2 އޮގަސްޓު 2024 - 20:23 0
މުހައްމަދު އުޝާމް
މިނިސްޓަރު ޑރ. ޝަހީމް: ހާނިއްޔެ ކަށު ނަމާދު ކުރުން ލުއިކޮށް ގެންދިއުމުން އަމާޒުވި ފާޑުކިޔުމަށް ރައްދު ދެއްވައިފި - ފޮޓޯ: ރައީސް އޮފީސް
2 އޮގަސްޓު 2024 - 20:23 0
ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށު ނަމާދު ކުރަން އެންގުމުގެ ބަދަލުގައި އެ ކަން އިމާމުންގެ އިހުތިޔާރަށް ދޫކޮށްލީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބަކަށް ނުވާތީ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.
ފަލަސްތީނުގެ ބޮޑު ވަޒީރު ކަން ވެސް ކުރައްވާފައިއިވާ ހަނިއްޔާގެ މައްޗަށް ޣައިބަށް ކަށު ނަމާދު ކުރަން ބޭނުންވާ އިމާމުންނަށް އެ ފުރުސަތު މިއަދު ހުކުރު ނަމާދަށް ފަހު އޮންނާނެ ކަން އިމާމުންނަށް މިނިސްޓްރީން އެންގީ މިއަދު ހެނދުނުގެ ވަގުތެއްގަ އެވެ.
ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ލިޔުއްވީ "މިއަދު ހެނދުނު އިމާމުންގެ ވައިބާ ގްރޫޕެއްގަ ‘ކަށު ނަމާދު ކުރަން ބޭނުން އިމާމަކަށް ކަށު ނަމާދު ކުރުމުގެ ފުރުސަތު އޮތްކަން’ ދަންނަވާލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ކަމަށެވެ.
ޒާހިރުގެ ޕޯސްޓަށް "އަދަދު" ނޫހުގައި ޝާއިއުކޮށްފައިވާ ހަބަރެއް ހިއްސާކުރައްވަމުން ޝަހީމްގެ އެކްސް އެކައުންޓުން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ޣައިބަށް ކަށު ނަމާދު ކުރުމަކީ ވާޖިބެއް ކަމަށް ޒާހިރަށް ފެނިވަޑައިގަންނަވާނަމަ އެ ކަމުގެ ދަލީލެއް ދައްކަވައި ދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ދީނީ ކަމެއް ތި ގޮތަށް ސިޔާސީ ކޮށްލުމަކީ ވަރަށް ބޮޑު ނުބައެއް، ސަރުކާރާ މެދު ނަފުރަތު އުފައްދަން ތި ކުރާ މަސައްކަތް ހުއްޓާލަން ޖެހޭ،" މީގެ ކުރިން ވެސް ދެ ސަރުކާރެއްގައި އިސްލާމިކް މިނިސްޓަރުކަން ކުރައްވާފައިވާ ޝަހީމް ވިދާޅުވި އެވެ.
މިއަދުގެ ހުކުރު ނަމާދަށް ފަހު ހުރިހާ މިސްކިތެއްގައި ކަށު ނަމާދު ކުރި ކަމަށް ބުނެ ދައުލަތު މީޑިއާ، ޕީއެސްއެމުން ހަބަރު ވެސް ފަތުރާވާފައިވެ އެވެ. އެކަމަކު ވަރަށް ގިނަ މިސްކިތްތަކުގައި ކަށު ނަމާދު ނުކުރާ ކަން ވަރަށް ގިނަ އާންމުން ބުނަމުންދާއިރު ބައެއް އިމާމުން ވެސް އެ ކަން ކަށަވަރުކޮށްދެ އެވެ.
ޝަހީމްގެ ޕޯސްޓުން ވެސް ބެލެވެނީ ހުރިހާ މިސްކިތެއްގައި ހުކުރު ނަމާދަށް ފަހު ކަށު ނަމާދު ނުކުރާ ކަމެވެ.
ހަނިއްޔާގެ މައްޗަށް ކަށު ނަމާދު ކުރުން އާންމު ގޮތަކަށް ދަންނަވާލާފައިވާ ކަން ފެންނަން އޮތް އިރު އޭނާ ޝަހީދުކޮށްލުން ސަރުކާރުން ކުށްވެރިކޮށް ބަޔާނެއް ނެރުނީ ވެސް ހާނިއްޔަގެ ޖަނާޒާ ވެސް ބޭއްވި ފަހުންނެވެ. ދެ ޕެރެގުރާފުގެ ކުރު ބަޔާނުގައި އިޒްރޭލުން ހިންގާ ގަތުލުއާންމާ ގުޅޭ އެއްވެސް ކަމެއް ލިޔެފައި ނެތުމުން ވެސް އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.
Comment