31 ޖުލައި 2024 - 12:27 3
މުހައްމަދު ނަސީމް
31 ޖުލައި 2024 - 12:27 3
ދިވެހިން ބިދޭސީންނާ ކައިވެނިކޮށްގެން ލިބޭ ދަރިން އިތުރުވުމަކީ ބޮޑު މައްސަލައެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ އުތުރު ދާއިރާގެ މެންބަރު ހުސައިން ޝަރީފު މިއަދު ސިފަކުރައްވައިފި އެވެ.
ބިދޭސީންނާ ބެހޭ ގޮތުން މީގެ ކުރިން ދެއްކެވި ވާހަކައަކާ ގުޅިގެން އާއްމުންގެ ނުރުހުން އަމާޒުވި އެ މެންބަރަކީ ވެރިކަން ކުރާ އަދި ރައްޔިތުންގެ މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ ޕީއެންސީގެ މެންބަރެކެވެ.
އެއް ގައުމަކުން އެންމެ ގިނަ މަސައްކަތު މީހުން ގެނެވޭ އަދަދު، ވަޒީފާއާ ބެހޭ ގާނޫނުގައި ކަނޑައަޅައިފައި އޮތް އޮތުން ބަދަލުކުރުމަށް ޓަކައި އެގާނޫނު ބަދަލުކުރަން ސަރުކާރުން ހުށަހެޅި ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި ހުސައިން ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ރާއްޖޭގައި ގިނަވާނީ "ހާފް މޯލްޑިވިއަން" މީހުން ކަމަށް ވާނެ ކަމަށާ އެއީ ހިތާމަކުރަން ޖެހޭ ކަމެއް ކަަމަށެވެ. ޒަވާޖީ ހަޔާތުގެ ތެރެއިން ވެސް "ދިވެހިވަންތަކަން ގެއްލެމުންދާ" ކަމަށް އޭނާ ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެން ހިތާމަކުރަން ޖެހޭ ކަަމަކީ، އިއްޒަތްތެރި ރައީސް، މާދަމާ އަޅުގަނޑުމެންގެ ގައުމުގައި ތިބޭނީ ހާފް މޯލްޑިވިއަން، ހާފް ސްރީލަންކަން، ހާފް އިންޑިއަން، ހާފް ބަންގްލަދޭޝް[މީހުން]، ޒަވާޖީ ހަޔާތަށް ބަލައިލާ ކަމަުގައި ވާ ނަމަ ވެސް ގުޅިގެން މިދަނީ އަޅުގަނޑުމެންގެ އަޅުގަނޑުމެންގެ އާދަކާދަޔާ ސަގާފަތާ، އަޅުގަނޑުމެންގެ ހުއްބުލް ވަތަންގެ މިއޮތް ރީތިކަން އަޅުގަނޑުމެންގެ ދިވެހިވަންތަކަން ގެއްލިގެންދާ[ތަން]،" ހުސައިން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެކަންތައްތައް ގެއްލިގެން ދާތީ އެކަމުގެ ހިތާމަ ފާޅުކޮށް، އެ ވާހަކަ ދެއްކުމަކީ ވާޖިބެއް ކަމަށެވެ. މާދަމާ ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތުގައި އިންނާނީ ކޮން ދިމާލަކުން އަންނާނެ މީހެއް ކަމާ މެދުގައި ވިސްނަން ޖެހޭ ހާލަތަށް ރާއްޖޭގެ ކަންތައްތައް ގޮސްފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.
"މިއީ ހަގީގަތް، މި ހަގީގަތާ ކުރިމަތިލީމާ އަޅުގަނޑު މިއީ ބަޖާޖް [އިންޑިއާގެ އެކްޓަރެއް] ކަމުގައި ހެއްދެވި ކަމުގައި ވީ ނަމަވެސް ބަޖިޔާކަމުގައި ހެއްދެވި ކަމުގައި ވީ ނަމަވެސް ހަގީގަތަށް ވާހަކަދައްކަން ޖެހޭނީ،" ހުސައިން ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހަށް އޭނާ އާއި ޕީއެންސީގެ އެހެން މެންބަރުން ވަޑައިގެން ތިއްބެވީ ރާއްޖެއަށް ކުރިމަތިވެފައިވާ އެފަދަ މައްސަލަތައް ހައްލުކުރުމަށް ޓަކައި "އިސްލާހަށް މަސައްކަތް ކުރަން" ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Comment