Advertisement

އައްޑޫ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިމިއްޖެ

10 އޮގަސްޓު 2024 - 12:07 1

ލީވާން އަލީ ނާސިރު

ލީވާން އަލީ ނާސިރު

އައްޑޫ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިމުން -- ފޮޓޯ: އެކްސް


އައްޑޫ ހަންކެޑެ ބްރިޖުގެ މަސައްކަތް ނިމިއްޖެ

10 އޮގަސްޓު 2024 - 12:07 1

އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް ތަރައްގީކުރާ "ހަންކެޑެ" އާއި އެ ސިޓީގެ ގުޅިފައިވާ ރަށްތަކާ ގުޅާލާ ހަންކެޑެ ބްރިޖްގެ މަސައްކަތް ނިންމައިލައިފި އެވެ.

އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުބްރަމަނިއަމް ޖައިޝަންކަރު ރާއްޖެއަށް މިހާރު ކުރައްވާ ތިން ދުވަހު ދަތުރުގެ ތެރެއިން އައްޑޫ ސިޓީއަށް ވަޑައިގެން، އެ މަޝްރޫއު އިފްތިތާހުކޮށްދެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.

"މަސައްކަތް އެއްކޮށް ނިމިފައި ވަނީ. މިހާރު ކުރިއަށް ދަނީ ވަރަށް ކުދި ކުދި ކަންކަން. އާންމުންނަށް އަދި ހުޅުވާލާނީ ފަހުން،" އައްޑޫ މޭޔަރު އަލީ ނިޒާރު ވިދާޅުވި އެވެ.

ނޫސްވެރިންނަށް ރޭ މައުލޫމާތު ދެއްވަމުން ޖައިޝަންކަރު ވިދާޅުވީ އައްޑޫއަށް ދަތުރުކުރައްވާނެ ކަމަށާއި އެ ދަތުރުގައި ހަންކެޑެ ބްރިޖުގެ އިތުރުން ބިން ހިއްކުމުގެ މަޝްރޫއު ނިންމުން ފާހަގަކުރާނެ ކަމަށެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ބްރިޖުގެ މަސައްކަތް އެއްކޮށް ނިމި، ތާރު އަޅައި މަގުބައްތިތައް ވެސް ވަނީ ހަރުކޮށްފަ އެވެ.

ހަންކެޑެ ބްރިޖުގެ މަސައްކަތް އިންޑިއާގެ އެފްކޮންސް ކުންފުނިން އޮކްޓޯބަރު، 2021 ގައި ފެށިއިރު އެ މަޝްރޫއުގެ ދަށުން 1.4 ކިލޯ މީޓަރުގެ ހަތަރު ލޭނުގެ ބްރިޖެއް ވަނީ ތަރައްގީކޮށްފަ އެވެ.

އައްޑޫގައި ހަންކެޑެ އިންޓަގްރޭޓެޑް ޓޫރިޒަމް ކޮންސެޕްޓަށް ޗައިނާގެ ނެޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކޮމްޕެނީ (ސީއެންއީއީސީ) އިން އަންނަނީ ތަރައްގީ ކުރަމުންނެވެ. ބޭންކު އޮފް ޗައިނާއިން 142.9 މިލިއަން ޑޮލަރު 2.3 ބިލިއަން ރުފިޔާގެ ލޯނު ނަގައިގެން ހިންގާ އެ މަޝްރޫއުގައި 1041 ކޮޓަރި (2082 އެނދު) ހުންނާނެ އެވެ.

އޭގެ އިތުރުން، ދެ ގްރޭންޑް ހޮޓެލް، ދެ ޑިލަކްސް ހޮޓެލް، 10 ބުޓީކް ހޮޓެލް، 64 ސާވިސްޑް އެޕާޓުމެންޓު، 17 ބީޗު ވިލާ ހުންނާނެ އެވެ. އޭގެ އިތުރުން ނޮލެޖު ސެންޓަރު، މިކްސް ސްޕޯޓްސް ބިލްޑިން، އައުޓްޑޯ ބީޗް ސްޕޯޓްސް، ތިއޭޓަރު އަދި ފުޑް ކޯޓާއި ރެސްޓޯރަންޓާއި ފިހާރަތައް ހިމެނެ އެވެ.

މިއީ ނިމިގެން ދިޔަ އެމްޑީޕީ ސަރުކާރުގެ ޕްލޭނެކެވެ. އެމްޑީޕީގެ ސަރުކާރު ނިމުނުއިރު، އޮތީ އެ މަޝްރޫއުއަށް ބޭނުންވާ ފައިސާ ހޯދައި، މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭ ހިސާބަށް ގޮސްފަ އެވެ.