29 ޖުލައި 2024 - 10:34 0
މުހައްމަދު ޝަހްޒާން
މި އަހަރުގެ ކުރީކޮޅު ރާއްޖެ އައި އިންޑިއާގެ ފަތުރުވެރިންތަކެއް -- ފޮޓޯ: އަދަދު
29 ޖުލައި 2024 - 10:34 0
އިންޑިއާއިން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް އެ ގައުމުގެ ތިން ސިޓީއެއްގައި "ވެލްކަމް އިންޑިއާ" ގެ ނަމުގައި ރޯޑް ޝޯތަކެއް ބޭއްވުމަށް އެމްއެމްޕީއާރުސީން ތައްޔާރުވެއްޖެ އެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވެލް އޭޖެންޓްސް އެންޑް ޓުއާ އޮޕަރޭޓާސް (މަޓާޓޯ) އާއި ނޭޝަނަލް ހޮޓެލްސް އެންޑް ގެސްޓްހައުސެސް އެސޯސިއޭޝަން އޮފް މޯލްޑިވްސް އާ ގުޅިގެން ކުރިއަށް ގެންދާ އެ ރޯޑްޝޯތަކަށް ރާއްޖޭގެ ފަރާތުން ދާ ވަފުދުގައި ޓޫރިޒަމް މިނިސްޓަރު، އިބްރާހިމް ފައިސަލް ވެސް ބައިވެރިވެވަޑައިގަންނަވަ އެވެ.
ފަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ އެ ރޯޑްޝޯތައް ކުރިއަށް ގެންދަން ހަމަ ޖެހިފައި ވަނީ ނިއުދިއްލީއާއި މުމްބާއީގެ އިތުރުން ބެންގަލޫރުގަ އެވެ. އެމްއެމްޕީއާރުސީން ބުނީ އެ ރޯޑްޝޯތަކުގެ ސަބަބުން ދެ ގައުމުގެ ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ފަރާތްތަކުގެ ގުޅުން ވަރުގަދަވެގެންދާނެ ކަމަށެވެ.
އެ ރޯޑްޝޯތަކުގައި ރާއްޖޭގެ ރީތި ގޮނޑުދޮށްތަކާއި ރިސޯޓުތަކުގެ އިތުރުން ގެސްޓުހައުސްތަކާއި ސަގާފީ ތާރީހު ޕްރޮމޯޓު ކުރުމަށް ނިންމާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުންޏެވެ. އެ ރޯޑްޝޯތައް ކުރިއަށް ގެންދަނީ ކަންޑިމާ މޯލްޑިވްސް އާއި ނޯވާ މޯލްޑިވްސްގެ އިތުރުން އެރީނާ ހޮޓެލްސް އާއި ކާނި ހޮޓެލްސް އަދި ވިލާ ނޯޓިކާ ފަދަ ވިޔަފާރިތަކުގެ ސްޕޮންސާ އާއެކު އެވެ.
އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރު ކުރުމަށް މިދިޔަ މަހު ވެސް އެ ގައުމުގައި ރޯޑްޝޯއެއް ކުރިއަށް ގެންދިޔަ އެވެ.
އިންޑިއާއަކީ މިދިޔަ ދެ އަހަރު ވެސް ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތް ކުރި ގައުމެވެ. ނަމަވެސް މިއަހަރު އެގައުމުން ރާއްޖެއަށް ޒިޔާރަތް ކުރާ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ.
ޓޫރިޒަމް މިނިސްޓަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުން މި އަހަރުގެ މިހައިތަނަށް 1،159،808 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކޮށްފައިވާއިރު، 70،753 ފަތުރުވެރިންނާއެކު އިންޑިއާ އޮތީ ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ ހަ ވަނައިގަ އެވެ.
އިންޑިއާއިން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު މަދުވާން ފެށީ މި ސަރުކާރުގެ ޑެޕިއުޓީ މިނިސްޓަރުންތަކެއް އިންޑިއާގެ ބޮޑުވަޒީރު، ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް ފުރައްސާރަ ކުރި މައްސަލައިގަ އެވެ. އެކަމާ ގުޅިގެން ދެ ގައުމުގެ ގުޅުމަށް ބުރޫ އަރައި އިންޑިއާގެ ބައެއް ޓްރެވެލް އޭޖެންސީތަކުން ވަނީ ރާއްޖެ ބްލެކްލިސްޓު ވެސް ކޮށްފަ އެވެ.
Comment