Advertisement

ޖައިޝަންކަރު، އެމްޑީޕީގެ ރައީސް ޝާހިދުއާ މިރޭ ބައްދަލުކުރައްވަނީ

10 އޮގަސްޓު 2024 - 17:59 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އިންޑިއާގެ ޖައިޝަންކަރު އާއި ޝާހިދު މީގެ ކުރިން ބައްދަލުކުރައްވަނީ: އޭރުގެ ފޮރިން މިނިސްޓަރާއި ޖައިޝަންކަރު މިރޭ ބައްދަލުކުރައްވާނެ --- ފޮޓޯ: ފޮރިން މިނިސްޓްރީ


ޖައިޝަންކަރު، އެމްޑީޕީގެ ރައީސް ޝާހިދުއާ މިރޭ ބައްދަލުކުރައްވަނީ

10 އޮގަސްޓު 2024 - 17:59 0

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު މިހާރު ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދުއާ ބައްދަލުކުރައްވަން ހަމަޖެހިއްޖެ އެވެ.

"އަދަދު" އަށް ކަށަވަރުވެފައިވާ ގޮތުގައި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ޝާހިދުއާ، ޖައިޝަންކަރު ބައްދަލުކުރައްވާނީ މިރޭގެ ވަގުތެއްގަ އެވެ. ޝާހިދު ހާރިޖީ ވަޒީރުކަމުގައި އިންޑިއާއާއެކު ގާތް ގުޅުމެއް ބޭއްވި އެވެ.

މިއީ ޖައިޝަންކަރުގެ ރަސްމީ ދަތުރެއްގައި ރާއްޖޭގެ އިދިކޮޅު ފަރާތަކާ ބައްދަލުކުރައްވާ ފުރަތަމަ ފަހަރެވެ. މީގެ ކުރިން 2023 އަދި 2022 ގައި އޭނާ ރާއްޖެ ވަޑައިގެންނެވި ނަމަވެސް އޭރު އިދިކޮޅުގައި އޮތް ޕީއެންސީ ކޯލިޝަނުގެ އިސްވެރިންނާ ބައްދަލެއް ނުކުރައްވަ އެވެ.

ތިން ދުވަހުގެ ރަސްމީ ދަތުރުގައި ޖައިޝަންކަރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިތުރުން، ފޮރިން މިނިސްޓަރު މޫސާ ޒަމީރު އަދި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫން އާވެސް ބައްދަލުކުރައްވައިފަ އެވެ. އަދި، ރާއްޖެއާ އިންޑިއާއާ ދެމެދު މަތީ ފަންތީގެ މަޝްވަރާތަކެއް ކުރިއަށް ގެންގޮސް ދެ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ.

ޖައިޝަންކަރުއާ މިއަދު ބައްދަލުކުރެއްވުމަށްފަހު ރައީސް މުއިއްޒު ވިދާޅުވީ އަވަށްޓެރި އިންޑިއާއާ ދެމެދު އޮންނަ ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރަން މި ސަރުކާރުން ފުރިހަމައަށް އެއްބާރުލުން ދޭނެ ކަމަށެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ރާއްޖެ ވަޑައިގެންފައި މިވަނީ އެ ގައުމާއެކު އޮތް ޒަމާނީ ގުޅުމަށް މި ސަރުކާރުގެ ކުރީކޮޅު އެރި ލޮޅުމުން އަރައިގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. ރައީސްގެ ވާހަކައިންވެސް ފާހަގަވެގެން ދިޔައީ ކުރިން އިންޑިއާއާ ދެކޮޅަށް ގެންގުޅުއްވި ސިޔާސަތުތައް ދޫކޮށް، އެ ގައުމާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމެވެ.