ކުރިން "އިންޑިއާ އައުޓު"، މިހާރު އިންޑިއާ އަށް ޝުކުރު

10 އޮގަސްޓު 2024 - 13:31 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

ރައީސް މުއިއްޒު (ކ) އަދި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ (ވ) -- ފޮޓޯ: ރައީސް އޮފީސް


ކުރިން "އިންޑިއާ އައުޓު"، މިހާރު އިންޑިއާ އަށް ޝުކުރު

10 އޮގަސްޓު 2024 - 13:31 1

އިންޑިއާ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރުމަށާއި އިންޑިއާއާމެދު ނަފުރަތު އުފައްދަން ހިންގި ކެމްޕޭނަށް ފަހު، އަދި ވެރިކަން ލިބުމަށް ފަހު ވެސް އިންޑިއާ އަށް ރައްދުކުރަމުން ދިޔަ އިހާނެތި ބަސްތަކަށް ފަހު، އެންމެ ފަހުން ރައީސް މުއިއްޒުގެ ޝުކުރު އިންޑިއާ އާއި އެ ގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް އަދާކުރައްވައިފި އެވެ.

އިންޑިއާ އަސްކަރިއްޔާ ރާއްޖޭން ބޭރުކުރުމަށް ހިންގި އިންޑިއާ އައުޓު ކެމްޕޭނުގައި ރައީސް މުއިއްޒާއި މި ސަރުކާރުގެ ވެރިން އިސްކޮށް ހަރަކާތްތެރިވެ، މޯދީގެ މާލި ހަދައިގެން ވެސް ދެއްކި އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރަށް ފަހު ރާއްޖެ ވަޑައިގެން އިންޑިއާއަށް ނިސްބަތް ކުރައްވާ ވިދާޅުވީ ރާއްޖެއަކީ "ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން" ކަމަށެވެ. އަދި ންޑިއާ ކަނޑަކީ ވަކި ގައުމެއްގެ މިލްކެއް ނޫން ކަމަށާއި ރާއްޖޭގެ ހިއްސާ ވެސް މި ކަނޑުގައި ބޮޑު ކަމަށެވެ.

އެކި ދާއިރާތަކުން އިންޑިއާއަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ. އެކަމަށްޓަކައި އިންޑިއާއަށް ބޭހަށް ދިޔުމާއި އިންޑިއާއިން ބޭސް ގެނައުން ވެސް ހުއްޓައިލާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ހިންގެވީ އިންޑިއާއިން ބުނާ ގޮތަށް ކަމަށް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

މިގޮތަށް ގަދަބަސް ވިދާޅުވުމަށް ފަހު، ރައީސް މުއިއްޒު އެންމެ ފަހުން ވަނީ މިއަދު ވަނީ މެދުކެނޑުމެއް ނެތި އިންޑިއާއިން ވެދެމުންދާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވައިފަ އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރުއާ މިއަދު ބައްދަލު ކުރެއްވުމަށް ފަހު، ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެކި ދާއިރާތަކުން އިންޑިއާއިން ދެމުންދާ އެއްބާރުލުމާއެކު ދެ ގައުމު ގުޅުން ބަދަހިވަމުންދާ ކަމަށެވެ.

"ޖައިޝަންކަރުއާ މިއަދު ބައްދަލުކުރެވި، 28 ރަށެއްގެ ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމުގެ މަޝްރޫއު ނިންމުން ވަނީ ފާހަގަކުރެވިފައި. އެކުގައި އަޅުގަނޑުމެންނަށް މި ސަރަހައްދަށް އުޖާލާ، ތަނަވަސް މުސްތަގުބަލެއް ބިނާކުރެވޭނެ،" ރައީސް މުއިއްޒު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.

މިއަދު އިފްތިތާހު ކުރި، 28 މަޝްރޫއުއަކީ އެމްޑީޕީގެ ވެރިކަމުގައި ހިންގި މަޝްރޫއުތަކެވެ.

ޖައިޝަންކަރުއާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް މުއިއްޒު ވިދާޅުވީ އިންޑިއާއާއެކު އޮންނަ ގާތް ގުޅުން ދިވެހިން ބަލައިގަންނަ ކަމަށެވެ. އެ ގުޅުން އިތުރަށް ބަދަހިކުރަން މި ސަރުކާރުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ އެންމެ ނުފޫޒުގަދަ އެއް ވަޒީރު ރާއްޖެ ވަޑައިގެންފައި މިވަނީ އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ޒަމާންވީ ގާތް ގުޅުމަށް، ރައީސް މުއިއްޒުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން، ބުރޫއެރުމަށް ފަހު، އެ ގުޅުން އިޔާދަކުރަން ދެ ގައުމުން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ.

ރައީސްގެ ވާހަކައިންވެސް ފާހަގަވެގެން ދިޔައީ ކުރިން އިންޑިއާއާ ދެކޮޅަށް ގެންގުޅުއްވި ސިޔާސަތުތައް ދޫކޮށް، އެ ގައުމާއެކު މަސައްކަތް ކުރެއްވުމަށް ތައްޔާރަށް ހުންނެވި ކަމެވެ.

އާ ގާނޫނު އަސާސީގެ ދަށުން ރާއްޖޭގައި މީގެ ކުރިން ވެރިކަން ކުރި ހަތަރު ރައީސްއިން ވެސް އެންމެ ފުރަތަމަ ވަޑައިގެންފައި ވަނީ އަވައްޓެރި އިންޑިއާ އަށެވެ. ނަމަވެސް، ނަމަވެސް އިންޑިއާ އައުޓު ކެމްޕޭން ވިއްކައިގެން ވެރިކަމަށް ވަޑައިގެންނެވި ރައީސް މުއިއްޒު ވަނީ އެ އާދަ މުގުރާލައި، އެ މަނިކުފާނުގެ ފުރަތަމަ ދަތުރު ތުރުކީވިލާތަށް ކުރައްވައިފަ އެވެ.

އިންޑިއާ އަށް ޝުކުރު އަދާކޮށް، ގުޅުން ވަރުގަދަ ކުރަން މި ފެށީ، ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި ގޮތަށް އިންޑިއާ އަށް ބަރޯސާވުން ކުޑަ ނުކުރެވި، އަދި އެހެން ގައުމަކުން މާލީ އެހީތެރިކަމެއް ލިބެން އުނދަގޫވެފައި ވަނިކޮށެވެ.