Advertisement

މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުން: އީސީން ލަފާދިނީ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު ބާކީ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހައިލަން

29 ޖުލައި 2024 - 15:15 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އީސީގެ ރައީސް ފުއާދު ތައުފީގު: އީސީގެ ވިސްނުން ހުރީ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު ބާކީ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހާލަން - ފޮޓޯ: މިރާޝް ނާޝިމް / އަދަދު


މަޖިލިސް މެންބަރުންގެ އަދަދު ހިފެހެއްޓުން: އީސީން ލަފާދިނީ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު ބާކީ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހައިލަން

29 ޖުލައި 2024 - 15:15 0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު އެއް ވަރެއްގައި ހިފަހައްޓާއިރު ދާއިރާތައް ކަނޑައެޅުމަށް އިލެކްޝަންސް ކިމިޝަން (އީސީ) ގެ ވިސްނުމަކީ ޖުމްލަ ގޮނޑީގެ ތެރެއިން ކޮންމެ އަތޮޅަކަށް ދެ ގޮނޑި ދިނުމަށްފަހު އިތުރަށް ހުންނަ ގޮނޑިތައް އާބާދީގެ ނިސްބަތުން ބަހައިލުން ކަމަށް އެ ކޮމިޝަނުން ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ، އެ ކޮމިޝަނުގެ މައިގަނޑު ބޭނުމަކީ މެންބަރުންގެ އަދަދު ކެޕް ކުރުން ކަމަށެވެ. އަދި އެ އަދަދަކުން އަތޮޅުތަކަށް ގޮނޑީގެ އަދަދު ބަހަން ފެންނަނީ އާބާދީއަށް ބަލައިގެން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ކެޕް ކުރެވިފަ އިނދެފަ. ދެން ކޮންމެ އަތޮޅަކަށް ދެ ސީޓު އިނދެފަ. އާބާދީގެ ނިސްބަތުން ދެން ހުރި ސީޓުތައް ބެހުން [އެއީ އީސީގެ ވިސްނުމަކީ]،" ފުއާދު ވިދާޅުވި އެވެ.

އަދި، މެންބަރުންގެ އަދަދު ހިފަހައްޓަން އޮތް އަދަދުގެ ގޮތުގައި 77 ކަމަށް ބަލާފަ އޮތީ 2008 ގައި ފުރަތަމަ އުފެދުނު އަދަދަށް ވާތީ ކަމަށާއި ނަމަވެސް އެ އަދަދު ބަދަލުވުމާމެދު އީސީގެ އެއްވެސް ދެކޮޅުވެރިކަމެއް ނެތް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

މަޖިލީހުގެ މެންބަރުންގެ އަދަދަކީ 77، 76 ނުވަތަ 65 ކަމުގައި ހެދުމަށްވެސް ކޮމިޓީގައި އެކި މެންބަރުންނާއި ޕާޓީތަކުން އަދި މުއައްސަސާތަކުން ވަނީ މަޝްވަރާކޮށްފަ އެވެ.

"އަޅުގަނޑުމެން އެކި އެކި ފޯމިއުލާތައް ބަލާލާއިރު 72 ކާއި 80 އާ ދެމެދު. އެގޮތަށް ބަލާއިރު އިންޓަނޭޝަނަލީ އެންމެ ގަބޫލުކުރާނެ އަދަދެއްގެ ގޮތުގަ އަޅުގަނޑުމެންނަށް ގަބޫލުކުރެބޭ އަދަދަކަށްވާތީ އެވާހަކަ ހިއްސާކޮށްލީ،" ފުއާދު ވިދާޅުވި އެވެ.

މަޖިލީހުގެ ދާއިރާތައް މިހާރު އޮންނަނީ ކޮންމެ 5،000 މީހުންގެ އާބާދީއަކަށް ގޮނޑިއެއްގެ ބީދައިންނެވެ. މި އުސޫލާއެކު ކޮންމެ ފަސް އަހަރަކުން ދާއިރާތައް ދަނީ އިތުރުވަމުންނެވެ.

އެކަމަށް ނިމުމެއް ގެނެސް މެންބަރުންގެ އަދަދު ހިފެހެއްޓުމުގައި އިދިކޮޅު އެމްޑީޕީއާއި ވެރިކަން ކުރާ ޕީއެންސީގެ ވިސްނުންވެސް އެއްގޮތެވެ. ދެ ޕާޓީންވެސް ތާއީދުކުރަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ހިފެހެއްޓުމަށެވެ.

މެންބަރުންގެ އަދަދު ގާނޫނު އަސާސީގައި ލިޔެ ވަކި އަދަދެއްގައި ކަނޑައެޅުމަށް ތާއީދު ކުރާ ކަމަށާއި ނަމަވެސް އެކަން ކުރަން ވާނީ ރައްޔިތުންގެ ތަމްސީލުވުން ނުގެއްލޭ ގޮތަށް ކަމަށް އެމްޑީޕީން އިއްޔެގެ ކޮމިޓީ ބައްދަލުވުމުގައި ބުންޏެވެ.

"އެއް މިންވަރެއްގައި އެއް ނިސްބަތެއްގައި ހިފެހެއްޓިފައި ރައްޔިތުންގެ ރެޕްރެޒެންޓޭޝަން ގެއްލިގެން ނުދާނެ ވިސްނުމެއް ގެނައުން އެއީ އަޅުގަނޑުމެން ހޯދަން ޖެހޭ ހައްލަކީ." އެ ޕާޓީގެ ލީގަލް ޑިރެކްޓަރު މަހްފޫޒް ސައީދު ކޮމިޓީގައި ވިދާޅުވި އެވެ.