Advertisement

ނަޑާލް ކަޓުވާލައި ޖޮކޮވިޗްގެ އޮލިމްޕިކް ރަން މެޑަލް ހުވަފެން ކުރިއަށް

30 ޖުލައި 2024 - 09:57 0


ނަޑާލް ކަޓުވާލައި ޖޮކޮވިޗްގެ އޮލިމްޕިކް ރަން މެޑަލް ހުވަފެން ކުރިއަށް

30 ޖުލައި 2024 - 09:57 0

ޕެރިސް (ޖުލައި 30) - ފްރާންސްގެ ޕެރިހުގައި މިހާރު ކުރިއަށްދާ ޓެނިސް އިވެންޓްގެ ފިރިހެން ސިންގަލްސް ދެ ވަނަ ބުރުގައި، ރަފައެލް ނަޑާލް ކަޓުވާލުމަށް ފަހު، ނޮވަކް ޖޮކޮވިޗް ރަން މެޑަލް ހޯދުމުގެ އުންމީދުގައި ފިޔަވަޅެއް ކުރިއަށް ޖެހިލައިފި އެވެ.

ރޭގެ މެޗަކީ، ނަޑާލާ ދެކޮޅަށް ޖޮކޮވިޗް ކުޅުނު 60 މެޗުގެ ތެރެއިން އެންމެ ފަސޭހަކޮށް މޮޅުވި މެެޗެވެ. ޖޮކޮވިޗް ސެޓުތައް ގެންދިޔައީ، 6-1 6-4 އިންނެވެ.

ބެއިޖިންގައި 2008 ވަނަ އަހަރު ބޭއްވި އޮލިމްޕިކްސްގެ ސިންގަލްސް ރަން މެޑަލް ހޯދި ނަޑާލް، 38، މި ފަހަރުގެ އޮލިމްޕިކްސްގެ ސިންގަލްސްގައި ނުކުޅޭނެ ކަމަށް ބެލެވުނެވެ. އެއީ، އަނިޔާގެ މައްސަަލަތައް ކުރިމަތިވެ، ފިޓްނަސް އަށް އަސަރުކޮށްފައިވާތީ އެވެ. އެކަމަކު، ސިންގަލްސްގައި ވެސް ވާދަކުރަން ނިންމި، ނަޑާލް މި ފަހަރު އެންމެ ރަނގަޅު ފޯމެއްގައި ފެންނަނީ، ޑަބަލްސްގައި، ކާލޯސް އަލްކަރާޒާ އެއް ޕެއާއެއްގައި ކުޅޭއިރު އެވެ.

ޖޮކޮވިޗް، 37، އާއި ނަޑާލް އެންމެ ފުރަތަމަ ބައްދަލުކުރީ 2006 ވަނަ އަހަރު އެވެ. ނަޑާލާ ދެކޮޅަށް ކުޅުނު މެޗުތަކުން ޖޮކޮވިޗަށް ލީޑެއް އެބައޮތެވެ. ޖޮކޮވިޗް 31 މެޗުން މޮޅުވިއިރު، ނަޑާލް ވަނީ 29 މެޗުން މޮޅުވެފަ އެވެ.

"އަހަރެން ވަރަށް ހިތްހަމަ ޖެހިފައި މި ހުރީ، މިއީ ވަރަށް ރަނގަޅަށް ކުޅެގެން، ވަރަށް މޮޅު ކުޅުންތެރިއަކު އަތުން ހޯދުނު ކާމިޔާބެއް،" ޖޮކޮވިޗް ބުންޏެވެ. "އަހަރެން އެންމެ ފުރަތަމަ 2006 ވަނަ އަހަރު ނަޑާލާ ކުޅުނުއިރު ހިއެއް ނުކުރަން 20 އަހަރު ފަހުން ވެސް މި ލެވަލްގައި އަހަރެމެން ބައްދަލުކުރާނެ ކަމަށް،"

ގްރޭންޑް ސްލޭމް ޓެނިސްގެ 24 ތަށި ހޯދައިގެން ރެކޯޑެއް ގާއިމްކޮށްފައި އޮތް ޖޮކޮވިޗްގެ ކާމިޔާބު ކެރިއަރުގައި މަދުވަނީ، އޮލިމްޕިކްގެ ޓެނިސް އިވެންޓުން ރަން މެޑަލެކެވެ. އޮލިމްޕިކްސްގައި ޖޮކޮވިޗްގެ އެންމެ ރަނގަޅު ފަހަރަކީ، 2008 ވަނަ އަހަރު ހޯދި ލޯ މެޑަލް އެވެ.