Advertisement

ސިޔާސީ ވާހަކައެއް ދައްކައިގެން މޮރާޓާ އާއި ރޮޑްރީ އަށް ދިނީ އެއް މެޗުގެ ސަސްޕެންޝަނެއް

8 އޮގަސްޓު 2024 - 08:25 0


ސިޔާސީ ވާހަކައެއް ދައްކައިގެން މޮރާޓާ އާއި ރޮޑްރީ އަށް ދިނީ އެއް މެޗުގެ ސަސްޕެންޝަނެއް

8 އޮގަސްޓު 2024 - 08:25 0

މެޑްރިޑް (އޮގަސްޓް 8) - ސްޕެއިނުން ހަތަރު ވަނަ ފަހަރަށް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ބޭއްވި އުފާފާޅުކުރުމުގެ ޕެރޭޑުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން، އަލްވާރޯ މޮރާޓާ އާއި ވައިސް ކެޕްޓަން، ރޮޑްރީ، ސިޔާސީ ހަމަނުޖެހުން އުފެދޭ ފަދަ ވާހަކައެއް ދައްކާފައިވާތީ، ޔުއެފާ އިން އެ ދެ ކުޅުންތެރިންނަށް އަދަބުދީފި އެވެ.

އިންގްލެންޑް އަތުން 2-1 އިން މޮޅުވެ، ސްޕެއިން އިން މި ފަހަރުގެ ޔޫރޯ ކާމިޔާބު ކުރުމަށް ފަހު، މެޑްރިޑްގެ ސިބެލެސް ސްކޮޔާގައި ބޭއްވި ޝޯއެއްގެ ތެރެއިން ރޮޑްރީ ވަނީ ގިބްރޯލްޓާ އަކީ ސްޕެއިން ކަމަށް ބުނެފަ އެވެ. އަދި ރޮޑްރީގެ އެ ވާހަކައަށް ތާއީދުކޮށް، މޮރާޓާ ވަނީ، އެ ތަނަށް އެއްވެ، ތިބި އެތައް ހާސް ސަޕޯޓަރުން ވެސް އެ ޝުއޫރުފާޅުުކުރުމަށެވެ.

ސްޕެއިނުގެ ދެކުނު ބިތުގައި އިންވާ ގޮތަށް އޮތް ގިބްރޯލްޓާ އަކީ 18 ވަަނަ ގަރުނުން ފެށިގެން، އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތް ތަނަކެެވެ. އެކަމަކު، ސްޕެއިނުން ބުނާގޮތުގައި، އެއީ ސްޕެއިނަށް ނިސްބަތްވާ ތަނެކެވެ. އެހެންވެ، މި ދެ ގައުމުގެ މެދުގައި ވަނީ ސިޔާސީ ހަމަނުޖެހުންތަކެއް ބޮޑުވެފަ އެވެ.

ޔުއެފާގެ ފުލް މެމްބަރު ގައުމެއްގެ ގޮތުގައި، 2013 ވަނަ އަހަރުން ފެށިގެން މުބާރާތްތަކުގައި ވާދަކުރަމުން އަންނަ ގިބްރޯލްޓާ އިން ވަނީ ސްޕެއިން ކުޅުންތެރިންގެ މި ހަރަކާތް ކުށްވެރިކޮށް، ފިޔަވަޅު އަޅަން ޖެހޭ ކަމަށް ބުނެފަ އެވެ.

އެއާ އެކު، ޔުއެފާ އިން އެ މައްސަލަ ބަލައި، ރޮޑްރީ އާއި މޮރާޓާ އަށް ޖަވާބުދޭން ފުރުސަތު ދިނެވެ. އެކަމަކު، ރޮޑްރީ އާއި މޮރާޓާ އެ މުއްދަތުގައި، މާ ބޮޑަށް އެ އަށް ޖަވާބުދާރީވާން މަސައްކަތެއް ނުކުރެ އެެވެ. އެހެންވެ، ޔުއެފާ އިން މައްސަލަ ނިންމައި، ދެ ކުޅުންތެރިން ވެސް އެއް މެޗަށް ސަސްޕެންޑްކުރަން ނިންމީ އެވެ.

މިއާ އެކު، ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ސާބިއާއާ ދެކޮޅަށް ކުޅޭ މެޗަށް މޮރާޓާ އާއި ރޮޑްރީ ވަނީ ސަސްޕެންޑްވެފަ އެވެ.