1 އޮގަސްޓު 2024 - 11:26 0
ލީވާން އަލީ ނާސިރު
ޕީސް ކޭބަލް ކުޅުއްދުއްފުއްޓާ ގުޅާލުން: އެ ކޭބަލްގެ ހިދުމަތް ދޭން ވަނީ ފަށާފައި -- ފޮޓޯ: އުރީދޫ
1 އޮގަސްޓު 2024 - 11:26 0
އުރީދޫ މޯލްޑިވްސްއިން އިންވެސްޓުކޮށްގެން، ސިންގަޕޫރާއި ޔޫރަޕާއި އެފްރިކާގެ ރާއްޖެއާ ގުޅާލެވޭ ގޮތަށް ކުޅުދުއްފުށްޓަށް އަޅާފައިވާ ބައިނަލްއަގުވާމީ "ޕީސް ކޭބަލް" ގެ ހިދުމަތް ދޭން ފަށައިފި އެވެ.
އުރީދޫއިން ބުނީ ހުޅުމާލެ ފިޔަވައި އިތުރު ރަށަކަށް އެޅި ފުރަތަމަ ބައިނަލްއަގުވާމީ އެ ސަބްމެރިން ކޭބަލްގެ ހިދުމަތް ފެށުމާއެކު، ރާއްޖެއާއި ޔޫރަޕް އަދި ސިންގަޕޫރު ގުޅާލެވިފައިވާ ކަމަށެވެ.
"އުރީދޫއިން ރާއްޖޭގެ އާބާދީގެ 60 ޕަސަންޓު މީހުންނަށް މިހާރު 5G ގެ ހިދުމަތް މިވަނީ ފޯރުކޮށްދީފައި. ކުރިއަށް އޮތްތަނުގައި އަމާޒަކީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށް 5G ގެ ހިދުމަތް ފޯރުކޮށްދިނުން،" އުރީދޫ މޯލްޑިވްސް އެމްޑީ އަދި ސީއީއޯ ހާލިދު އަލް ހަމާދީ ވިދާޅުވި އެވެ.
އެ ކޭބަލްއާއެކު މުވާސަލާތީ ހިދުމަތް ދިނުމުގައި އިތުރު ފަސޭހަތަކެއް ލިބި، ހިދުމަތްތައް އިތުރަށް ފުޅާކުރަން ފަސޭހަ ވެގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
މިއީ އޭޝިއާ އާއި އެފްރިކާ އަދި ޔޫރަޕް ގުޅުވާލާ 15،000 ކިލޯމީޓަރުގެ ސަބްމެރިން ކޭބަލްއެކެވެ. އެ ބިޔަ މަޝްރޫއު ހިންގަނީ ވާވޭ މެރިން އާއި ޓްރޮޕިކް ސައިންސް ކޮމްޕެނީ ލިމިޓެޑާއި އާއި ޗާއިނާ-އާސިއާން އިންފޮމޭޝަން ހާބަރު ލިމިޓެޑާއި ޗައިނާ ކޮންސްޓްރަކްޝަން ބޭންކް އަދި ވާވޭ މެރިން ނެޓްވޯކްސް ގުޅިގެންނެވެ. އެ މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނިތަކުން ސޮއިކުރީ 2017 ވަނަ އަހަރު އެވެ. އެ ސަބްމެރިން ކޭބަލްގެ ސަބަބުން ސިންގަޕޫރާއި ޔޫރަޕް ގެ 15 ގައުމުގެ އިތުރުން އިރުމަތީ އެފްރިކާ އާއި ވެސް ރާއްޖެ ގުޅާލެވޭނެ އެވެ. އެ މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ރައްޔިތުން އައު ޓެކްނޮލޮޖީއާއި، އައު އީޖާދުތަކާއި، އިޖްތިމާއީ އަދި އިގްތިސާދީ ތަރައްގީއާ ގުޅުވާލަދޭ އިންގިލާބީ 5ޖީ ގެ ހިދުމަތް ފޯރުކޮށްދިނުމަށް ނެޓްވޯކް ތައްޔާރަށް އޮތް މިންވަރު އިތުރުވެގެންދާނެ ކަމަށް އުރީދޫ އިން ބުނެ އެވެ.
އުރީދޫއިން އަންނަނީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި މުއާސަލާތީ ހިދުމަތް ފޯރުކޮށްދިނުމުގެ އިތުރުން، އާ ހިދުމަތްތަކެއް ރާއްޖެއަށް ފޯރުކޮށްދެމުންނެވެ. އެގޮތުން އެ ކުންފުނިން އަންނަނީ ހިދުމަތްތައް ފުޅާކުރަން ގިނަ އިންވެސްޓްމަންޓްތަކެއް ކުރަމުންނެވެ.
Comment