Advertisement

ހަނިއްޔާގެ ކަށު ނަމާދު ކުރުން އިހުތިޔާރީކޮށްލުން ބަލައެއް ނުގަނެވޭ: ކުރީގެ އިސްލާމިކް މިނިސްޓަރު ޒާހިރު

2 އޮގަސްޓު 2024 - 17:59 1

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް

ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ: ހާނިއްޔެގެ މައްޗަށް ކަށު ނަމާދު ކުރުން އިހުތިޔާރީ ކޮށްލުމުން ކަންބޮޑުވުން ފާޅުކޮށްފި - ފޮޓޯ: އަދަދު ފައިލް


ހަނިއްޔާގެ ކަށު ނަމާދު ކުރުން އިހުތިޔާރީކޮށްލުން ބަލައެއް ނުގަނެވޭ: ކުރީގެ އިސްލާމިކް މިނިސްޓަރު ޒާހިރު

2 އޮގަސްޓު 2024 - 17:59 1

ހަމާސްގެ ލީޑަރު އަދި ފަލަސްތީނުގެ ކުރީގެ ބޮޑު ވަޒީރު އިސްމާއީލް ހަނިއްޔާގެ މައްޗަށް ރާއްޖޭގެ ހުރިހާ މިސްކިތެއްގައި ޣައިބަށް ކަށު ނަމާދު ކުރަން އެންގުމުގެ ބަދަލުގައި އެ ކަން އިމާމުންނަށް އިހުތިޔާރީ ކޮށްލުން ބަލައެއް ނުގަނެވޭނެ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެ އެވެ.

މިއަދުގެ ހުކުރު ނަމާދަށް ފަހު ހުރިހާ މިސްކިތެއްގައި ކަށު ނަމާދު ކުރި ކަމަށް ބުނެ ދައުލަތު މީޑިއާ، ޕީއެސްއެމުން ހަބަރު ވެސް ފަތުރާވާފައިވެ އެވެ. އެކަމަކު ވަރަށް ގިނަ މިސްކިތްތަކުގައި ކަށު ނަމާދު ނުކުރާ ކަން ވަރަށް ގިނަ އާންމުން ބުނަމުންދާއިރު ބައެއް އިމާމުން ވެސް އެ ކަން ކަށަވަރުކޮށްދެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިސްލާމިކް މިނިސްޓަރަކަށް ހުންނެވި ޒާހިރުގެ އެކްސް އެކައުންޓުން މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އޭނާ ވެސް ނިސްބަތްވާ އަދާލަތު ޕާޓީން މިދިޔަ ބުދަ ދުވަހު ހާނިއްޔަގެ މައްޗަށް ހުކުރު ނަމާދަށް ފަހު ކަށު ނަމާދު ކުރަން ސަރުކާރުގައި އެދުނު ކަމަށެވެ.

އިސްލާމިކް މިނިސްޓްރީން، އިދިކޮޅު ޕާޓީއެއްގެ ގޮތުގައި މި ވަގުތު އޮތް އަދާލަތު ޕާޓީއަށް ރަސްމީ ޖަވާބެއް ދީފައި ނުވާ ކަމަށާއި ކަށު ނަމާދު ކުރުމުގެ ފުރުސަތު އޮތް ކަން ވެސް އެންގީ އިމާމުންގެ ވައިބާ ގްރޫޕަށް މިއަދު ހެނދުނު ފޮނުވި މެސެޖެއްގައި ކަމަށް ޒާހިރު ވިދާޅުވި އެވެ.

"މިއަދު ހެނދުނު އިމާމުން ތިއްބަވާ ވައިބާ ގްރޫޕެއްގަ ‘ކަށުނާދު ކުރަން ބޭނުން އިމާމަކަށް ކަށުނަމާދު ކުރުމުގެ ފުރުސަތު އޮތްކަން’ ދަންނަވާލުމަކީ އެއް ގޮތަކަށް ވެސް ބަލައި ގަނެވޭނެ ކަމެއް ނޫން،" ޒާހިރުގެ ޕޯސްޓުގައި އޭނާ ލިޔުއްވާފައިވެ އެވެ.

ހަނިއްޔާގެ މައްޗަށް ކަށު ނަމާދު ކުރުން އާންމު ގޮތަކަށް ދަންނަވާލާފައިވާ ކަން ފެންނަން އޮތް އިރު އޭނާ ޝަހީދުކޮށްލުން ސަރުކާރުން ކުށްވެރިކޮށް ބަޔާނެއް ނެރުނީ ވެސް ހާނިއްޔަގެ ޖަނާޒާ ވެސް ބޭއްވި ފަހުންނެވެ. ދެ ޕެރެގުރާފުގެ ކުރު ބަޔާނުގައި އިޒްރޭލުން ހިންގާ ގަތުލުއާންމާ ގުޅޭ އެއްވެސް ކަމެއް ލިޔެފައި ނެތުމުން ވެސް އާންމުންގެ ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް ވަނީ އަމާޒުވެފަ އެވެ.