3 އޮގަސްޓު 2024 - 12:15 1
މުހައްމަދު ނަސީމް
ަްސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ "އަދަދު" އަށް ކުރިން އިންޓަވިއުއެއް ދެއްވަނީ. ފޮޓޯ: މިރާޝް ނާޝިމް/އަދަދު
3 އޮގަސްޓު 2024 - 12:15 1
މާލޭގެ ހަ ޕަސެންޓް ގޭބިސީތަކާއި ހުޅުމާލޭގެ 15 ޕަސެންޓް ގޭބިސީތަކުގެ ކަރަންޓް ބިލު ގަބޫލުނުކުރެވޭ ވަރަށް ބޮޑުވެފައިވާ ކަމަށް ދައުލަތުގެ ކަރަންޓު ކުންފުނި، ސްޓެލްކޯއިން އެއްބަސްވެއްޖެ އެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހުސައިން ފަހުމީ ވިދާޅުވީ މާލޭގެ ހަ ޕަސެންޓް ގޭބިސީތަކާއި ހުޅުމާލޭގެ 15 ޕަސެންޓް ގޭބިސީތަކުގެ ކަރަންޓު ބިލު ބޮޑުވެފައި ވަނީ ކަސްޓަމަރުންގެ އިތުރުން، ސްޓެލްކޯއަށް ވެސް "އެކްސްޕްލެނޭޝަނެއް ބޭނުންވާ" މިންވަރަކަށް ކަމަށެވެ. އެ ބިލުތައް "އިންތިހާއަށް" ބޮޑުވެފައިވާ ކަމަށެވެ.
"މާލެއަށް ބަލާ އިރު ހަ ޕަސެންޓް ބިލު އެބަ އުޅޭ ހަމަ އިންތިހާއަށް ބޮޑު އިނގޭތޯ،އަޅުގަނޑުމެންނަށް ވެސް އޭގެ އެކްސްޕްލެނޭޝަނެއް ބޭނުންވާ އަދި އެކްސްޕްލެނޭޝަން ކަސްޓަމަރުންނަށް ވެސް ބޭނުންވާނެ ކަމަށް އަަޅުގަނޑު ގަބޫލުކުރާ ހަ ޕަސެންޓެއް އެބަ އުޅޭ،" ފަހުމީ ވިދާޅުވި އެވެ.
"އެއީ މާލޭގައި އިނގޭތޯ، އެހެން ނަމަވެސް ހުޅުމާލޭގައި މި އަދަދަށް ބަލާއިރުގައި 15 ވަރަކަށް ޕަސެންޓު އެބަ އުޅޭ ބިލު ހަމަ ވަރަށް ބޮޑު، އެ އެކްސްޕްލެނޭޝަން އަޅުގަނޑުމެންނަށް އެނގެން ޖެހޭ އަދި ކަސްޓަމަރުންނަށް ވެސް އެ އެކްސްޕްލެނޭޝަން ބޭނުންވާ، ފަނަރަ ވަރަކަށް ޕަސެންޓް ބިލު ބޮޑު ހަމަ، ވަރަށް ބޮޑުތަން ބޮޑު،"
އޭނާ ވިދާޅުވި ގޮތުގައި އެކަން އެހެން ދިމާވި ސަބަބު ސްޓެލްކޯއިން ޓެކްނިކަލްކޮށް ބަލާނެ އެވެ. އެގޮތުން ގޭގެއަށް ޒިޔާރަތްކޮށް، ހަކައިތައިގެ އޮޑިޓެއް ހަދާނެ ކަމަށާއި ސްޓެލްކޯގެ ޓީމުތައް ފޮނުވާނެ ތަންތަން ކަނޑައަޅާނީ ތަފާސްހިސާބުތަކަށް ބަލައިގެން ކަމަށް ވެސް ވިދާޅުވި އެވެ.
"އެ އެޕާޓްމަންްޓްތަކަށް ވިޒިޓްކޮށްފައި އަޅުގަނޑުމެން އެނަޖީ އޮޑިޓެއް ކުރަން މި ނިންމީ، އެތަންތަނުގެ ހާލަތު ބަލައި، އެ ތަންތަނުގައި ބޭނުންކުރަނީ ކޮންކަހަލަ އާލާތްތަކެއްތޯ، [ކޮން ކަހަލަ] އެއާކޮންޑިޝަންތަކެއްތޯ އަދި ބޭނުންކުރާ ޖުމްލަ އެޕާޓްމަންޓްތަކުގެ އިންސިއުލޭޝަން ހުރީ ކިހިނެތްތޯ ބަލައި، އެ ކަސްޓަމަރުންނަށް އަޅުގަނޑުމެން ބޭނުންވަނީ އެ މައުލޫމާތު ދޭން،" ފަހުމީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އެ މަސައްކަތް އެހެން ކުރުމުން، ކަރަންޓު އިގުތިސާދުކުރަން ކަސްޓަމަރުންނަށް ވެސް ފަސޭހަވާނެ އެވެ. ކަރަންޓު ބިލު ބޮޑުވަނީ ކޮން ކަންތައްތަކަކުންތޯ ބަަލައި ފިޔަވަޅު އަޅަން ވެސް އޭރުން ފަސޭހަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބިލު ހެދުމުގައި އެއްވެސް އޮޅުވައިލުމެއް ނޯންނާނެ ކަމަށް، ނޫސްވެރިންގެ ބައްދަލުވުން ނިންމަވައިލައްވަމުން ފަހުމީ ތަކުރާރުކޮށް ވިދާޅުވި އެވެ.
Comment