9 އޮގަސްޓު 2024 - 20:49 0
މުހައްމަދު ޝަހްޒާން
އެންޑީއެމްއޭއިންނާއި މޫސުމާ ބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފައި ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް -- ފޮޓޯ: އަދަދު
9 އޮގަސްޓު 2024 - 20:49 0
ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވަޔާއި ކަނޑުތައް ގަދަވުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ދުރާލައި ސަލާމަތީ ފިޔަވަޅުތައް ވަރުގަދަކޮށް ރައްކާތެރިވެ ތިބުމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިންނާއި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމެންޓު އޮތޯރިޓީން އިލްތިމާސްކޮށްފި އެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް އޮތް ފަސް ދުވަހު ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 45 މޭލާ ދެމެދުގެ ބާރު މިނަކަށް ވައިގަދަވެ ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
އެހެންކަމުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސް ކޮށްފައިވެ އެވެ. ވަކިން ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރު ފެށުމުގެ ކުރިން އެންމެ ފަހުގެ މޫސުމީ މައުލޫމާތު ހޯދައިގެން ދަތުރުތައް ކުރުމަށް މެޓް އޮފީހުން އިލްތިމާސް ކުރި އެވެ.
މެޓް އޮފީހުގެ އިލްތިމާސްއާ ގުޅިގެން އެންޑީއެމްއޭއިން ވަނީ ރައްކާތެރިކަމުގެ އިރުޝާދު ކަރުދާހެއް އާންމު ކޮށްފަ އެވެ. އެ ކަރުދާހުގައި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ބައެއް ފިޔަވަޅުތައް ވެސް ހިމަނައިފައިވެ އެވެ.
އެންޑީއެމްއޭއިން ދިން އިރުޝާދުގައި ބުނީ ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ތައްޔާރުވުމުގެ ގޮތުން ގޯތިގެދޮރަށް ފެން ނުވަންނާނޭހެން ގޭގޭގެ ދޮރުމަތީގައި ވެލިބަސްތާ ފަދަ ތަކެތި ޖެހުމަށް އިލްތިމާސް ކުރާ ކަމަށެވެ.
އަދި، ގޭތެރޭގައި ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުންވެދާނެ ފަދަ މުދާ ފެން ނުޖެހޭ ފަދަ އުސް ތަންތަނަށް ބަދަލު ކުރުމާއި ގަދަވައިގެ ސަބަބުން ފުރާޅު އެއްލައިލިޔަ ނުދިނުމަށްޓަކައި ވައު ފަދަ އެއްޗަކުން ފުރާޅު އެއްލައިނުލާނެ ފަދަ ގޮތަކަށް ހައްޔަރު ކުރުމަށް އެންޑީއެމްއޭއިން އިލްތިމާސް ކޮށްފައިވެ އެވެ.
އޭގެއިތުރުން، ބޭނުން ނުކުރާ ނަމަ ކަރަންޓުން ބޭނުން ކުރާ އާލާތްތައް ނިއްވާލާފައި ބެހެއްޓުމާއި ކަނޑުދަތުރު ކުރާ ފަރާތްތަކުން ދަތުރަށް ނުކުންނައިރު، ސަލާމަތީ ކަންކަމާއި މުވާސަލާތީ ނިޒާމު ފުރިހަމަ ކޮށްގެން މޫސުމަށް ބަލައިގެން ދަތުރު ކުރުމަށް ވެސް އެ އޮތޯރިޓީން އިލްތިމާސް ކޮށްފައިވެ އެވެ.
ކާޑުގެ ބާވަތްތަކާއި ޒަރޫރީ ތަކެއްޗަށް ދަތި ނުވާނެ ގޮތަށް ދުރާލައި ކަންކަން އިންތިޒާމު ކުރުމަށް ވެސް އެންޑީއެމްއޭއިން އިލްމާސް ކުރެ އެވެ.
Comment