Advertisement

އަނަސްގެ މަރަށް ހަތް އަހަރު ފުރުން ފާހަގަކުރަން މީދޫގެ މަގުބައްތިތައް މިރޭ ނިވާލަނީ

31 ޖުލައި 2024 - 20:47 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

މީގެ ހަތް އަހަރު ކުރިން އަނިޔާވެރި ގޮތަކަށް މަރާލި އަނަސް -- ފޮޓޯ: އާއިލާ


އަނަސްގެ މަރަށް ހަތް އަހަރު ފުރުން ފާހަގަކުރަން މީދޫގެ މަގުބައްތިތައް މިރޭ ނިވާލަނީ

31 ޖުލައި 2024 - 20:47 0

ދުޝްމަނެއް ކަމަށް ހީކޮށް ގޭންގަކުން ހަމަލާދީ މަރާލި ރ. މީދޫ، ފެންފިޔާޒުގޭ، މުހައްމަދު އަނަސްގެ މަރަށް ހަތް އަހަރު ފާހަގަކުރަން މީދޫގެ ހުރިހާ މަގުބައްތިތަކެއް ނިވާލައި ޝުއޫރު ފާޅު ކުރުމުގެ ހަރަކާތެއް އެރަށުގައި ކުރިއަށް ގެންދިޔުމަށް ތައްޔާރުވެއްޖެ އެވެ.

އެ ރަށު ހުރިހާ ރައްޔިތުން ބައިވެރިވާ އެ ހަރަކާތް ކުރިއަށް ގެންދަން ނިންމާފައި ވަނީ މިރޭ 9:15 އިން 9:30 އަށެވެ. އެއީ މީގެ ހަތް އަހަރު ކުރިން، ޖުލައި 31، 2017 ގައި އަނަސްގެ ގަޔަށް 24 ފަހަރު ވަޅި ހަރައި މަރާލި ވަގުތެވެ.

އޭނާ މަރާލީ ސައިކަލުތަކެއްގައި މޫނު ނިވާކޮށްގެން ދިޔަ ބަޔަކު، އަނަސްގެ ފަހަތުން ދުވަމުން ގޮސް ލިޓަސް ގަރާޖު އޭރު ހިންގަމުންދިޔަ ތަނަށް ވަދެގަނެ އެވެ.

މިރޭގެ ހަރަކާތާ ގުޅިގެން އަނަސްގެ ބޭބެ، އަބްދުﷲ ޝިޔާމް "އަދަދު" އަށް ބުނީ މިރޭ ކުރިއަށް ގެންދާ ހަރަކާތަކީ އަނަސް މަރާލިތާ ހަތް އަހަރު ފުރުނުއިރު ވެސް އިންސާފު ނުލިބޭތީ އެ ހިތާމައިގައި ކުރިއަށް ގެންދާ ހަރަކާތެއް ކަމަށެވެ.

"މިރޭ އޮންނާނީ ޝޫއޫރު ފާޅުކޮށްލުން ސައިލެންޓުކޮށް، އަނދިރީގައި އެ ވަގުތުކޮޅު، އަދިވެސް އަޅުގަނޑުމެން ހަމަ، އެއީ ހިތާމަވެރި ވަގުތުކޮޅެއްކަން، މުޅި ރަށަށް އަނދިރި ބަނަ ކަޅު ވަގުތުކޮޅެއްކަން ހާމަ ކުރަން މުޅި ރަށުގެ ރައްޔިތުން ޝާމިލުވެގެން ކުރިއަށް ގެންދާ ހަރަކާތެއް، މުޅި ރަށުގެ މަގުތައް އަނދިރި ކޮށްލައިގެން ކުރިއަށް ގެންދަނީ 9:15 އިން 9:30 އަށް،" ޝިޔާމް ބުންޏެވެ.

އަނަސްގެ މަރަށް މިރޭ ހަތް އަހަރު ފުރޭއިރު، ލިޓަސް ގަރާޖުގައި ހުރި ކެމެރާތަކަށް އަނަސް މަރާލި މަންޒަރުތައް ރިކޯޑުވެފައި ހުރި ނަމަވެސް އޭނާއަށް ހަމަލާ ދިންކަމުގެ ތުހުމަތު ކުރެވުނު ހަތް މީހުންގެ މައްޗަށް ކުށް ސާބިތު ނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ފެބްރުއަރީ 25، ގައި ހުކުމް ކޮށްފަ އެވެ.

ދައުލަތުން ވަނީ އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފު ކޮށްފަ އެވެ.

އެ މައްސަލައިގައި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ދައުވާ އުފުލާފައިވާ ހަތަރު މީހުންނަކީ ލ. ގަން، ތުނޑި، ޖުނައިހު އަބްދުﷲ އާއި ސ. ފޭދޫ, ވެސްޓަންވިލާ, ހަސަން މަހްފޫޒާއި، ތ. ކިނބިދޫ, ގުލްފާމުގޭ, މުހައްމަދު ޝާޒާއި، ދަފްތަރު ނަންބަރު 1746، ސިމާހް މޫސާ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މަރާލުމުގެ ދައުވާ ކުރި ތިން މީހުންނަކީ ޅ. ކުރެންދޫ އަސުރުމާގޭ އަހްމަދު ޒަޔާނާއި މ. ދިމިޝްގުގޭ އުސްމާން ޝަރީފް އަދި މ. ލޮނުމިދިލިގޭ އަފްރާހު އަބްދުއްރައްޒާގެވެ.