27 ޖުލައި 2024 - 12:35 0
ލީވާން އަލީ ނާސިރު
އަޒްމީލް ވެއްޓުނު ކަމަށް ބުނާ އިމާރާތް: އޭނާ ވެއްޓުނީ އިމާރާތުގެ ފުރަތަމަ ފަންގިފިލާއިން، ވެއްޓި އޭނާއަށް އަނިޔާވުމުން ފުލުހުން ވަނީ ފަރުވާ ލަސްކޮށްފައި -- ފޮޓޯ: އަދަދު
27 ޖުލައި 2024 - 12:35 0
ޖުލައި، 15 ގައި ފުލުހުންގެ ބެލުމުގެ ދަށުން ޑްރަގު ކޯޓަށް ގެންދަން އުޅުނު އަޒްމީލް ޖަލީލު، 38 އިމާރާތެއްގެ އެއްވަނަ ފަންގިފިލާއިން ވެއްޓި އަނިޔާވި މައްސަލައިގައި އޭނާއަށް ފަރުވާ ލިބުން ލަސްވިކަން ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް) ގެ ތަހުގީގުން ވެސް އެނގިއްޖެ އެވެ.
އެ ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމިޝަނުގެ ސަމާލުކަމަށް ފުލުހުން އެ މައްސަލަ ގެނައުމާއެކު އެންޓި ޓޯޗާ ގާނޫނުގެ ދަށުން ބަލަމުންދާ ކަމަށާއި އަޒްމީލް ހޮސްޕިޓަލަށް ނުގެންގޮސް ގިނަ ވަގުތުތަކެއްވެ ފަރުވާ ލިބުންލަސްވުން އެއީ ކަންބޮޑުވާ ކަމެއް ކަމަށެވެ.
"މިހާތަނަށް ލިބިފައިވާ މައުލޫމާތުގައި، މި ހާދިސާ ހިނގުމުން އާއިލާއިންވެސް އަޒްމީލް ހޮސްޕިޓަލަށް ގެންދިޔުމަށް އެދިފައިވަނިކޮށް، ހޮސްޕިޓަލަށް ނުގެންގޮސް ފުލުހުންގެ ބެލުމުގެ ދަށުން އަޒްމީލް އެ ދުވަހުގެ މެންދުރު 02:45 ގައި މާލެ ކަސްޓަޑީއަށް ގެންދިޔުމަށްފަހު ހޮސްޕިޓަލަށް ގެންދިޔުމަށް ވެހިކަލްއަށް އަރުވާފައިވަނީ 03:01 ގައި ކަމަށް ފާހަގަކުރެވިފައި،" އެޗްއާރްސީއެމްއިން ބުންޏެވެ.
އެމައްސަލައާ ގުޅިގެން މިހާތަނަށް އާއިލާގެ ފަރާތުންނާއި ފުލުހުންގެ ފަރާތުން މައުލޫމާތު ހޯދުމަށް އެދި، ހާދިސާ ހިނގިތަނަށް ޒިޔާރަތްކޮށް ސީސީޓީވީ ފުޓޭޖް ހޯދަމަށް މަސައްކަތްކޮށް، ކަސްޓަޑީގައި ހަރުކޮށްފައިވާ ކެމެރާތަކުގެ ފުޓޭޖް ބެލުމުގެ އިތުރުން، ހާދިސާގައި ހަރަކާތްތެރިވި ފުލުހުން ބޮޑީވޯން ކެމެރާ ބޭނުންކޮށްފައިވާނަމަ އޭގެ ފުޓޭޖް ހިއްސާކުރުމަށް އެދިފައިވާ ކަމަށް ވެސް އެޗްއާރްސީއެމްގެ ބަޔާނުގައި ބުންޏެވެ.
ހައްޔަރު ކުރުމުގެތެރޭގައި އެއްވެސް ފަރާތަކަށް އަނިޔާއެއްލިބި ސިއްހީފަރުވާ ބޭނުންވާ ހާލަތުގައި، އެ ފަރާތެއް ސްޓޭޝަނަށް ގެންދިއުމުގެ ބަދަލުގައި ސިއްހީ ހިދުމަތްދޭ ތަނަކަށް ގެންދަން މީގެކުރިންވެސް ކޮމިޝަނުން ފުލުހުންނަށް ލާފާދީފައިވާނެ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ
އަޒްމީލް ވެއްޓުނު ހާދިސާ ހިނގީ ދުވަހު ހިނގީ މެންދުރު 2:15 ހާއިރެވެ. ނަމަވެސް އޭނާއަށް ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ގެންދިޔައީ އެ ދުވަހު ހަވީރު 4:20 ހާއިރެވެ. ދަރުމަވަންތަ ހޮސްޕިޓަލުގެ އައިސީޔޫގައި ވެންޓިލޭޓަރުގެ އެހީގައި ފަރުވާ ދެމުން އަންނަ އަޒްމީލްގެ ބޯ ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅުމުގެ އިތުރުން، މައިބަދައިން ދެ ތަނެއް ވަނީ ފްރެކްޗާވެފަ އެވެ.
ނަމަވެސް ފުލުހުން އަޒްމީލް ހައްޔަރުކުރިއިރު ބޮޑީވޯން ކެމެރާ ބޭނުންކޮށްފައި ނުވާކަން ހޯމް މިނިސްޓަރު އަލީ އިހުސާން "އަދަދު" އަށް ވަނީ ވިދާޅުވެފަ އެވެ. އެއާއެކު، ފުލުހުންގެ އެ ޔުނިޓުން މިހާރު ބޮޑީވޯން ކެމެރާ ބޭނުން ކުރަން ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މި މައްސަލައިގެ ތަހުގީގު ވީހާވެސް އަވަހަކަށް ނިންމުމުގެ މަސައްކަތް ކޮމިޝަނުންދަނީ ކުރަމުންކަން ފާހަގަކޮށް އެޗްއާރްސީއެމްއިން ބުނީ ތަހުގީގު ނިމުމުން މައްސަލައިގައި ފާހަގަވާ ކަންކަން ގުޅުންހުރި އިދާރާތަކުގެ ސަމާލުކަމަށް ގެނެވޭނެ ކަމަށެވެ.
Comment