30 ޖުލައި 2024 - 10:45 0
ސާއިފް ޝިޔާދު
ތޯރިގު މިއަދުގެ ޖަލްސާގައި ޖަވާބު ދެއްވަނީ. އޭނާއާ ގިނަ މެންބަރުން ސުވާލު އަމާޒުކުރީ ކަރަންޓުގެ ހާލަތާ ގުޅޭގޮތުން --- ފޮޓޯ: މަޖިލިސް އިދާރާ
30 ޖުލައި 2024 - 10:45 0
އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަކީ ކުރީ ސަރުކާރުގެ ސަބަބުން ދިމާވަމުންދާ ކަމެއް ކަމަށާއި އެކަމަށް ކުރު ރާސްތާގައި ހައްލެއް ލިބޭނީ އަންނަ މަހުގެ ތެރޭގައި ކަމަށް އެންވަޔަރަމަންޓު މިނިސްޓަރު ތޯރިގު އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މިއަދު ތޯރިގާ ސުވާލު ކުރިއިރު އައްޑޫގެ ކަރަންޓު މައްސަލައާ ގުޅޭގޮތުން އޭނާއާ ސުވާލު ކުރެއްވީ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލް އެވެ.
"ސެންޓްރަލް ޕަވާ ސްޓޭޝަންގެ މައްސަލައަކީ މި ވޭތުވެދިޔަ ފަސް އަހަރު އެ ތަނަށް އެއްވެސް ޑިވެލޮޕްމަންޓެއް ނުގެނެވި އޮތީ, އެއްވެސް ކުރިއެރުމެއް ނުގެނެވި އޮތީ. އެހެންވެ މިއަދު މި ސަރުކާރު އައިއިރު މެއިންޓެނަންސް ނުކުރެވި, އެތަންތަނަށް ބޭނުންވާ އިތުރު ޖެނެރޭޓަރު ނުގެނެވި," އެ ސުވާލުގެ ޖަވާބުގައި ތޯރިގު ވިދާޅުވި އެވެ.
އައްޑޫގެ ސެންޓްރަލް އިންޖީނުގޭގެ މަސައްކަތުގެ ނިމިފައި ހުރީ އެއްބައި ކަމަށާއި އެތަން ނިންމަން މަސައްކަތް ކުރަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އައްޑޫގެ ގުޅިފައިވާ ރަށްތަކަށް އެންމެ ކަރަންޓު ބޭނުންވާ ގަޑިތަކުގައި 12 މެގަވޮޓްގެ ކަރަންޓު ބޭނުންވާ ކަމަށާއި އެ ކަމަށް ބޭނުންވާ ހަކަތަ އުފެއްދުމަށް 20 ޖެނެރޭޓަރު ސެޓު ބަހައްޓާފައިވާ ކަމަށް ތޯރިގު ވިދާޅުވި އެވެ. އޭގެ ޖުމުލަ ކެޕޭސިޓީއަކީ 26.8 މެގަވޮޓެވެ.
"އެ 20 ޖެނެރޭޓަރުގެ ތެރެއިން ފަސް ޖެނެރޭޓަރު ވަނީ މިހާރު ހަލާކުވެފައި. އެހެންކަމުން މިހާރު އުފެއްދެނީ 15.5 މެގަވޮޓް ކަރަންޓު. މި ވާހަކަ ދައްކާއިރު ޕީކް ގަޑީގައި ކަރަންޓު ކެނޑުމުގެ މައްސަލަ ދިމާވެ. މި ކަންކަން ހައްލު ކުރަން 1.5 މެގަވޮޓްގެ އާ ޖެނެރޭޓަރެއް ވަނީ ގަނެފައި," ތޯރިގު ވިދާޅުވި އެވެ.
އެ ޖެނެރޭޓަރު އޮގަސްޓު ތެރޭގައި ބަހައްޓައި ނިންމާނެ ކަމަށާއި އިތުރު ތިން ޖެނެރޭޓަރަށް ސްޕެއާ ގެނެސް އޮގަސްޓުގެ ކުރިން އޮޕަރޭޝަނަލް ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިކަންކަން ފުރިހަމަވުމުން ކުރު ރާސްތާގައި ކަރަންޓުގެ މައްސަލައަށް ހައްލު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އައްޑޫއަށް ކަރަންޓުގެ އެކި މައްސަލަތައް ދިމާވަމުން އަންނަނީ މި އަހަރު ފެށުނު ފަހުންނެވެ. ނަމަވެސް މައްސަލަ އެއްކޮށް ހައްލު ކުރެވިފައެއް ނުވެ އެވެ. އެކަމާ ގުޅިގެން ރައްޔިތުން އަންނަނީ ކަންބޮޑުވުން ފާޅުކޮށް، ދަތިތައް ދިމާވާ ކަމަށް ބުނެ އަޑު އުފުލަމުންނެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment