Advertisement

ދިރިއުޅުމުގެ ފެންވަރު އެނގޭނެހެން ސޯޝަލް ރަޖިސްޓާއެއް އެކުލަވާލަނީ

12 އޮގަސްޓު 2024 - 12:19 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭގައި ގިނަ އަދަދަކަށް ބޭސް ފިހާރަތައް ހުންނަ މަގެއް: ސޯޝަލް ރަޖިސްޓާ އެކުލަވާލުމުން އާސަންދަ އާއި ސަބްސިޑީ ލިބޭނީ އެއަށް ބަލާފައި --- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ދިރިއުޅުމުގެ ފެންވަރު އެނގޭނެހެން ސޯޝަލް ރަޖިސްޓާއެއް އެކުލަވާލަނީ

12 އޮގަސްޓު 2024 - 12:19 0

ދިރިއުޅުމުގެ ފެންވަރު އެނގޭނެހެން ސޯޝަލް ރަޖިސްޓާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) ގެ ސީއީއޯ ހީނާ ވަލީދު މިއަދު ވިދާޅުވެއްޖެ އެވެ.

ސޯޝަލް ރަޖިސްޓާއެއް ގާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ހީނާ ވިދާޅުވީ، ވެލްފެއާ ނިޒާމަށާއި އާސަންދައަށް ސަރުކާރުން ގެންނަން ރާވަމުންދާ ބަދަލުތައް ރައްޔިތުންގެ މަޖިލީހުގައި ހިއްސާކުރަައްވަމުންނެވެ. މި ސޯޝަލް ރަޖިސްޓާ ގާއިމުކުރުމަކީ އޭގެ ތެރެއިން އެންމެ މުހިންމު އެއް މަސައްކަތް ކަމަށް ހީނާ ވިދާޅުވި އެވެ.

"ސޯޝަލް ރަޖިސްޓާއެއް ގާއިމުކުރެވިގެން އެއަށް ލިބެންވާ ހުރިހާ މައުލޫމާތުތަކެއް އެއަށް ލިބުނީމައި، އަޅުގަނޑުމެންނަށް ގޭބިސީތަކުގެ މައުލޫމާތާއި އަދި ހަމަ އެހެންމެ އެ ބޭފުޅުން ލިވިން ސްޓެންޑަޑާއި، މިހެން ގޮސް އަޅުގަނޑުމެން ބޭނުންވާ ވަރަށް ގިނަ މައުލޫމާތުތަކެއް އެބަ އެއް ކުރެވޭ،" އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތުގައި މި ސޯޝަލް ރަޖިސްޓާގެ އެންމެ ބޮޑު ބޭނުމަކީ އެހީ ދޭން ޖެހޭ މީހުންނަކީ ކޮބައިކަން ދެނެގަނެވުމެވެ. އަދި މި މަސައްކަތް އެއްކޮށް ނިމުމުން ދައުލަތުން ލިބޭ ހުރިހާ އެހީއެއް ލިބޭ މީހުން ކަނޑައަޅާނީ މި ރަޖިސްޓާއަށް ބިނާކޮށް ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމައި އެއަށް ކަނޑައެޅޭ އުސޫލުތަކާއި ގަވާއިދުތަކެއް ހެދިގެން އަޅުގަނޑުމެން ކުރިއަށް އޮތް ތަނުގައި އެއީ ވެލްފެއާގެ ނިޒާމު ވިޔަސް އެއީ ސަބްސިޑީގެ ނިޒާމު ވިޔަސް، އާސަންދައިގެ ތެރެއިން މި ދޭން ޖެހޭ އެހީތެރިކަމެއް ވިޔަސް ވަރަށް ބޮޑަށް މި ސޯޝަލް ރަޖިސްޓާއަށް ޑިޕެންޑު ވެގެން ދާނެ އަޅުގަނޑުމެން އެހީތައް ދިނުމުގައި، އެ ކްރައިޓީރިއަތައް ކަނޑައެޅުމުގައި،" އޭނާ ވިދާޅުވި އެވެ.

ހީނާ ވިދާޅުވި ގޮތަށް، މި ސޯޝަލް ރަޖިސްޓާ ވެގެން ދާނީ އެންމެނަށް ލިބޭ ސަސްސިޑީގެ ބަދަލުގައި ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ބަދަލުވާން ކުރާ މަސައްކަތަށް ވެސް އަސާސީ ކަމަކަށެވެ. މިހާރު ވެސް މި ސިޔާސަތުތައް ތަންފީޒު ނުކުރެވިގެން އުޅެނީ، މި ނިޒާމުގެ މަސައްކަތް ނުނިމޭތީ ކަމަށް މައުލޫމާތު ލިބެ އެވެ.

މި އަހަރަށް ފާސްކުރި ބަޖެޓުގައި އޮތީ، ޖުލައިއިން ފެށިގެން ޓާގެޓަޑް ސަބްސިޑީ ނިޒާމަކަށް ގޮސް އާސަންދަ އާއި ވެލްފެއާ ރިފޯމުތައް ތަންފީޒުކުރާ ގޮތަށެވެ. މީގެ ތެރެއިން ބައެއް މަސައްކަތްތައް ކުރިއަށް ދިޔަ ނަމަވެސް ސަރުކާރުން ވަނީ ކަންކަން އިންތިޒާމުކުރަން އިތުރު ވަގުތު ބޭނުންވާ ކަމަށް ބުނެ ބޮޑެތި ބަދަލުތައް ގެނައުން އޮކްޓޫބަރަށް ފަސްކޮށްފަ އެވެ.

ވެލްފެއާ ނިޒާމާއި ސަބްސިޑީ ނިޒާމު ރިފޯމުކުރުމުގެ މަސައްކަތް ފެށީ ވެސް ލިބެން ނުޖެހޭ އެތައް ބަޔަކަށް އެ ނިޒާމުގެ ތެރެއިން އިސްރާފު ހަރަދުތައް ކުރަން ޖެހިފައިވާ މައްސަލައަށް ހައްލެއް ގެނައުމަށެވެ.