަރު މެންބަރުންނާއި އަދި ޔުނިވާސިޓީގެ ސްޓޫޑެންޓް ޔޫނިއަންގެ ރައީސުންގެ ތެރެއިން ތިން މެންބަރުންނެވެ.
Comment