Advertisement

ކަރަންޓާއި ތަރުކާރީގެ އަގު އުފުލި، ވިދިވިދިގެން ދެ ވަނަ މަހުގައި އިންފްލޭޝަން މައްޗަށް

11 އޮގަސްޓު 2024 - 14:50 0

އަމަން ހަލީމް

އަމަން ހަލީމް

މާލޭ ވިޔަފާރި ބަނދަރުގައި ކޮންޓެއިނަރެއް އުފުލަނީ: މެއި މަހެކޭ އެއް ފަދައިން ޖޫންގައި ވެސް ކަރަންޓުގެ އަގު އުފުލުނު -- ފޮޓޯ: ހުސެއިން ޝަޔާހު/އަދަދު


ކަރަންޓާއި ތަރުކާރީގެ އަގު އުފުލި، ވިދިވިދިގެން ދެ ވަނަ މަހުގައި އިންފްލޭޝަން މައްޗަށް

11 އޮގަސްޓު 2024 - 14:50 0

މި އަހަރުގެ ފުރަތަމަ ހަތަރު މަހުގެ ތެރޭގައި ތަކެތީގެ އަގު ދަށް ވަމުން ދިޔުމަށް ފަހު، ކަރަންޓުގެ އަގު ބޮޑު ވުމާ ގުޅިގެން މެއި މަހެކޭ އެއް ފަދައިން ޖޫންގައި ވެސް އިންފްލޭޝަން މަތިވެއްޖެ އެވެ.

ގައުމީ ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ޖޫން މަހުގެ ސީޕީއައި ރިޕޯޓުގައިވާ ގޮތުގައި އެ މަހުގެ ތެރޭގައި ތަކެތީގެ އަގު އުފުލުނީ 0.73 ޕަސެންޓެކެވެ. އަދި އަހަރުން އަހަރަށް ބަލާއިރު ޖުމުލަ އިންފްލޭޝަން ހުރީ 1.40 ޕަސެންޓުގަ އެވެ.

ޖޫންގައި އިންފްލޭޝަން މަތިވާން މެދުވެރިވީ މައިގަނޑު ސަބަބަކީ ކަރަންޓުގެ އަގު އުފުލުމެވެ. ދެން އެންމެ ބޮޑަށް އަގު އުފުލުނީ ތަރުކާރީގެ ބާވަތްތަކުންނެވެ. އަގު އުފުލުނު އިތުރު ބާވަތްތަކުގެ ތެރޭގައި ފަރުނީޗަރާއި ކިރާއި ޑެއިރީ އުފެއްދުންތަކާއި ބިހުގެ އިތުރުން އެކޮމޮޑޭޝަން ހިދުމަތްތަކާއި އެއާލައިން ޓިކެޓުތަކެވެ.

ސީޕީއައި ރިޕޯޓުން ދައްކާ ގޮތުގައި މެއި މަހާ ހިލާފަށް، ޖޫންގައި ގިނަ ދާއިރާތަކުން އަގު އުފުލުނެވެ. އަގު ދަށްވީ ކުޅިވަރާއި މުނިފޫހިފިލުވުމާއި މުވާސަލާތީ ހިދުމަތްތަކުން އެކަންޏެވެ.

އަހަރުން އަހަރަށް ބަލާއިރު އެންމެ ބޮޑު އުފުލިފައި ވަނީ ކާބޯތަކެތީގެ އަގުތަކެވެ. މިދިޔަ އަހަރުގެ ޖޫން އާއި މި އަހަރުގެ ޖޫންއާ ދޭތެރޭގައި ކާބޯތަކެތީގެ އަގު 6.4 ޕަސެންޓު އުފުލިފައިވެ އެވެ. އާންމުކޮށް އެންމެ ބޮޑަށް އަގު އުފުލި، އަދި އިންފްލޭޝަނަށް އެންމެ ބޮޑަށް އަސަރުކުރަނީ ވެސް ކާބޯތަކެތީގެ އަގަށް އަންނަ ބަދަލާ ގުޅިގެންނެވެ.

ތަކެތީގެ އަގު އުފުލުނު ނަމަވެސް މެއިގައި އުފުލުނު ވަރަށް އެއްވެސް ދާއިރާއަކުން އަގު އުފުލިފައި ނުވާކަން ސީޕީއައި ރިޕޯޓުން ފާހަގަކުރެވުނެވެ. މެއިގައި ކަރަންޓުގެ އަގު 37.44 ޕަސެންޓު އުފުލުނުއިރު، ފެނުގެ އަގު 45.70 ޕަސެންޓު އުފުލުނެވެ.