Advertisement

މައުލޫމާތު ނުދޭން އެމްޓީސީސީން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގައި ނާކާމިޔާބުވެއްޖެ

28 ޖުލައި 2024 - 13:42 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މައުލޫމާތު ނުދޭން އެމްޓީސީސީން ހުށަހެޅި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓުގައި ނާކާމިޔާބުވެއްޖެ

28 ޖުލައި 2024 - 13:42 0

މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ ދަށުން ސަރުކާރު ހިއްސާވާ ކުންފުނިތަކުން މައުލޫމާތު ދޭން ނުޖެހޭ ކަމަށް ކަނޑައެޅުމަށް އެމްޓީސީސީން ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި އެ ކުންފުންޏަށް ނާކާމިޔާބުވެއްޖެ އެވެ.

އެ ގާނޫނުގެ ދަށުން ކުންފުނިތަކުން މައުލޫމާތު ދޭން ޖެހޭ ކަމަށް ބަޔާންކޮށްފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގެ ގަވާއިދުގަ އެވެ. އެ ގަވާއިދުގެ 61 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އެ ބައި ބާތިލް ކުރުމަށް އެމްޓީސީސީން ފުރަތަމަ ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހެޅި އެވެ. ހައި ކޯޓުން ނިންމީ އެމްޓީސީސީއާ ދެކޮޅަށެވެ. އެމްޓީސީސީން ހައި ކޯޓުގެ ނިންމުން އިސްތިއުނާފުކުރި އެވެ.

އެމްޓީސީސީން ނަގާފައިވާ މައިގަނޑު ނުކުތާއަކީ މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ގާނޫނުގެ 71 ވަނަ މާއްދާގައި ބަޔާންކުރާ ދައުލާތުގެ އިދާރާތައް މާނަކޮށްފައިވާ ފުޅާ ދާއިރާއެއްގައި ގަވާއިދުގައި މާނަކޮށްފައިވާ ކަމަށެވެ. އަދި އެ ގޮތަށް މާނަ ކުރުމުގެ ބާރެއް އިންފޮމޭޝަން ކޮމިޝަނަށް ލިބިގެން ނުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަސް ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ހުކުމް ކުރީ ގާނޫނުގެ އެ މާއްދާގައި ބަޔާންކުރާ ތަންތަނުގެ ތެރޭގައި ދައުލަތުން މަސްއޫލިއްޔަތެއް ނުވަތަ ޒިންމާއެއް ހަވާލުކޮށްފައިވާ ކޮންމެ ތަނަކާއި ދައުލަތުގެ ބަޖެޓު ނުވަތަ ބަޖެޓުން އެހީއެއް ލިބިދޭ ކޮންމެ ތަނެއް ހިމެނޭ ކަން އެނގެން އެބަ އޮތް ކަމަށެވެ.

އަދި ސަރުކާރު ހިއްސާވާ ގޮތަށް އުފައްދާފައިވާ ގިނަ ކުންފުނިތަކަކީ ދައުލަތުން ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ބައެއް އަސާސީ ހިދުމަތްތައް ރައްޔިތުންނަށް ތަކުލީފަކަށް ނުވާ ގޮތަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި އުފައްދާފައިވާ ކުންފުނިތަކެއް ކަމަށް ސުޕްރީމް ކޯޓުގައި މައްސަލަ ބެއްލެވި ފަނޑިޔާރުން އިއްތިފާގުވި ރައުޔަށް އިއްވަވަމުން ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވި އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު ވިދާޅުވީ ދައުލަތުގެ މަސްއޫލިއްޔަތެއް އުފުލާ ތަންތަނާއި ބަޖެޓު ލިބިދޭ ތަންތަނާއި ބަޖެޓުން އެހީ ލިބިދޭ ތަންތަނުގެ ތެރޭގައި ހިމެނޭ ތަންތަން ލިސްޓުކޮށް އިންފޮމޭޝަން ކޮމިޝަނުން އެކުލަވާލާ ގަވާއިދެއްގައި ހިމެނުމަކީ ގާނޫނުގެ މައި މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ކޮމިޝަނަށް ކުރެވޭނެ ކަމެއް ކަމަށެވެ.

ސުޕްރީމް ކޯޓުގައި މި މައްސަލަ ބެއްލެވި ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމް، ފަނޑިޔާރު އައިޝާ ޝުޖޫން، ފަނޑިޔާރު އަލީ ރަޝީދު، އަދި ފަނޑިޔާރު އަޒްމިރަލްދާ ޒާހިރެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.