Advertisement

މަރުގެ ކުށް ސާބިތުނުވިޔަސް ޝަމީމް މަރުވީ އާބިދުގެ ހަމަލާއިން ކަން ސާބިތުކުރެވޭނެ: ދައުލަތް

4 އޮގަސްޓު 2024 - 14:40 0

މޫސާ ނާޝިއު

މޫސާ ނާޝިއު

ޚާންޖީ ރެސްޓޯރަންޓްގެ ވެއިޓަރު ޝަމީމް މަރާލި ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ އެ ރެސްޓޯރަންޓްގެ ވެއިޓަރު އާބިދު: --- ފޮޓޯ:ސޯޝަލް މީޑިއާ


މަރުގެ ކުށް ސާބިތުނުވިޔަސް ޝަމީމް މަރުވީ އާބިދުގެ ހަމަލާއިން ކަން ސާބިތުކުރެވޭނެ: ދައުލަތް

4 އޮގަސްޓު 2024 - 14:40 0

ހުޅުމާާލޭގެ ހާންޖީ ރެސްޓޯރެންޓުގައި މަސައްކަތް ކުރަމުން ދިޔަ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝަމީމް މަރާލި ކުށް އެ ދައުވާކޮށްފައިވާ ޕާކިސްތާނުގެ މުހައްމަދު އާބިދުގެ މައްޗަށް ސާބިތުނުވިއަސް ޝަމީމް މަރުވީ އާބިދު ދިން ހަމަލާގެ ސަބަބުން ކަން ސާބިތުކުރެވޭނެ ކަމަށް ދައުލަތުން މިއަދު ކޯޓުގައި ބުނެފި އެވެ.

މިއަދު ކްރިމިނަލް ކޯޓުގައި އޮތީ ދެ ފަރާތުން ހުލާސާ ބަޔާން އިއްވުމުގެ އަޑުއެހުމެވެ. ހުލާސާ ބަޔާނަކީ ޝަރީއަތުގެ ހުރިހާ މަރުހަލާއެއް ނިންމުމަށް ފަހު ހުކުމް ކަނޑައެޅުމުގެ ކުރިން ހަސްމުންނަށް ޝަރީއަތުގައި ހިނގައިދިޔަ ކަންކަން ހުލާސާ ގޮތެއްގައި ކިޔައިދީ، ފަހު ބަސް ބުނުމަށް ދެވޭ ފުރުސަތެކެވެ.

މިއަދު ބޭއްވި އެ އަޑުއެހުމުގައި ދައުލަތުގެ ވަކީލުން ބުނީ ދައުލަތުން އުފުލި މަރުގެ ދައުވާ ސާބިތުނުވި ނަމަވެސް ދައުލަތުން ހުށަހެޅި ހެކިތަކުން، ގާނޫނެއްގައި ބަޔާން ކުރާ އެހެން ޖިނާއީ ކުށެއް ސާބިތުވާނަމަ އެ ކުށަކަށް އަދަބު ކަނޑައެޅޭނެ ކަމަށެވެ.

އެ ގޮތުން ދައުލަތުން ދެކެނީ ތޫނު ހަތިޔާރު ބޭނުންކުރުން މަނާކުރުމުގެ ގާނޫނުގައި ބަޔާންކުރާ ތޫނު ހަތިޔާރު ބޭނުންކުރުމުގެ ސަބަބުން މީހަކު މަރުވުމުގެ ކުށް އާބިދުގެ މައްޗަށް ސާބިތުކުރެވޭނެ ކަމަށެވެ.

ދައުލަތުގެ އެ ނުކުތާއާ ގުޅޭ ގޮތުން ވާހަކަ ދައްކަން ދިފާއީ ވަކީލު މިއަދު ތައްޔާރުތޯ، މައްސަލަ ބައްލަވާ ގާޒީ އިސްމާއީލް ޝަފީއު ސުވާލު ކުރެއްވުމުން ދިފާއީ ވަކީލު ވިދާޅުވީ އެ ކަމަށް ތައްޔާރުވުމަށް އަދި ފުރުސަތެއް ބޭނުންވާ ކަމަށެވެ.

އެހެންވެ މިއަދުގެ އަޑުއެހުން ނިންމާލައި، އަންނަ ހޮނިހިރު ދުވަހު ހުލާސާ ބަޔާން އިއްވުމަށް އަޑުއެހުމެއް ތާވަލުކުރަން ގާޒީ ނިންމެވި އެވެ. އަދި ދައުލަތުގެ އެދުމުގެ މަތިން އެ ދުވަހުގެ އަޑުއެހުން މެންދުރު 12:30 ގައި ބޭއްވުމަށް ގާޒީ ޝަފީއު ނިންމެވި އެވެ.

އާބިދަށް ކުރާ ދައުވާގައި ވަނީ އޭޕްރީލް 16، 2021 ވަނަ ދުވަހު ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ނިރޮޅުމަގު 19 ނަންބަރު ގޯޅިގައި ހުންނަ ޚާންޖީ ރެސްޓޯރެންޓްގެ ބަދިގެ ތެރޭގައި ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝާމީމަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލި ކަމަށެވެ.

އާބިދު ހައްޔަރުކޮށްފައި ވަނީ ހުޅުމާލޭ ދެވަނަ ފޭސްގެ ގޮނޑުދޮށުގައި ފިލައިގެން އުޅެނިކޮށެވެ. އާބިދު އަތުލައިގަތީ ވެއިޓަރަށް ހަމަލާދިނުމަށް ފަހު ފިލައިގެން އުޅޭތާ ނުވަ ވަރަކަށް ގަޑިއިރު ފަހުންނެވެ. އޭނާ ހޯދަން ވެގެން އޭނާގެ ފޮޓޯ ވެސް ފުލުހުން އޭރު އޮތީ އާއްމުކޮށްފަ އެވެ.

އާބިދު ދަންނަ މީހުން ބުނާ ގޮތުގައި އޭނާއަކީ ވަރަށް އަވަހަށް ރުޅި އަންނަ މީހެކެވެ. މީގެ ކުރިން ވެސް ރެސްޓޯރެންޓް ތެރޭގައި އޭނާ މާރާމާރީއެއް ހިންގާފައިވެ އެވެ.

ޚާންޖީ ރެސްޓޯރެންޓްގައި މަސައްކަތްކުރާ ބަންގްލަދޭޝް ވެއިޓަރު އެމްޑީ ޝާހިން މަރާލީ ރެސްޓޯރެންޓް ބަދިގެ ތެރޭގައި އާބިދުއާ އެ ވެއިޓަރާ ދެމެދު ހިނގި ދެބަސްވުމަކަށްފަހު އެވެ. އާބިދު އޭނާ މަރާލިކަމަށް ތުހުމަތުކުރެވެނީ ވަޅިއަކުން ކަރަށާއި މެޔަށް ހަމަލާދީގެންނެވެ.