Advertisement

މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ޖަމާވީ ރޭގައި!

7 އޮގަސްޓު 2024 - 09:51 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މޯލްޑިވްސް ޕޯސްޓު ލިމިޓެޑު މާލޭގައި ހުންނަ އޮފީސް -- ފޮޓޯ: އަދަދު


މޯލްޑިވްސް ޕޯސްޓު ލިމިޓެޑުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ޖަމާވީ ރޭގައި!

7 އޮގަސްޓު 2024 - 09:51 0

މޯލްޑިވްސް ޕޯސްޓު ލިިމިޓެޑުގައި މަސައްކަތް ކުރާ މުވައްޒަފުންގެ މިދިޔަ މަހުގެ މުސާރަ، އޯގަސްޓު މަސް ފެށުނުތާ ހަ ދުވަސް ފަހުން ރޭ ޖަމާކޮށްފި އެވެ.

ޕޯސްޓު އޮފީހުން އާންމުކޮށް ކޮންމެ މަހެއް ވެސް ނިމުމުގެ ކުރިން އެ މަހެއްގެ މުސާރަ ޖަމާ ކުރެ އެވެ. މިއީ އެ ކުންފުނީގެ މުސާރަ ދިނުން މިހައި ލަސްވެގެންދިޔަ ފުރަތަމަ ފަހަރު ކަމަށް އެ ކުންފުނީގެ މުވައްޒަފުން ބުންޏެވެ.

ސަތޭކަ ޕަސެންޓު ސަރުކާރުގެ ހިއްސާ އޮންނަ ޕޯސްޓު ލިމިޓެޑުގެ މުވައްޒަފުންނަށް މުސާރަ ދިނުން ލަސްވެގެންދިޔައިރު، ރާއްޖޭގެ އިގުތިސާދީ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް ބުނެ ސަރުކާރުން ވަނީ ހަރަދު ކުޑަ ކުރުމުގެ ފިޔަވަޅުތަކެއް އެޅުމަށް ސަރުކާރުގެ ކުންފުނިތަކާއި މިނިސްޓަރީތަކަށް އަންގައިފަ އެވެ.

އެގޮތުން ކުރަން ސަރުކާރުން ނިންމި އެންމެ ބޮޑު ކަމަކީ ސިޔާސީ މުވައްޒަފުންގެ އަދަދު މަދު ކުރުމެވެ. ނަމަވެސް މިހައިތަނަށް ހަރަދު ކުޑަ ކުރުމުގެ ގޮތުން ސިޔާސީ އެއްވެސް މުވައްޒަފަކު މަދުކޮށްފައެއް ނުވެ އެވެ.

ސަރުކާރުގެ ސިޔާސީ މުވައްޒަފުންގެ ގޮތުގައި 2000 އެއްހައި މީހުން އެބަތިބި ކަމަށް އެކި ގޮތްގޮތުން "އަދަދު" އަށް ކަށަވަރުވެފައިވެ އެވެ. ނަމަވެސް ސިޔާސީ މުވައްޒަފުންގެ އަދަދު ރަސްމީކޮށް ސަރުކާރުން ހާމަ ނުކުރާތީ ސީދާ އަދަދެއް އަދި ނޭނގެ އެވެ.

މޯލްޑިވްސް ޕޯސްޓުގައި 200 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރެ އެވެ. އެ ކުންފުނިން އަތޮޅު ތެރޭގައި ހިންގާ 14 އަތޮޅު އޮފީހާ އެކު ޖުމުލަ 172 އެޖެންސީ އޮފީސް ހިންގަ އެވެ.

ޕޯސްޓަކީ ރާއްޖޭގައި އެންމެ ދުވަސްވީ އެއް ހިދުމަތެވެ. ޕޯސްޓުގެ ހިދުމަތް ރާއްޖޭގައި ފެށީ 1906 ވަނަ އަހަރެވެ. އެތަން ސަރުކާރުގެ 100 ޕަސެންޓު ހިއްސާވާ ކުންފުންޏަކަށް ބަދަލު ކުރީ 1994 ވަނަ އަހަރެވެ.