Advertisement

ޖިހާދަށް ކުރާ ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި

25 ޖުލައި 2024 - 10:11 0

މުހައްމަދު އުޝާމް

މުހައްމަދު އުޝާމް


ޖިހާދަށް ކުރާ ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި

25 ޖުލައި 2024 - 10:11 0

ކުރީގެ ފިނޭންސް މިނިސްޓަރު އަދި މިހާރު އޮފް-ޝޯ ފައިނޭންސިންގެ ހިދުމަތް ދިނުމަށް ސަރުކާރުން އުފެއްދި މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ޗެއާޕާސަން އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން އުފުލި ހިޔާނާތުގެ ދައުވާ ކްރިމިނަލް ކޯޓުން ބޭރުކޮށްލައިފި އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ޖިހާދުގެ މައްޗަށް ދައުވާ ކުރަނީ ފުށިދިއްގަރުފަޅު ސްޕެޝަލް ޓުއަރިސްޓް ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ޖެނުއަރީ، 2013، ގައި ފައިނޭންސް މިނިސްޓަރަކަށް ހުންނަވައި ޖިހާދު ސޮއި ކުރެއްވި މައްސަލައިގަ އެވެ.

އެއިރު ސަރުކާރުން ސޮއި ކުރީ ޖޮއިން ވެންޗާ އެގްރިމެންޓެއްގައި ޕްރައިމް ކެޕިޓަލް މޯލްޑިވްސް ލިމިޓެޑާއެކު އެވެ. ޖިހާދު ސޮއި ކުރެއްވި އެގްރިމެންޓުގައި ސަރުކާރުގެ ހިއްސާގެ ގޮތުގައި އޮތީ 25 ޕަސެންޓެވެ. އެކަމަކު ސްޕެޝަލް ޓުއަރިޒަމް ޒޯނެއްގައި ގޮތުގައި ތަރައްގީ ކުރާ ތަންތަނުގައި މަދުވެގެން ސަރުކާރުގެ 50 ޕަސެންޓު ހިއްސާ އޮންނަންޖެހޭނެ ކަމަށް ނެޝަނަލް ޕްލޭނިން ކައުންސިލުން އޮތީ ލަފާ ދީފަ އެވެ.

އެހެންވެ ދައުލަތުން ޖިހާދުގެ މައްޗަށް ކުރާ ދައުވާއަކީ "ރައްޔިތުންނަށް ނުވަތަ ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ކުށުގެ ދައުވާ" އެވެ. މި ދައުވާ މަދަނީ މިންގަނޑަށް ނުފެތޭ ކަމަށް ބުނެ ޖިހާދުގެ ފަރާތުން ހުށަހެޅި އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބޭއްވި އަޑުއެހުމުގައި މައްސަލަ ބެއްލެވި ގާޒީ ހުސައިން ފާއިޒު ރަޝާދު ފާހަގަ ކުރެއްވި ކަމަކީ އެންޓި ކޮރަޕްޝަން (އޭސީސީ) އިން ތަހުގީގުކޮށް ނިންމާފައިވާ މައްސަލައެއް އަލުން ތަހުގީގު ކުރާއިރު އަދި ރިޔާސީ ކޮމިޝަނަކުން ތަހުގީގު ކުރާއިރު ސަބަބު ބުނެދޭން ޖެހޭ ކަމަށެވެ. އެކަމަކު ދައުލަތަށް އެ ކަން ބުނެނުދެވޭ ކަމަށް ނިންމި އެވެ.

ދެވަނަ ކަމެއްގެ ގޮތުގައި ގާޒީ ފާހަގަ ކުރެއްވީ މުޅި ތަހުގީގު ބިނާކޮށްފައިވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ބަސްތަކަށްް ކަމަށް ވުމުން އަދީބު ދައްކަވާ ވާހަކަތަކުގެ ތެދުދޮގު ޔަގީންކުރަން ތަހުގީގުން ކުރި ކަމެއް ދައުލަތަށް ބުނެދެވިފައި ނެތުމެވެ. މި ކަންކަމަށް ބަލައި އެ ދައުވާ ކްރިމިނަލް ކޯޓުގައި މަދަނީ މިންގަނޑުން ކުރިއަށް ގެންދެވެން ނެތް ކަމަށް ގާޒީ ނިންމެވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު ދިރިއުޅުއްވި ރެހެންދި-3 ފްލެޓު ހުސް ނުކުރި މައްސަލައިގައި ވެސް ދައުލަތުން ސިވިލް ކޯޓުގައި އޭނާގެ މައްޗަށް ދައުވާއެއް އުފުލި އެވެ. ނަމަވެސް މި ސަރުކާރުން ޖެނުއަރީ، 2024، ގައި ވަނީ އެ ދައުވާ އަނބުރާ ގެންގޮސްފަ އެވެ.

ޖިހާދަކީ ވެރިކަން ހިންގާ ޕީއެންސީ/ޕީޕީއެމް އިއްތިހާދުގެ މެންބަރެކެވެ. އޭނާ އެ ޕާޓީއާ ގުޅިވަޑައިގަތީ ސެޕްޓެމްބަރު 23، 2023، ގައި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު ނިމިފައި އޮއްވަ އެވެ. އޭގެ ކުރިން އޭނާ ހުންނެވީ ގާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރެއްގެ ގޮތުގައި ޖުމްހޫރީ ޕާޓީގަ އެވެ.