Advertisement

މަހުމޫދުގެ މަރު: ސާލިމަށް އިއްވި މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

25 ޖުލައި 2024 - 16:38 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


މަހުމޫދުގެ މަރު: ސާލިމަށް އިއްވި މަރުގެ ހުކުމް ހައި ކޯޓުން ދަމަހައްޓައިފި

25 ޖުލައި 2024 - 16:38 0

މީގެ ތިން އަހަރެއްހާ ދުވަސް ކުރިން އަނިޔާވެރި ގޮތަކަށް ވިޔަފާރިވެރިޔާ މަހްމޫދް އަބޫބަކުރު މަރައިލި ކަމަށް ކުރިން އެއްބަސްވި އަލޮމް މިއާ (ސާލިމް) ގެ މައްޗަށް މަރުގެ އަދަބު ކަނޑައެޅުމަށް ކްރިމިނަލް ކޯޓުން ކުރި ހުކުމް ދެމެހެއްޓުމަށް ހައި ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ދަށު ކޯޓުން ސާލިމް މަރަން ހުކުމް އިއްވި ނަމަވެސް، މަރުގެ މައްސަލަތަކުގައި ޝަރީއަތުގެ ތިން މަރުހަލާ ފުރިހަމަ ކުރަން ގާނޫނުގައި ލާޒިމުކޮށްފައިވެ އެވެ. އެހެންވެ މި މައްސަލަ ވެސް ކުށް ކުރި ކަން ޔަގީން ކުރަން ހައި ކޯޓާއި ސުޕްރީމް ކޯޓުގައި ޝަރީއަތް ގެންދަން ޖެހޭނެ އެވެ.

ގާނޫނުގައި އޮންނަ ގޮތުގެ މަތީން، މި މައްސަލަ ހައި ކޯޓުގައި ފެށި ދުވަހު ސާލިމް ބުނީ އޭނާ ކުރިން ކުށަށް އިއުތިރާފުވީ، އިއުތިރާފުވުމުން ބަންގްލަދޭޝްއަށް ފޮނުވާލާނެ ކަމަށް ތަހުގީގު މަރުހަލާގައި ތަރުޖަމާނު އޭނާ ކައިރީ ބުނެފައި އޮތުމުން ކަމަށެވެ. އެކަމަކު ފަހުން އޭނާ ވަނީ ދިފާއުވުމުގެ ހައްގު ދޫކޮށްލާފައިވެ އެވެ.

ހައި ކޯޓުގައި މި މައްސަލަ ބެއްލެވީ ތިން ފަނޑިޔާރުންގެ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތުގައި އިންނެވީ ފަނޑިޔާރު ހަސަން ޝަފީއެވެ. ދެން ތިއްބެވީ ފަނޑިޔާރު މުހައްމަދު ނިޔާޒު އަދި ފަނޑިޔާރު ފާތިމަތު ފަރުހީޒާ އެވެ.

ހައި ކޯޓުން ދަށު ކޯޓުގެ ހުކުމް ދަމަހައްޓަން ހުކުމް އިއްވީ ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުންނެވެ. އެ ގޮތަށް ރައުޔަ އިއްވީ ފަނޑިޔާރު ނިޔާޒެވެ. ފަނޑިޔާރު ނިޔާޒުގެ ރައުޔައަށް ތާއީދު ކުރެއްވީ ފަނޑިޔާރު ފަރުހީޒާ އެވެ.

ދެ ފަނޑިޔާރުންގެ އަގުލަބިއްޔަތުން ކުރި ހުކުމުގައި ވަނީ ދައުވާ އުފުލާފައިވަނީ ބިދޭސީއަކަށް ވާތީ، ތަރުޖަމާނު މެދުވެރިކޮށް ދައުވާ ކިޔައިދިނުމުން ފުދޭނެ ކަމަށެވެ. އަދި ދައުވާގެ ލިޔެކިޔުންތައް ހަމަވިކަން ޔަގީންކުރަން ދިފާއީ ވަކީލާ ސުވާލުކުރުމުން ފުދޭނެ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

އަދި ދަށު ކޯޓުގެ ފަނޑިޔާރު، ގާނޫނީ ވަކީލާ ސުވާލުކޮށް ގަނޫނީ ވަކީލު ޖަވާބުދީފައިވާ ކަން އެނގެން އެބަ އޮތް ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ. އޭނާ ވެފައިވާ އިއުތިރާފުގެ އިތުރުން ދައުލަތުން ހުށަހަޅާފައިވާ ހެކި ގަރީނާއިން ވެސް ކުށުގެ އަމަލު ސާބިތުވާ ކަމަށް ފަނޑިޔާރު ނިޔާޒު ވިދާޅުވި އެވެ.

