Advertisement

އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ފީފާ އިން ނިންމައިފި

23 ޖުލައި 2024 - 20:14 0

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު


އެފްއޭއެމް ހިންގުން ނޯމަލައިޒިން ކޮމިޓީ އަކާ ހަވާލުކުރަން ފީފާ އިން ނިންމައިފި

23 ޖުލައި 2024 - 20:14 0

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ހިންގުން ނޯމަލައިޒިން ކޮމިޓީއަކާ ހަވާލުކުރަން ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާއިން ނިންމައިފި އެވެ.

ފީފާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފީފާ ކައުންސިލުން ބޭއްވި ބައްދަލުވުމަށް ފަހު، ރާއްޖެ އާއި ޓިއުނީޝިއާ ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވާ ކަމަށެވެ.

ފީފާ އިން ނެރުނު ބަޔާނުގައި ދެން، ބުނެފައިވަނީ، ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން، އެފްއޭއެމް، ނޯމަލައިޒިން ކޮމިޓީއެއްގެ ދަށުން ކުރިއަށްގެންދަން ނިންމާފައިވަނީ، އެ އެސޯސިއޭޝަންގެ ގަވަރްނަންސްގެ މައްސަލަތަކާއި މާލީ ގޮތުން އިންތިހާ އަށް ދަށަށް ގޮސްފައިވާތީ، އެކަންކަން ހައްލުކޮށް ރަނގަޅު ކުރުމުގެ ބޭނުމުގައި ކަމަށެވެ.

އަންނަ އަހަރުގެ ޖުލައި 31 އަށް ނޯމަލައިިޒިން ކޮމިޓީ އަށް މުއްދަތު ދީފައިވީ ނަމަވެސް، އެ ކޮމިޓީއާ ހަވާލުކުރެވޭ މެންޑޭޓްގެ ތެރެއިން ކަންތައްތައް ފުރިހަމަވިހާ އަވަހަކަށް ކޮމިޓީގެ ދައުރު ހަމަވާނެ އެވެ. އެކަމަކު، އެކަން ކުރަން އެންމެ ފަހުގެ މުހުލަތަކީ، އަންނަ އަހަރުގެ ޖުލައި 31 ކަމަށް ފީފާ އިން މި ވަނީ ކަނޑައަޅައިފަ އެވެ.

ނޮމަލައިޒިން ކޮމިޓީ ކަނޑައެޅުމުގައި ފީފާ އިން މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ. އަދި ނޯމަލައިޒިން ކޮމިޓީގެ މެމްބަރުން ނިންމާނީ ފީފާ އާއި މި ކަމާ ގުޅުން ހުރި އެކި ފެޑެރޭޝަންތަކުން އެކަށީގެންވާ ރަނގަޅު ރިވިއުއެއް ކުރުމަށް ފަހު އެވެ.

ފީފާ/އޭއެފްސީ ޓީމެއް ރާއްޖެ އަތުވެ، ރާއްޖޭގެ ފުޓްބޯޅައިގެ އެކިއެކި ސްޓޭކްހޯލްޑަރުންނާ އެކު ވަކިވަކިން ބޭއްވި ބައްދަލުވުމުގެ ތެރެއިން، ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި، ޓީމުތަކުން ވަނީ އެފްއޭއެމް ނޯމަލައިޒްކޮށް، ވީހާވެސް އަވަަހަކަށް ފުޓްބޯޅައިގެ ހާލަތު ރަނގަޅު ކުރަން ބާރުއަޅައިދޭން އެދިފަ އެވެ.

މީގެ 21 ދުވަހުގެ ކުރިން އެފްއޭއެމްގައި އެންމެ ފަހުން، އޮތް ހިންގާ ކޮމިޓީގެ ދައުރު ވަނީ ހަމަވެފަ އެވެ. އެ ގޮތުން، އެފްއޭއެމްގެ އެންމެ ފަހުގެ ދެ ދައުރުގެ ރައީސް، ބައްސާމް އަދީލް ޖަލީލްގެ މައްޗަށް ކުރެވޭ ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ތުހުމަތުގެ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ފުލުހުން ތަހުގީގު ކުރަމުން އެބަދެ އެވެ. އަދި މީގެ ތެރެއިން ތަހުގީގު ނިމިފައިވާ މައްސަލަތަކެއްގައި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާ ވެސް ބައްސާމްގެ މައްޗަށް ވަނީ އުފުލައިފަ އެވެ.

މި ކަންކަމަށް ރިއާޔަތްކޮށް، ފީފާ އިން ވަނީ ބައްސާމް ނުވަ މަސް ދުވަހަށް ފުޓްބޯޅައިގެ ހުރިހާ ހަރަކާތަކުން ސަސްޕެންޑްކޮށްފަ އެވެ.

ފީފާ އިން މީގެ ކުރިން، 2013 ވަނަ އަހަރު ވެސް ވަނީ ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން ނޯމަލައިޒްކޮށްފަ އެވެ. އެ ފަހަރު އެފްއޭއެމް ނޯމަލައިޒް ކުރަން ނިންމީ، އެފްއޭއެމް ކޮންގްރެސްގައި ހިނގައިދިޔަ ކަންތައްތަކާ ހެދި އާއި ހިންގާ ކޮމިޓީގެ ގިނަ މެމްބަރުންތަކެއް އިސްތިއުފާ ދިނުމުންނެވެ. އެ ފަހަރު، ފީފާ އިން ވަނީ ފަސް މެމްބަރުންގެ ނޯމަލައިިޒިން ކޮމިޓީ އަކާ އެފްއޭއެމް ހިންގުން ހަވާލުކޮށްފަ އެވެ. އެއީ، ޗެއާމަނެއްގެ ގޮތުގައި، މުހައްމަދު ޝަވީދު، ޑެޕިއުޓީ ޗެއާމަނަކަށް އަބްދުލްހަމީދު އަބްދުލްގަފޫރު (އައްޑޯ)، މެމްބަރުންގެ ގޮތުގައި، މުހައްމަދު ނިޒާމް، އަލީ އުމަރު އަދި ފަސީހު ޒާހިރު އެވެ.

މި ފަހަރު، އެފްއޭއެމް ހަވާލުކުރާނެ ކަމަށް ވެސް ބެލެވެނީ ފަސް މެމްބަރުންގެ ނޯމަލައިޒިން ކޮމިޓީއަކާ އެވެ.