Advertisement

ހުލާސާކޮށް އިއްޔެ: މާލެ ފުރިބާރުވެއްޖެ، މަގުތަކުގައި ބާކީ އޮތީ 18 ޕަސެންޓު

26 ޖުލައި 2024 - 06:07 0

އަޒްލިފާ އަބްދުﷲ

އަޒްލިފާ އަބްދުﷲ

މާލެގެ މަގެއް ވެހިކަލްތަކުން ފުރިފައި. -- ފޮޓޯ: އަދަދު


ހުލާސާކޮށް އިއްޔެ: މާލެ ފުރިބާރުވެއްޖެ، މަގުތަކުގައި ބާކީ އޮތީ 18 ޕަސެންޓު

26 ޖުލައި 2024 - 06:07 0

މިދިޔަ އަހަރުގެ ނިޔަލަށް މާލެ ސަރަހައްދުގައި، އެއްގަމު އުޅަނދުތަކުން މަގުގެ ޖާގައިގެ 82 ޕަސެންޓު ފުރިފައިވާ ކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ. އެހެންވެ، ދެން ބާކީ އޮންނާނީ 18 ޕަސެންޓެވެ.

މާލެ ސަރަހައްދުގެ މަގުތަކަކީ އަމާން ތަނަކަށް ހެދުމަށް ބުދަ ދުވަހުގެ ރޭ އިފުތިތާހު ކުރި މާލެފަހި ޕްރޮގުރާމުގެ ކަރުދާހުގައި ހިމަނާފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ގެ ނިޔަލަށް މާލެ ސަރަހައްދުގެ މަގުތަކުގައި ދުއްވާ 115،928 އުޅަނދުފަހަރު ރަޖިސްޓަރީކޮށް ބޭނުން ކުރަމުންދެ އެވެ.

އޭގެ ތެރެއިން 22،714 އުޅަނދަކީ 2022 ވަނަ އަހަރުގެ ނިޔަލަށް އުފެއްދި ތާރީހުން ފެށިގެން 15 އަހަރު ވެފައިވާ އުޅަނދެވެ. އެ އުޅަނދުތަކުން އެކަނި ވެސް މާލޭގެ 67،399 އަކަ މީޓަރުގެ ސަރަހައްދެއް ބޭނުން ކުރާ ކަމަށް އެ ކަރުދާހުން ދައްކަ އެވެ.

މާލޭގެ މަގުތަކުގެ ޖުމުލަ އޭރިއާއަކީ 390،000 އަކަ މީޓަރެވެ. ވެހިކަލްތަކުގެ ޖާގަ ޖުމުލަ ކޮށްލުމުން 319,402 އަކަ މީޓަރު އަރަ އެވެ. އެހެންވެ، މާލޭގެ މަގުތަކުގައި ދުއްވާ އުޅަނދުތައް ހިއްސާކުރާ ޖާގަ އުނި ކުރުމުން ހިނގާބިނގާވެ އުޅޭ މީހުންނަށް މާލޭގެ މަގުތަކުން އޮތީ އެންމެ 18 ޕަސެންޓެވެ.

މާލޭ ސަރަހައްދުގައި ބޭނުން ކުރާ އެއްގަމު އުޅަނދުގެ ތެރެއިން އެންމެ ގިނައީ މޮޓޯ ސައިކަލެވެ. 2023 ގެ ނިޔަލަށް މާލެ ސަރަހައްދުގައި 100،555 މޮޓޯ ސައިކަލު ހުރި ކަމަށް ޓްރާންސޕޯޓުގެ ތަފާސްހިސާބުތަކުން ދައްކަ އެވެ. މި ސަރަހައްދުގައި ބޭނުންކުރާ ބަހާއި ލޮރީ އަދި ވޭނުގެ އަދަދު އެއްކޮށްލުމުން ޖުމުލައަކީ 1828 އެވެ.

މާލޭ ސަރަހައްދުގައި ބޭނުންކުރާ ވެހިކަލް


ކާރު - 7,443 ސައިކަލް - 100,555 ބަސް/ލޮރީ/ވޭން - 1,828 އެހެނިހެން - 6,102

އެ ހިސާބުތަކުން ދައްކާ ގޮތުގައި 2013 ވަނަ އަހަރުން ފެށިގެން އެންމެ ގިނަ އުޅަނދު ރަޖިސްޓްރީ ކުރީ މިދިޔަ އަހަރެވެ. މިދިޔަ އަހަރު އެކަނިވެސް 10،871 އުޅަނދު ރަޖިސްޓްރީ ކުރި އެވެ.

ޓްރާސްޕޯޓު މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން ފާއިތުވި ފަސް އަހަރު ތެރޭގައި މާލެ ސަރަހައްދުގައި 16،242 އެކްސިޑެންޓު ރިޕޯޓު ކޮށްފައިވެ އެވެ.

އޭގެ ތެރޭގައި އެންމެ ގިނައީ ސައިކަލު އެކްސިޑެންޓެވެ. އެ ކަރުދާހުގައި އާންމު ކޮށްފައިވާ މައުލޫމާތަށް ބަލާއިރު މާލެ ސަރަހައްދުގައި އެވަރެޖުކޮށް އަހަރެއްގެ މައްޗަށް 833 ސައިކަލު އެކްސިޑެންޓު ވެފައިވެ އެވެ.

މިދިޔަ ފަސްއަހަރު ތެރޭގައި އެންމެ މަދު އެކްސިޑެންޓު ހިނގާފައި ވަނީ ކޮވިޑު ދުވަސްވަރު އެވެ. ދެ ފަހަރެއްގެ މަތިން ދިވެހީން ލޮކްޑައުންގައި ތިބެން ޖެހުނު 2020 ވަނަ އަހަރު މާލެ ސަރަހައްދުން ރިޕޯޓު ކޮށްފައި ވަނީ 2244 އެކްސިޑެންޓުގެ މައްސަލަ އެވެ.

މުހިއްމު ބައެއް ހަބަރު