Advertisement

ސަންޗޯ ޕީއެސްޖީ އަށް ދާން ރުހުނަސް ކްލަބްތަކުގެ އެއްބަސްވުމެއް ނެތް

29 ޖުލައި 2024 - 16:17 0


ސަންޗޯ ޕީއެސްޖީ އަށް ދާން ރުހުނަސް ކްލަބްތަކުގެ އެއްބަސްވުމެއް ނެތް

29 ޖުލައި 2024 - 16:17 0

ޕީއެސްޖީ (ޖުލައި 29) - މެންޗެސްޓާ ޔުނައިޓެޑަށް ކުޅޭ އިނގިރޭސި ފޯވާޑް، ޖޭޑަން ސަންޗޯ، ފްރާންސްގެ ޕީއެސްޖީއާ ގުޅެން ރުހުން ދިން ކަމުގައި ވިޔަސް، ޕީއެސްޖީ އާއި ޔުނައިޓެޑަށް އެ ޑީލާ މެދު އެއްބަސްވުމަކަށް އާދެވިފައި ނުވާ ކަމަށް ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ޔުނައިޓެޑްގެ ކޯޗު، އެރިކް ޓެން ހާގްއާ މައްސަލަ ޖެހި، މިދިޔަ ސީޒަންގެ ފަހުބައި ސަންޗޯ ލޯނު އެއްބަސްވުމެއްގެ ދަށުން ހޭދަކުރީ އޭނާ ކުރިންވެސް ކުޅުނު ކްލަބު ކަމަށްވާ ބޮރޫޝިއާ ޑޯޓްމަންޑްގަ އެވެ. ޑޯޓްމަންޑްގައި ސަންޗޯ ވަނީ ފޯމަކަށް އެޅިފަ އެވެ. ޗެމްޕިއަންސް ލީގުގެ ފައިނަލަށް ޑޯޓްމަންޑް ދަތުރުކުރިއިރު، އެ މުބާރާތުގައިވެސް ސަންޗޯ، 24، ގެ ކުޅުން ފާހަގަވިއެވެ.

ޓެން ހާގާއި ސަންޗޯއާ ދެމެދު އޮތް މައްސަލަ ހައްލުކޮށް، ސަންޗޯ ވަނީ ޕްރީ ސީޒަނުގެ ޕްރެކްޓިހަށް ނުކުމެފަ އެވެ. އެކަމަކު، ރިޕޯޓްތައް ބުނާގޮތުން، ޔުނައިޓެޑުން އަދިވެސް ސަންޗޯ ވިއްކާލަން އެ ކްލަބްގެ ބޯޑުން ނިންމާފައި އޮތް ނިންމުން އެއްކޮށް ބަދަލުނުކުރެ އެވެ.

ޕީއެސްޖީގެ ކީލިއަން އެމްބާޕޭ، ހިލޭ ޓްރާންސްފާއެއްގައި، ރެއާލް މެޑްރިޑަށް ބަދަލުވުމުން، އެ މަގާމަށް ދެ ކުޅުންތެރިއަކު ހޯދަން ޕީއެސްޖީން އޮތީ ނިންމައިފަ އެވެ. ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ސަންޗޯ އަކީ ޕީއެސްޖީގެ ކޯޗު، ލުއިސް އެންރީކޭ ޝައުގުވެރިވާ ކުޅުންތެރިއެކެވެ. އަދި އެންރީކޭއާ އެކު، މަސައްކަތްކުރަން ސަންޗޯ ވެސް ބޭނުންވެ އެވެ.

އެހެން ނަމަވެސް، މި ޑީލް ކުރިއަށްދާން އޮތީ، ސަންޗޯ ގަންނަން ޕީއެސްޖީން 60 މިލިއަން ޑޮލަރުގެ ފީއެއް ދައްކާނަމަ އެވެ. އެކަަމަކު، ޕީއެސްޖީން ބޭނުންވަނީ ކުޅުންތެރިއަކު ބަދަލުކުރާ ޑީލެއްގައި ސަންޗޯ ހޯދާށެވެ. އެ ގޮތުން، ޕީއެސްޖީން ހުށަހަޅާފައިވަނީ، ނޯޑީ މުކިއޭލޭ ނޫނީ މިލިއަން ސްކްރިނިއާ ތެރެއިން ކުޅުންތެރިއަކާ ސަންޗޯއާ ބަދަލުކުރުމަށެވެ. އެކަމަކު، ޔުނައިޓެޑުން ބޭނުންވަނީ ޕީއެސްޖީ އަށް ކުޅޭ އުުރުގުއޭ މިޑްފީލްޑަރު މެނުއަލް އުގާޓޭ އެވެ.

ޔުނައިޓެޑުން އަންނަނީ، އެ ޓީމަށް ކުޅޭ ފުލްބެކް، އާރޮން ވަން ބިސާކާ ވެސްޓް ހޭމް ޔުނައިޓެޑަށް ވިއްކާލުމަށް ފަހު، ބަޔާން މިއުނިކުން، މޮޮރޮކޯގެ ފުލްބެކް، ނުސައިރް މަޒްރައުއީ ހޯދަން މަސައްކަތް ކުރަމުންނެވެ.