ފަނޑިޔާރު ޝަފީއުގެ ރައުޔަކީ ސާލިމަށް ބައެއް ހައްގުތައް ޔަގީންކޮށްދެވިފައިނުވާ ކަމަށް ފެންނާތީ ދަށު ކޯޓުގެ ޝަރީއަތް އަލުން ފެށުމެވެ. އޭނާ ކުށަކަށް އިއުތިރާފުވި ނަމަވެސް ދެން ޝަރީއަތް ދާނީ އަވަސް ނިޔާގެ ދަށުން ކަން ސާލިމަށް އަންގައިދީފައި ނުވާ ކަމަށް ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

"ހައްގުތައް ޔަގީންނުކޮށް ވެފައިވާ އިއުތިރާފަކީ އެއްވެސް މަޖުބޫރު ކަމެއް ނެތި ދެވޭ އިއުތިރާފެއް ކަމަކަށް އަހަރުންނަށް ގަބޫލެއް ނުކުރެވޭ، އެފަދަ އިއުތިރާފަކަށް ބުރަދަނެއް ދެވޭނެ ކަމަކަށް ނުދެކެން،" ފަނޑިޔާރު ޝަފީއު ވިދާޅުވި އެވެ.

މައްސަލައިގެ ފަސްފަހަތް؛

ވިޔަފާރިވެރިޔާ މަހްމޫދުގެ ހަށިގަނޑު ފެނުނީ އޮކްޓޯބަރު 13، 2021 ގައެވެ. އޭގެ ކުރީ ރެއިން ފެށިގެން މަހްމޫދުގެ ހަބަރެއް ނުވެގެން އާއިލާއިން އުޅުމުން، ރަށު އެންމެން ނުކުމެ ހޯދަން އުޅުމުގެ ތެރެއިން މަހްމޫދުގެ ހަށިގަނޑު ފެނުނީ އޭނާގެ އުފަންގޭގެ ފެން ވަޅެއް ތެރޭ އޮއްވަ އެވެ. އެ ގެ މިހާރު ހުންނަނީ ފަޅަށެވެ.

މަހްމޫދުގެ ހަށިގަނޑު ފެނުމާއެކު ރަށު ރައްޔިތުން ނުކުމެ ފުރަތަމަ އެހެން ދެ މީހަކު އަތުލައިގަނެ ފުލުހުންނާ ހަވާލު ކުރި އެވެ. އުމުރުން ދުވަސްވެފައިވާ މީހަކު ބެލުމަށް ދަނގެއްޗަށް ގެންގޮސްފައި ހުރި ސާލިމަށް އޭރު އެއްވެސް މީހަކު ތުހުމަތެއް ނުކުރެ އެވެ. މަހްމޫދުގެ ޖަނާޒާގައި ވެސް ސާލިމް ބައިވެރިވި އެވެ.

މަހްމޫދުގެ ގާތިލަކީ ސާލިމު ކަމަށް ބެލެވެން ފެށީ ފުލުހުންގެ ހާއްސަ ޓީމެއް ދަނގެއްޗަށް ގޮސް އެ ޓީމުގެ ތަހުގީގު ކުރިއަށް ގެންދަނިކޮށް ފުލުހުންނަށް އެ ރަށު މީހަކު ދިން މައުލޫމާތަކާ އެކުގަ އެވެ. މަހްމޫދު ގެއްލުނު ދުވަހުގެ ރޭ ސާލިމް ދިރިއުޅޭ ގެ ކައިރިން މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް އެ މީހާ ރިޕޯޓް ކުރި އެވެ.

ސާލިމް ދިރިއުޅޭ ގެއިން އެ މައްސަލައާ ގުޅޭ ވަރުގަދަ ހެކިތަކެއް ވެސް ފުލުހުން ހޯދި އެވެ. އޭނާ ވަނީ މަހުމޫދު މަރާލި ގޮތް ވެސް ތަހުގީގަށް ކުޅެ ދީފަ އެވެ.

ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދައުވާގެ އިތުރުން މައްޔިތާގެ ބޭނުން ނަހަމަ ގޮތުގައި ހިފުމުގެ ކުށުގެ ދައުވާ ވެސް ދައުލަތުން ސާލިމްގެ މައްޗަށް އުފުލާފައިވެ އެވެ. ދެވަނަ ދައުވާއަށް ވެސް ސާލިމް އިއުތިިރާފްވެފައިވާތީ އެއް މަހާއި 24 ދުވަހުގެ ޖަލު ހުކުމެއް އެ ކުށަށް އިއްވާފައިވެ އެވެ.