Advertisement

އާޖެންޓީނާ ކަޓުވާލައި ފްރާންސް އޮލިމްޕިކްސްގެ ސެމީ އަށް، މެޗަށް ފަހު ހަމަނުޖެހުންތަކެއް

3 އޮގަސްޓު 2024 - 08:25 0


އާޖެންޓީނާ ކަޓުވާލައި ފްރާންސް އޮލިމްޕިކްސްގެ ސެމީ އަށް، މެޗަށް ފަހު ހަމަނުޖެހުންތަކެއް

3 އޮގަސްޓު 2024 - 08:25 0

ބޯޑޯ، ފްރާންސް (އޮގަސްޓް 3) - މިހާރު ކުރިއަށްދާ އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓްގެ ކުއާޓާ ފައިނަލުގައި 1-0 އިން އާޖެންޓީނާ ބަލިކޮށް، އެ ޓީމު ކަޓުވާލުމަށް ފަހު ފްރާންސް އިން ސެމީ ފައިނަލަށް ދަތުރުކުރި މެޗަށް ފަހު ހަަމަނުޖެހުންތަކެއް ހިނގައިފި އެވެ.

ފްރާންސް އިން މޮޅުވީ، މެޗުގެ ފަސް ވަނަ މިނިޓްގައި، ޖިއަން ފިލީޕޭ މަޓޭޓާ ޖެހި ގޯލުންނެވެ. މިއީ މައިކަލް އޮލީސޭ ނަގައިދިން ކޯނަރަކުން މަޓޭޓާ ބޮލުން ޖެހި ގޯލެކެވެ.

އާޖެންޓީނާ އަށް އެއްވަރުކޮށްދޭން އެ ޓީމުގެ، ގިއުލިއާނޯ ސިމިއޯނީ ބޮލުން ޖެހި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ އެވެ.

މެޗުގެ ދެ ވަނަ ހާފުގައި ފްރާންސްގެ އޮލީސޭ އެ ޓީމަށް ޖަހައިދިން ގޯލު ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ނިންމީ ބަލައިނުގަންނާށެެވެ. އެއީ، މެގްނަސް އަލިއޫޝޭ ފައުލެއް ކުރި ފަހުން، އޮލީސޭ އެ ބޯޅަ ގޯލަށް ފޮނުވާލާފައިވާތީ އެވެ.


އިތުރު ވަގުތުގެ ގޮތުގައި ދެއްކި 10 މިނިޓް ނިމުމާ އެކު، ދެ ޓީމުގެ ސަޕޯޓަރުން ދަނޑަށް އަރައި، ހަމަނުޖެހުންތަކެއް ހިނގި އެވެ. ފްރާންސްގެ ކޯޗު، ތިއަރީ އޮންރީ އާއި އާޖެންޓީނާގެ ކޯޗު، ހަވިއޭ މަޝެރާނޯއާ ދެމެދު ވެސް ބަހުގެ ހަމަލާ ބަދަލުކުރުމުގެ ކަންތައްތަކެއް ހިނގި އެވެ. އެކަމަކު، ފަހުން، އޮންރީ އާއި މަޝެރާނޯ އުޅުނީ ޓީމުގެ އޮފިޝަލުންނާއި ކުޅުންތެރިން މަސަލަސް ކުރުމުގަ އެވެ.

ދާދި ފަހުން، އާޖެންޓީނާ އިން ކޮޕަ އެމެރިކާ ކާމިޔާބު ކުރުމަށް ފަހު، އުފާފާޅުކުރުމުގެ ތެރޭގައި ފްރާންސް ކުޅުންތެރިންނާ ދިމާކޮށްލި މައްސަލައިގައި ދެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނާއި ކުޅުންތެރިންގެ މެދުގައި ވަނީ މައްސަލަ ގޯސްވެފަ އެވެ. އެެހެންވެ، ރޭގެ މެޗަށް ފަހު ކަންތައްތަކެއް ހިނގުމުގެ ފުރުސަތު އޮތްކަމަށް ކުރިން ވެސް ބެލެވުނެވެ.

ފްރާންސް އިން ސެމީ ފައިނަލުގައި ނުކުންނާނީ، މިސްރާ ދެކޮޅަށެވެ. މިސްރުން ވަނީ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ޕެރަގުއޭ ބަލިކޮށްފަ އެވެ. އަނެއް ސެމީ ފައިނަލުގައި ސްޕެއިން ކުޅޭނީ މޮރޮކޯއާ އެވެ. ކުއާޓާ ފައިނަލުގައި ސްޕެއިނުން، 3-0 އިން ޖަޕާން ބަލިކުރިއިރު، މޮރޮކޯ އިން ވަނީ، 4-0 އިން އެމެރިކާ ބަލިކޮށްފަ އެެވެ.

މޮރޮކޯ އާއި މިސްރު ސެމީ އަށް ދަތުރުކުރުމަކީ، އެފްރިކާ ފުޓްބޯޅަ އަށް ތާރީހީ ކަމެކެވެ. މިއީ އޮލިމްޕިކްސް ފުޓްބޯޅަ އިވެންޓެއްގައި، އެފްރިކާގެ ދެ ޓީމެއް ސެމީގައި ކުޅޭ ފުރަތަމަ ފަަހަރެވެ.