Advertisement

މި އަހަރު މީޑިއާ ކައުންސިލަށް 94 އިންސައްތަ ޝަކުވާ ހުށަހެޅީ ދައުލަތުގެ އިދާރާތަކުން

31 ޖުލައި 2024 - 12:16 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އާޓް ވޯކް: އިސްމާއިލް އިމްދާދު / އަދަދު


މި އަހަރު މީޑިއާ ކައުންސިލަށް 94 އިންސައްތަ ޝަކުވާ ހުށަހެޅީ ދައުލަތުގެ އިދާރާތަކުން

31 ޖުލައި 2024 - 12:16 0

މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް މި އަހަރު 94 އިންސައްތަ ޝަކުވާ ހުށަހެޅީ ދައުލަތުގެ އިދާރާތަކުން ކަމަށް އެ ކައުންސިލުން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ހިއްސާކުރި ތަފާސްހިސާބުތަކުގެ ތެރެއިން އެ ކައުންސިލުން ބުނީ 2010 އަކުން ފެށިގެން ކޮންމެ އަހަރަކު އެވްރެޖްކޮށް 20 ވަރަކަށް މައްސަލަ ހުށަހަޅާ ކަމަށެވެ.

އެގޮތުން, މިދިޔަ އަހަރު ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 63 އިންސައްތަ ހުށަހެޅީ އަމިއްލަ ފަރާތްތަކުންނެވެ. އަދި ދައުލަތުން 2023 ގައި ހުށަހެޅީ އެންމެ ހަ އިންސައްތަ މައްސަލަ އެވެ. އަދި، ކުންފުނިތަކުން 19 އިންސައްތަ އާއި ކައުންސިލްތަކުން ހަ އިންސައްތަ ޝަކުވާ ހުށަހަޅާފައިވެ އެވެ.

ނަމަވެސް މި އަހަރު ހުށަހެޅި ޝަކުވާތަކުގެ ތެރެއިން 94 އިންސައްތަ އަކީ ދައުލަތުގެ އިދާރާތަކުންނެވެ. ބާކީ ހަ ޕަސެންޓުގެ ތެރެއިން އާންމު ފަރާތްތަކުން ހަތަރެއް އަދި ކުންފުނިތަކުން ދެ ޕަސެންޓު ޝަކުވާ ހުށަހެޅި ކަމަށް އެމްއެމްސީއިން ބުންޏެވެ.

މި ޝަކުވާތައް ބެލުމަށް އޮންނަ ކޮމިޓީން މި އަހަރު 30 މައްސަލައެއް ބަލާފައިވާ ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެ އެވެ، ނަމަވެސް އެކަމާ ގުޅޭގޮތުން އެއްވެސް މީޑިއާއަކަށް ފިޔަވަޅު އެޅި ކަމަކަށް ނުބުނެ އެވެ.

ޝަކުވާ ކޮމިޓީއަށް ދިމާވާ ގޮންޖެހުންތަކުގެ ތެރޭގައި ގާނޫނަށް 2010 އިން ފެށިގެން އެއްވެސް ބަދަލެއް ގެނެވިފައި ނުވުމާއި މިހާރު ގާނޫނު އޮތް ގޮތުން ދިމާވާ ދަތިތައް ވަނީ ފާހަގަކޮށްފަ އެވެ. އަދި ބަޖެޓުގެ ދަތިކަންވެސް ހުރަހެއްގެ ގޮތުގައި އެމްއެމްސީން ފާހަގަކުރި އެވެ.

އޭގެއިތުރުން، މީޑިއާ މޮނީޓާ ކުރުމަށް އަމިއްލަ އަށް އިސްނަގައިގެން މިވަގުތު އެއްވެސް ކަމެއް ނުކުރެވޭ ކަމަށާއި އެކަން ބަދަލުކުރުމަށް މީޑިއާ މޮނިޓަރިން ޕްލެޓްފޯމެއް ތަރައްގީ ކުރުމަށް މިހާރު މަޝްވަރާކުރަމުންދާ ކަމަށްވެސް، އެމްއެމްސިން ބުންޏެވެ.

އެ ކައުންސިލުގެ ވިސްނުން ހުރީ އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން އެފަދަ ނިޒާމެއް ގާއިމުކުރުމަށެވެ.