7 އޮގަސްޓު 2024 - 14:13 0
7 އޮގަސްޓު 2024 - 14:13 0
މެޑްރިޑް (އޮގަސްޓް 7) - މެންޗެސްޓާ ސިޓީ އަށް ކުޅެމުން އަންނަ އާޖެންޓީނާ ގައުމީ ޓީމުގެ ފޯވާޑް، ޖޫލިއަން އަލްވަރޭޒް، ސްޕެއިނުގެ އެތުލެޓިކޯ މެޑްރިޑަށް ބަދަލުވުމާ ގާތަށް ޖެހިލައިފި އެވެ.
އަލްވަރޭޒް، 24، އަށް ސިޓީން މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އާ ކޮންޓްރެކްޓެއް ދިނެވެ. އެކަމަކު، އޭނާ އެ ޑީލަށް އެއްބަހެއްނުވި އެވެ. އެއީ، މިހާރު، ހަދާފައި އޮތް ޑީލަށް އިތުރު އެއް އަހަރު ހިމަނައި، މުސާރަ ބޮޑުކޮށްފަ އެެވެ. އެކަމަކު، 2029 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް ހަދަން އުޅުނު އެ ޑީލް ކުރިއަކަށް ނުދިޔަ އެވެ.
ސިޓީން ދިޔައީ އަލްވަރޭޒް އަށް އެކި ޕްރޮޕޯސަލް ހުށަހަޅައިގެން އޭނާ މަޑުކުރެވޭތޯ މަސައްކަތްކުރަމުންނެވެ. އެ އެ ގޮތުން، ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ދިން މީޑިއާ އިންޓަވިއުއެއްގައި ވެސް އޭނާ ބުނެފައިވަނީ، އަލްވަރޭޒް އެ ޓީމުގައި މަޑުކުރާނެ ކަމަށް އުންމީދުކުރާ ކަމަށާއި އެ ކަމުގެ އިތުބާރު ވެސް އެބައޮތް ކަމަށެވެ.
އެކަމަކު، އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ވަނީ އަމިއްލަ އަށް ފޯނުން ގުޅައިގެން، އަލްވަރޭޒަށް އެތުލެޓިކޯ އިން ހުރި ފުރުސަތުތައް ކިޔައިދީ، އޭނާ އެ ޓީމަށް ގެންނަން ކުރަން ކެހޭ ކަންކަން ހަމަޖައްސައިފަ އެެވެ.
އެންމެ ފަހުން، ސިޓީ އަށް ޖެހުނީ އަލްވަރޭޒް ވެސް ކްލަބް ބަދަލުކުރަން ބޭނުންވާތީ، އޭނާ އެތުލެޓިކޯ އަށް ވިއްކާލުމަށެވެ. ރިޕޯޓްތައް ބުނާގޮތުން، ސިޓީން އަލްވަރޭޒް ވިއްކާލަން ނިންމާފައިވާ އަގަކީ، ޖުމްލަ ޕެކޭޖް، 95 މިލިއަން ޑޮލަރަށް އަރާ ޑީލެއްގެ ދަށުންނެވެ. މިއީ، މިހާތަނަށް ސިޓީން ކުޅުންތެރިއަކު ވިއްކާލައިގެން ހޯދާނެ އެންމެ ބޮޑު އާމްދަނީ އެވެ. މީގެ ކުރިން ސިޓީ އަށް އެންމެ ބޮޑު އަގެއް ލިބުނީ، 2022 ވަަނަ އަހަރު 63 މިލިއަން ޑޮލަރަށް ޗެލްސީ އަށް ރަހީމް ސްޓާލިން ވިއްކާލިއިރު އެވެ.
އާޖެންޓީނާގެ ރިވަޕްލޭޓް ދޫކޮށް، ޖުމްލަ އެކު، 25 މިލިއަން ޑޮލަރަށް އަލްވަރޭޒް، ސިޓީ އަށް ބަދަލުވީ، 2022 ވަނަ އަހަރުގެ ޖޫން މަހުގަ އެވެ. އެ ޑީލް އޮތީ، އެ އަހަރުގެ ޖެނުއަރީގައި ވެސް އެއްބަސްވެފަ އެވެ. ސިޓީން ބޭނުންވީ، އަލްވަރޭޒް، ވެސް އެދޭތީ، ރިވަޕްލޭޓާ އެކު ސީޒަން ނިންމާފައި ސިޓީ އަށް ބަދަލުވުމަށެެވެ. އަލްވަރޭޒް ވަނީ ސިޓީއާ އެކު، ޕްރިމިއާ ލީގު ދެ ފަހަރު، ޗެމްޕިއަންސް ލީގާއި އެފްއޭ ކަޕާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕް ކާމިޔާބުކޮށްފަ އެވެ.
އެތުލެޓިކޯ އިން ވަނީ ޗެލްސީގެ އިނގިރޭސި މިޑްފީލްޑަރު، ކޮނާ ގެލަގާ، 40 މިލިއަން ޑޮލަރަށް ގަންނަން ނިންމައިފަ އެެވެ.
Comment