އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް. -- ފޮޓޯ: އަދަދު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު އަމީން އެވެނިއުއިން ގަނެފައިވާ އަގުބޮޑު ދެ އެޕާޓްމަންޓު ފުލުހުންނާ ހަވާލުކޮށްފި އެވެ.
އެ އެޕާޓްމެންޓުތައް ރޭ 12:00 ގެ ކުރިން ފުލުހުންނާ ހަވާލު ނުކޮށްފި ނަމަ ގާނޫނީ އިމުގެ ތެރެއިން އެ އެޕާޓުމެންޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނާނެ ކަމަށް އޮތީ އިންޒާރު ވެސް ދީފަ އެވެ.
ފުލުހުން ބުނީ ހުޅުމާލެ ލޮޓް ނަންބަރު N2-25 ގެ ބްލޮކް A ގެ ނަންބަރު A1205 އާއި A1206 އެޕާޓުމެންޓު ރޭ 12:00 ގައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.
ބައްސާމުގެ ފުލެޓުތައް ފުލުހުންގެ ބެލުމުގެ ދަށަށް ގެންނަން ނިންމީ، އެ ފުލެޓުތައް ބައްސާމް ގަނެފައިވަނީ އެފްއޭއެމްއަށް ފީފާއިން ދިން ފައިސާ އިން ކަމަށް ބުނެ އެ މައްސަލާގައި ދައުވާކޮށްދޭން އެދި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވުމަށް ފަހު އެވެ.
އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައިވަނީ، އަމީން އެވެނިއުގެ ވެރިފަރާތް، ކަމަށްވާ އަމީން ކޮންސްޓްރަކްޝަންގެ އިތުރުން، އެފްއޭއެމްގެ އޭރުގެ ފައިނޭންޝަލް ޑިޕާޓްމަންޓްގެ ހެޑް މުހައްމަދު އަގީލް އަދި އެފްއޭއެމްގައި އޭރު އިސްކޮށް އުޅުނު އަދި ފަހުން ކްލަބް ވެލެންސިއާގެ ޗެއާމަން ކަމަށް ނުފޫޒު ފޯރުވައިގެން އައި، ހަސަން ވަހީދު (ދޮނާ) ގެ މައްޗަށެވެ.
ފުލުހުންގެ ތަހުގީގަށް ހޯދުނު ގޮތުގައި، ބައްސާމް ވަނީ، ފީފާ އިން ކޮވިޑް ލޯނުގެ ގޮތުގައި ދިން އެއް މިލިއަން ޑޮލަރު އަމީން އެެވެނިއު އިން އެޕާޓްމަންޓް ގަންނަން ބޭނުންކޮށްފަ އެވެ.
ފުލުހުން ތުހުމަތު ކުރަނީ ފީފާ އިން އެފްއޭއެމް އަށް ދިން، ކޮވިޑް ލޯނުގެ 1.9 މިލިއަން ޑޮލަރުގެ ތެރެއިން، އެއް މިލިއަން ޑޮލަރު ހޭދަކޮށް، ތިން ޕޭމަންޓެއް ގޮތަށް ބަހާލައިގެން، އަމީން އެވެނިއު އިން އެޕާޓްމަންޓް ގަންނަން ބައްސާމް ހަރަދު ކުރި ކަމަށެވެ.
ބައްސާމްގެ މައްޗަށް، މި އަހަރުގެ ފެބްރުއަރީ މަހު، ޕީޖީ އޮފީހުން އުފުލި ހިޔާނާތާއި މަނީ ލޯންޑަރިންގެ ދައުވާގެ މައްސަލަ ނިމެންދެން އޭނާގެ ޕާސްޕޯޓް ވެސް އޮތީ ހިފަހައްޓައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment