Advertisement

ސްޕެއިނަށް އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ވެސް ރަން މެޑަލް

10 އޮގަސްޓު 2024 - 00:37 0

ސްޕެއިން ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް


ސްޕެއިނަށް އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ވެސް ރަން މެޑަލް

10 އޮގަސްޓު 2024 - 00:37 0

ޕެރިސް (އޮގަސްޓް 10) - ފައިނަލުގައި ފްރާންސް 5-3 އިން ބަލިކޮށް، ސްޕެއިނުން އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން 32 އަހަރަށް ފަހު ރަން މެޑަލް ހޯދައިފި އެވެ.

ސްޕެއިނުން އެންމެ ފަހުން ޓޯކިޔޯގައި ބޭއްވި އޮލިމްޕިކްސްގެ ފައިނަލުގައި ވަނީ، އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން، ބްރެޒިލް އަތުން ބަލިވެފަ އެވެ. އެކަމަކު، މިރޭގެ ފައިނަލުގައި އިތުރު ވަގުތުގެ ދެ ހާފް ކުޅެން ޖެހުނު ނަމަވެސް ސްޕެއިނުން ވަނީ ފްރާންސް ބަލިކޮށް، 1992 ވަނަ އަހަރަށް ފަހު ފުރަަތަމަ ފަހަރަށް އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓުން ރަން މެޑަލް ހޯދައިފަ އެވެ.

ޕާކް ޑޭސް ޕްރިންސެސް ސްޓޭޑިއަމްގައި ކުޅުނު ފައިނަލުގައި ފުރަތަމަ ލަނޑު ޖެހީ ފްރާންސުންނެވެ. އެ ގޮތުން، 11 ވަނަ މިނިޓްގައި އެންޒޯ މިލިޓް ފްރާންސަށް ލީޑުނަގައިދީފައިވަނިކޮށް، ސްޕެއިނުން ފުރަތަމަ ހާފުގައި ތިން ގޯލު ޖެހި އެވެ. މި ލަނޑުތައް ޖެހީ ފާމިން ލޮޕޭޒް ދެ ގޯލުގެ އިތުރުުން، އަލެކްސް ބައޭނާ އެވެ.

ފްރާންސް ޓީމުގެ މައިކަލް އޮލީސޭ އެ ޓީމުގެ ދެ ވަނަ ލަނޑަށް ފުރުސަތު ތަނަވަސްކޮށްދިނުމަށް ފަހު.-- ފޮޓޯ: ގެޓީއިމޭޖަސް


ތިއަރީ އޮންރީގެ ކޯޗުކަމުގައި ކުޅޭ، ފްރާންސް އިން ވަނީ ދެ ވަނަ ހާފުގައި ދެ ގޯލު ޖަހައި، ސްޕެއިނާ އެއްވަރުކޮށް، އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން ނަތީޖާ ނެރެން ޖައްސައިފަ އެވެ. ފްރާންސް އަށް އުންމީދެއް ހޯދައިދިނީ، 79 ވަނަ މިނިޓްގައި މެގްނަސް އަގްލިއޫޝޭ އެވެ. މިއީ، ފްރާންސްގެ މައިކަލް އޮލީސޭ ހިލޭޖެހުމަކުން ނެގި ބޯޅައަކަށް އަރައި، އަގްލިއުޝޭ ފައިން ޖެހި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

އިތުރު ވަގުތުގެ ތިން ވަނަ މިނިޓްގައި ފްރާންސަށް އެއްވަރުކޮށްދިނީ އެ ޓީމުގެ ކެޕްޓަން، ޖިއަން ފިލީޕް މަޓޭޓާ އެވެ. މިއީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން އަންގައިގެން، ދަނޑުގެ މޮނީޓަރުން ބަލައިފައި ދިން ޕެނަލްޓީ އެކެވެ. މިއީ، ސްޕެއިނުގެ ޖުއާން މިރަންޑާ އޭރިއާތެރެއިން ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ސްޕެއިން މޮޅުވީ އިތުރު ވަގުުތުގެ ކޮންމެ ހާފެއްގައި ލަނޑު ޖަހައިގެންނެވެ. މި ލަނޑުތައް ޖެހީ ބަދަލަކަށް ކުޅެން އެރި، ސާޖިއޯ ކަމޭއޯ އެވެ.

ކަމޭއޯ، ސްޕެއިންގެ ފަސް ވަނަ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.


ތިން ވަނަ ހޮވަން ކުޅުނު މެޗުގައި، މޮރޮކޯ އިން ވަނީ މިސްރުގެ މައްޗަށް ފަސޭހަ މޮޅެއް ހޯދައިފަ އެވެ. އެ ގޮތުން މިސްރު އަތުން މޮޮރޮކޯ މޮޅުވީ، 6-0 އިންނެވެ. މިއީ، މި ފަހަރުގެ މުބާރާތުގެ އެންމެ ތަފާތު ބޮޑު މޮޅެވެ.

އޮލިމްޕިކް ރަން މެޑަލާ އެކު، ސްޕެއިން މި ވަނީ އަނެއްކާ ވެސް މި ފަހުން އެ ޓީމުން ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ހޯދަމުން އަންނަ ކާމިޔާބީތަކަށް ބޮޅެއް އިތުރުކޮށްފަ އެވެ. މި ވަގުތު ސްޕެއިނަކީ، އޮލިމްޕިކް ފުޓްބޯޅަ ޗެމްޕިއަނުންގެ އިތުރުން، ޔޫރޯ ފުޓްބޯޅަ މުބާރާތާއި ފީފާ އަންހެން ވޯލްޑް ކަޕާއި ޔުއެފާ މެންސް އަދި ވިމެންސް ނޭޝަންސް ލީގާއި ޔުއެފާގެ 19 އަހަރުން ދަށުގެ ފިރިހެނުންނާއި އަންހެނުންގެ ޔޫރޯ ޗެމްޕިއަނުންނެވެ.

މި ފަހަރުގެ އޮލިމްޕިކްސްގެ ފުޓްބޯޅަ އިވެންޓުން ސްޕެއިން ދިޔައީ ހަތަރު ވަނަ އެވެ. އެއީ، ތިން ވަނަ ހޮވަން ކުޅުނު މެޗުން، 1-0 އިން ޖަރުމަނު އަތުން ބަލިވުމުންނެެވެ.