6 އޮގަސްޓު 2024 - 10:49 0
ސިފައިންތަކެއް، މަގުމަތީގައި ހަރަކާތްތެރިވަނީ. ސިފައިންގެއިން ވަކިކުރި މީހަކަށް ބަދަލުދޭން ސިިވިލްކޯޓުން ވަނީ ހުކުމްކޮށްފައި. ފޮޓޯ: އަބްދުﷲ އިޔާން/އަދަދު
6 އޮގަސްޓު 2024 - 10:49 0
މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ވަޒީފާއިން ނުހައްގުން ވަކި ކުރި މީހަކަށް ބަދަލުގެ ގޮތުގައި 1.8 މިލިއަން ރުފިޔާ ދޭން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.
ސާޖަންޓް ފަސްޓް ކްލާސް އަލީ ވަހީދު ވަޒީފާއިން ވަކި ކުރީ ނޮވެމްބަރު 25، 2013، ގަ އެވެ. އޭނާ ވަޒީފާއިން ވަކިކޮށްފައި ވަނީ ނުހައްގުން ކަމަށް ސުޕްރީމް ކޯޓުން މީގެ ކުރިން އޮތީ ކަނޑައަޅައިފަ އެވެ. އަދި ވަޒީފާ ރުޖޫއުކޮށްދިނުމަށް ވެސް އެންމެ މަތީ ކޯޓުން އޮތީ އަންގައިފަ އެވެ.
އަލީ ވަހީދު ވަޒީފާއިން ވަކިކޮށްފައި ވަނީ ސިފައިންގެ ހިދުމަތުގައި 30 އަހަރު ހޭދަ ކުރުމަށްފަހު ރިޓަޔާ ކުރުމަށް ހުށަހަޅާފައި އޮއްވަ އެވެ. ސުޕްރީމް ކޯޓުން މައްސަލަ ނިންމުމުން ޑިފެންސުން ވަނީ ނޮވެމްބަރު، 2020، ގައި އޭނާއަށް އަލުން ވަޒީފާ ދީފަ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ސިވިލް ކޯޓުން ނިންމީ އޭނާއަށް ބަދަލު ދިނުމުގެ މައްސަލަ އެވެ. އަލީ ވަހީދުގެ މައްސަލައިގައި ދައުލަތުން ޝަރުއީ އެކި މަރުހަލާތަކުގައި އެކި ސްޓޭންޑުތައް ނަގާފައިވާތީ ކޯޓުން ވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
އެ މައްސަލައިގައި އަލީ ވަހީދުގެ ފަރާތުން އެދިފައި އޮތީ ބަދަލުގެ ގޮތުގައި 2.1 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ. ނަމަވެސް ކޯޓުން ނިންމީ އޭނާގެ ވަޒީފާ ރުޖޫއަ ކުރި ދުވަހާ ހަމައަށް ދޭންޖެހޭ މުސާރަ އާއި އެލަވަންސްތަކާއެކު 1.8 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.
ސިވިލް ކޯޓުގެ ގާޒީ އާދަމް ޒާލިފް ކުރެއްވި ހުކުމުގައި ޑިފެންސްގެ މައްޗަށް އަމުރުކޮށްފައި ވަނީ އަލީ ވަހީދަށް ބަދަލުގެ ގޮތުގައި ދޭން ކަނޑައެޅި ފައިސާ 15 ދުވަހުގެ ތެރޭގައި އޭނާއަށް ދިނުމަށެވެ.
Comment