Advertisement

އާމްދަނީ އާއި ހަރަދުގެ ނަމްބަރުތަކާ އެކީ އާރުޑީސީގެ ކުރީގެ އެމްޑީ ވިދާޅުވީ ގޯހެއް ނުހަދާ ކަމަށް

11 އޮގަސްޓު 2024 - 20:55 0

މޫސާ ނާޝިއު

މޫސާ ނާޝިއު

އާރްޑީސީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު(މޫކޭ) --- ފޮޓޯ: މުހައްމަދު ޝާބިން


އާމްދަނީ އާއި ހަރަދުގެ ނަމްބަރުތަކާ އެކީ އާރުޑީސީގެ ކުރީގެ އެމްޑީ ވިދާޅުވީ ގޯހެއް ނުހަދާ ކަމަށް

11 އޮގަސްޓު 2024 - 20:55 0

ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރުޑީސީ) ހިންގެވި ދުވަސްވަރު ކޮރަޕްޝަން ހިންގާފައިވާ ކަމަށް އޭނާ އާއި އޭރުގެ މެނޭޖުމަންޓުގެ އިސްވެރިންނަން ކުރެވޭ ތުހުމަތުތައް އެ ކުންފުނީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) މިއަދު ދޮގުކުރައްވައިފި އެވެ.

އާރުޑީސީގެ ހަތަރު އަހަރުގެ އާމްދަނީ އާއި ހަރަދުގެ ރެކޯޑުތައް ނޫސްވެރިންނާ ހިއްސާކުރައްވަމުން އެމްޑީޕީ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މޫކޭ ވަނީ ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ބާރުތައް ލިބިފައިވާއިރު، ދޮގު ތުހުމަތު ކުރުމުގެ ބަދަލުގައި މައްސަލަ ބައްލަވަން ގޮވާލައްވާފަ އެވެ.

"ކީއްވެހޭ ނުބެލެނީ؟ އަޅުގަނޑުމެންނަށް ފިޔަވަޅު ނޭޅެނީ؟ އަޅުގަނޑުމެން ނުގެންދަނީ؟ ދޮގު ވާހަކަތައް ދައްކައިގެން، ދޮގު ހެޑްލައިންތައް ޖެހުމުގެ ބަދަލުގައި ސާފުކޮށް ރައްޔިތުންނަށް ގެނެސްދީ އަދި ތަހުގީގު ވެސް ހިންގައިދީ" އެބޭފުޅާ ވިދާޅުވި އެވެ.

އާރުޑީސީގެ ކުރީގެ މެނޭޖުމަންޓަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި 161 މިލިއަން ރުފިޔާ، އެއްވެސް ލިޔެކިޔުމެއް ނެތި، ޓްރާންސްފާކުރުން ހިމެނެ އެވެ. މި ވާހަކަތައް ރައްޔިތުންގެ މަޖިލީހުގެ އެސްއޯއީ ކޮމިޓީއާ ހިއްސާކުރީ އެ ކުންފުނީގެ މިހާރުގެ މެނޭޖުމަންޓުންނެވެ.

މީގެ ކުރިން ވެސް މޫކޭ އާއި އާރުޑީސީގެ ކުރީގެ ސީއެފްއޯ ޔާސީރު ހަސަން ވަނީ އެ މީހުން ހާޒިރުކޮށްގެން މަޖިލީހުގެ ކޮމިޓީއެއް ކުރިއަށް ގެންދަން އެދިފަ އެވެ. މިއަދު ވެސް މޫކޭ ވަނީ އެ ވާހަކަތައް ތަކުރާރުކުރައްވާ، ހުޅުވާލައިގެން ބޭއްވޭ ކޮމިޓީއެއްގައި ދިފާއުވުމުގެ ފުރުސަތު ދިނުމަށް އެދިވަޑައިގެންފަ އެވެ.

މީގެ ކުރިން ފުލުހުން ވެސް ވަނީ ބުނެފައިވަނީ އާރުޑީސީގެ އެމްޑީ އާއި ސީއެފްއޯގެ އެކައުންޓަށް ފައިސާ ޖަމާވެފައިވާކަން ތަހުގީގަށް ފާހަގަވެފައި ނެތް ކަމަށެވެ. އެ މައްސަލައިގައި އާރުޑީސީގެ އޮފީހަށް ފުލުހުން ވަދެ ވަނީ އެތަނުގެ ލިޔެކިޔުންތަކެއް ވެސް އެތަނުގެ ބެލުމުގެ ދަށަށް ގެންދިޔަ އެވެ.

ކުންފުނީގެ ފައިސާތަކަށް ހިޔާނާތްތެރިވީ ކަމަށް ކުރެވޭ ތުހުމަތުން ދިފާއުވާން، މޫކޭ އާއި ޔާސީރު އެ ކުންފުނީގެ 2019 އިން 2023 ގެ ތިންވަނަ ކުއާޓަރާ ހަމައަށް އާރުޑީސީގެ އާމްދަނީ އާއި ބައެއް ހަރަދުތަކުގެ ތަފުސީލުތައް ހިއްސާކުރެއްވި އެވެ.

އެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ކުންފުނި އުފެދިގެން 2022 އާ ހަމައަށް ހިނގީ ގެއްލުމުގަ އެވެ. އެހެން ދިމާވި ސަބަބެއް ކަމަށް މޫކޭ ވިދާޅުވީ ކޮވިޑު ބަލިމަޑުކަމެވެ. އެއަށް ފަހު 2022 ގައި އެ ކުންފުންޏަށް ފައިދާވި އެވެ.

އާރުޑީސީގެ މިހާރުގެ މެނޭޖުމަންޓުން ފައިސާގެ މައްސަލަތައް ތިލަކުރަނީ، މޫކޭ ވިދާޅުވި ގޮތުގައި ކުންފުނި ހިންގަން ނޭނގިގެން ކަމަށެވެ. މިހެން ދިމާވަނީ ހަރަދާއި އެއްވަރަށް އާމްދަނީ ނުހޯދޭތީ ދިމާނުވާތީ ކަމަށް ވިދާޅުވެ އޭނާ ވަނީ ކުންފުނި ހިންގަން އެނގޭ ފަރާތަކާ ހަވާލުކުރަން ގޮވާލައްވާފަ އެވެ.

އޭގެ އިތުރުން މޫކޭ ވިދާޅުވީ މިހާރު އާރުޑީސީގެ މިސްރާބު ހުރީ ޕީޕީއެމްއަށް ކުރިން ވެރިކަން ލިބިގެން "އެމްއާރުޑީސީ" އުވާލި ގޮތަށް މި ކުންފުނި ވެސް އުވާލުމުގެ ވިސްނުމާއި ދިމާލަށް ކަމަށެވެ. އަދި އެ ބޭފުޅުންނަށް އެ ކުރާ ތުހުމަތުތައް ސާބިތުނުވާހެން ހީވާއިރަށް އިތުރު ކަންތައްތަކެއް އުފަން ކޮށްގެން ސަރުކާރުން ކުރިއަށްދާ ކަމަށް ވެސް އޭނާ ތުހުމަތުކުރެއްވި އެވެ.

އާރުޑީސީއަކީ ރައީސް ސޯލިހުގެ ވެރިކަމުގައި، ކުރީ ވެރިކަމުގައި އެމްއާރުޑީސީ އުވާލާފައި އޮތުމުން، މަގު ހެދުމުގެ މަސައްކަތަށް ހާއްސަކޮށް ކަމަށް ބުނެ އުފެއްދި ކުންފުންޏެކެވެ.