29 ޖުލައި 2024 - 12:26 0
ސާއިފް ޝިޔާދު
29 ޖުލައި 2024 - 12:26 0
ސަރުކާރުގެ ފަރާތުން ވަޒީފާއާ ބެހޭ ގާނޫނު ބަދަލުކުރުމަށް އިސްލާހު ހުށަހަޅާފައިވަނީ ބިދޭސީ މަސައްކަތްތެރިން ހައްދެއް ސުމާރެއް ނެތި ރާއްޖެއަށް އެތެރެކުރުމަށް ކަމަށް ކެންދޫ ދާއިރާގެ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ވިދާޅުވެއްޖެ އެވެ.
މިއަދު ކުރިއަށްދިޔަ އެ ބިލުގެ ބަހުސްގައި މަޓޭ ވިދާޅުވީ މި އިސްލާހަކީ ވަކި ގައުމަކުން 100,000 އަށްވުރެ ގިނަ ބިދޭސީން ރާއްޖެއަށް ނުގެނެވޭ ގޮތަށް އޮތްއޮތުން އުވާލައި އެ އަދަދު ގަވާއިދެއްގެ ތެރެއިން ބޭނުން މިންވަރަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބޭ އިސްލާހެއް ކަމަށެވެ. ކޯޓާ ފީ ވެސް މި އިސްލާހާއެކު ކަނޑައަަޅާނީ ގަވާއިދެއްގެ ދަށުންނެވެ.
"ރައްޔިތުންގެ މަޖިލީހުގެ ބާރު ކެނޑޭ ގޮތަށް މި އިސްލާހު އޮތް ކަމަށް ގަބޫލުކުރަން. ވޯކް ޕާމިޓް ފީ 350ރ. ގާނޫނުން ކަނޑައެޅިފައި އޮއްވައި ގާވާއިދަކަށް ބަދަލުކުރީމާ ގަވާއިދަކުން އެ އަދަދު ބޮޑުކުރުމުގެ ފުރުސަތު އެ ވުޒާރާއަކަށް ލިބިގެންދާ ގޮތަށް," މަޓޭ ވިދާޅުވި އެވެ.
ބިދޭސީ މަސައްކަތްތެރިން ރާއްޖެއަށް އަންނަނީ އެ ވަޒީފާތަކަށް އެކަށީގެންވާ ވަރަށް ދިވެހިން ތަމްރީނު ވެފައި ނުވާތީ ނުވަތަ އެ މީހުންގެ ގައުމުތަކުން ވަޒީފާ ނުލިބޭތީ ކަމަށް ވެސް މަޓޭ ވިދާޅުވި އެވެ. އަދި, ބިދޭސީންނަށް ވެސް މިނިމަމް ވޭޖު ލިބެން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބިދޭސީ މަސައްކަތްތެރިން މިނިމަމް ވޭޖުން މަހުރޫމްކޮށްފައި އޮތް އޮތުމުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް އިންތިހާއަށް ބިދޭސީ މަސައްކަތްތެރިން އިތުރުވަމުން ދަނީ. ޓޫރިޒަމް ދާއިރާގެ ގާތްގަނޑަކަށް 70 ޕަސެންޓާ ހަމައަށް ބިދޭސީ މަސައްކަތްތެރިން ދަނީ އިތުރުވަމުން," އޭނާ ވިދާޅުވި އެވެ.
ގާނޫނަށް ގެންނަން އިސްލާހާއެކު އަނެއްކާ ވެސް ބިދޭސީ މަސައްކަތްތެރިން އިތުރުވެ ރާއްޖޭގެ ސިނާއަތްތައް އެ މީހުންގެ އަތްދަށަށް ދިޔުމުގެ ފުރުސަތު އޮތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެން ނަމަވެސް އަޅުގަނޑުމެން ހަނދާން ކުރަން ޖެހޭ ކަމެއް ބިދޭސީއަކަސް, ދޭސީއަކަސް ދިވެހިރާއްޖޭގައި ވަޒީފާ އަދާކުރާނަމަ ވަޒީފާގެ ހައްގުތައް ފުރިހަމައަށް ފޯރުކޮށްދޭން ޖެހޭ ކަމަށް. އެ ފަރާތްތަކަކީ ނުގަވާއިދުން އުޅޭ މީހުންގެ ގޮތުގައި ސިފަ ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން. އެއްވެސް ބިދޭސީ މަސައްކަތްތެރިޔަކު ރާއްޖެއަށް އެތެރެވަނީ ގާނޫނާ ހިލާފަކަށް ނޫން," މަޓޭ ވިދާޅުވި އެވެ.
މި ގާނޫނަށް އިސްލާހު ގެންނައިރު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) ގެ ބާރުތައް އިތުރުކޮށް ބިދޭސީ މަސައްކަތްތެރިންނަށް މިނިމަމް ވޭޖު ދޭ ގޮތަށް ބަދަލުކުރުމަށް ވެސް މަޓޭ ގޮވާލެއްވި އެވެ.
ހަމައެހެންމެ, ރިސޯޓު މުވައްޒަފުންގެ އޮފް ދުވަސްތައް އެއްކުރެވޭނެ ގޮތަށާއި ސިވިލް ސާވަންޓުންގެ އޯޓީ ސީލިން ނައްތާލުމަށް ވެސް އޭނާ ގޮވާލެއްވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment