Advertisement

ކުޅިވަރަށް ދެރައެއްވާތަން ބަލަން ކެތެއް ނުކުރެވޭނެ: އޭސީސީ

23 ޖުލައި 2024 - 11:34 1

އައްޒާމް އަލިފުޅު

އައްޒާމް އަލިފުޅު

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް އިއްޔެގެ އިވެންޓްގެ ތެރެއިން ވާހަކަ ދައްކަވަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު


ކުޅިވަރަށް ދެރައެއްވާތަން ބަލަން ކެތެއް ނުކުރެވޭނެ: އޭސީސީ

23 ޖުލައި 2024 - 11:34 1

ރާއްޖޭގެ ކުޅިވަރަށް ދެރައެއްވާތަން ބަލަން ކެތެއް ނުކުރެވޭނެ ކަމަށާއި ކުޅިވަރުގެ ތެރެއިން ކޮރަޕްޝަން ނައްތާލަން ސްޕޯޓްސް މިނިސްޓްރީއާ ގުޅިގެން، "ޕަޗަސް"ގެ ނަމުގައި ކެމްޕެއިނެއް ފެށީ މީގެތެރެއިން މުހިންމު ރަނގަޅު ކަންތައްތަކެއް ހާސިލްކުރަން ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް، އާދަމް ޝާމިލް ވިދާޅުވެއްޖެ އެވެ.

"ޕަޗަސް" ކެމްޕެއިން ފެށުމަށް ބޭއްވި އިވެންޓްގައި ޝާމިލް ވިދާޅުވީ، ކުޅިވަރަކީ ގައުމު އެއްބައި ކުރުވާ އޭގެ ސަބަބުން އެކުވެރިކަމާއި އެއްބައެއްވަންތަ ކަން ހަގީގީ މާނައިގައި ގެންނަން އޮތް ފަހު ފުރުސަތު ކަމަށް ކުރިން ގަބޫލު ކުރެވުނު ކަމަށެވެ.

ޝާމިލް ވިދާޅުވީ ކުޅިވަރަށް ހީނަރުކަމެއް ލިބޭ ނޫނީ ދެރައެއް ލިބޭ އެއްވެސް ކަމެއް މީހުން ގަބޫލުކުރަން ބޭނުންނުވާނެ ކަމަށެވެ. ހަގީގަތުގައި ކުޅިވަރު ކުޅިވަރަކަށް ހަދައިގެން، ފަސޭހަކޮށް ނަގައިގެން ބޭނުން ގޮތެއް ހެދޭ ގޮތަށް އޮންނަ ސަގާފީ ވިސްނުންތައް ބަދަލުވާން ޖެހޭ ކަމަށް ޝާމިލް ގަބޫލުކުރައްވަ އެވެ.

"އަޅުގަނޑުމެން ގޭގައި ކުޑަކަމެއް ދިމާވީމަ މަންމަ މެން ބައްޕަމެން ބުނާނެ މިއީ ކުޅިވަރެއް ނޫނޭ. ކުޅިވަރު އެންމެ ކުރިން ސަގާފީ ގޮތުން ނެގިފައި މި އޮންނަނީ އެއްވެސް މުހިންމު ކަމެއް ނުދޭ ކަންކަމަށް ކުޅިވަރު މި ކިޔެނީ. އަޅުގަނޑުމެން އެ ކަމަކަށް ސަމާލުކަން ދޭން ނުޖެހޭ ކެޓަގަރީ އަށް ކުޅިވަރު ވައްދާފައި މި އޮންނަނީ،" ޝާމިލް ވިދާޅުވި އެވެ.

"ޒަމާން ބަދަލުވެ، އޭގެ ރޫހާއި ފޯރިއާ އެކީގައި ކުޅިވަރަކީ މިހާރު އަސްލު ކުޅިވަރެއް ނޫން. ކުޅިވަރަކީ އަޅުގަނޑުމެންގެ ހަށިހެޔޮކަމާއި ނަފްސާނީ ދުޅަހެޔޮ ކަމާއި އަދި މުޅި މުޖުތަމައު އެއްބައިވަަންތަކުރާ އަސާސް. އެހެންވީމަ ކުޅިވަރަށް ދެރައެއް ވާން އަޅުގަނޑުމެންނަށް ކެތެއް ނުކުރެވޭނެ،"

އޭސީސީ އަށް 2009 އިން ފެށިގެން ކުޅިވަރާ ގުޅޭ އެކި މައްސަލަތައް ހުށަހެޅެމުންދާއިރު، ފާއިތުވި އަހަރުތަކުގައި ކުޅިވަރުގެ ތެރޭގައި ހިމެނޭ ކޮރަޕްޝަންގެ މައްސަލަ އޭސީސީ އަށް ހުށަހަޅާ މިންވަރު ވަނީ އިތުރުވެފަ އެވެ.

މި ވަގުތަށް ބެލިޔަސް، ފުޓްބޯލް އެސޯސިއޭޝަނާއި ބެޑްމިންޓަން އެސޯސިއޭޝަނާ ގުޅޭ ކޮރަޕްޝަން މައްސަލައެއް އޭސީސީން އަންނަނީ ބަލަމުންނެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ރައީސް ޝާމިލް އިއްޔެގެ އިވެންޓްގެ ތެރެއިން ވާހަކަ ދައްކަވަނީ.--- ފޮޓޯ: މިރާން ނާޝިމް / އަދަދު


ޝާމިލް ވިދާޅުވީ، ރާއްޖޭގެ އެންމެ ގިނަ ބަޔަކު ލޯބިކުރާ ކުޅިވަރު ކަަމަށްވާ ފުޓްބޯޅައިގެ ތެރެއިން، "ދެކެން ބޭނުންނުވާ އެތައް މަންޒަރަކާއި ކަންތައްތަކެއް ހިނގައިގޮސް އެ ކަން ތަހައްމަލުކުރަން ޖެހިފައިވާ" ކަމަށެވެ.

ކުޅިވަރާ ގުޅޭ އެކި ކަންކަމުން، ފެންނަމުން އަންނަ ކަންކަމަށް ބަލާއިރު، ކުޅިވަރުގެ މައިދާނުގައި ނަޒާހަތްތެރިކަން އިތުރުކުރަން ހާއްސަ ކަންތައްތަކެއް ކުރަން ޖެހޭ ކަމަށް ފެންނާތީއާ އެކު، ސްޕޯޓްސް މިނިސްޓްރީ އާއި ކޮމިޝަނާ އޮފް ސްޕޯޓްސްއާ ގުޅިގެން މި މަސައްކަތް ކުރަން އޭސީސީން ނިންމީ އެވެ.

"ކުޅިވަރުގެ ނަޒާހަތްތެރިކަން ނޫނީ ސްޕޯޓްސް އިންޓަގްރިޓީ ކުރިއަރުވައި ހަރުދަނާކުރަން ގާނޫނު އަސާސީން ގާނޫނުން އަޅުގަނޑުމެންނަށް މަތިކޮށްފައި މި އޮތް މަސްއޫލިއްޔަތުގެ ތެރެއިން އެ މަސްއޫލިއްޔަތު އެބައޮތް. އެހެންވީމަ އެންޓި ކޮރަޕްޝަން ކޮމިޝަނުން މި ކަން އިސްނަގައިގެން ކުރަން ނިންމައި، ސްޕޯޓްސް މިނިސްޓްރީ އާއި ސްޕޯޓްސް ކޮމިޝަނާއާ މަޝްވަރާކުރެވުނު.،" ޝާމިލް ވިދާޅުވު އެވެ.

މިދިޔަ ދެ އަހަރު ތެރޭގައި ޔޫއެންއޯޑީސީ އާއި ފީފާ އާއި އޮލިމްޕިކް ކޮމިޓީއާ އެކު އިންޓަނޭޝަނަލް ފެންވަރުގައި މި ފަދަ ކަންކަމާ ގުޅޭ ބައެއް ކަންކަމުގައި އޭސީސީން ވަނީ ބައިވެރިވެފަ އެވެ. އޭގެ ތެެރެއިން ގިނަ ކަންކަން އޭސީސީ އަށް ވެސް ދަސްވެ، ކުޅިވަރާއި ކުޅިވަރުގެ ކަންކަމުގައި މި ހިމެނޭ ނަޒާހަތްތެރިކަމުގެ މި މައުލޫ އިތުރަށް ދިރާސާ ކުރަން ފުރުސަތު ވަނީ ފަހިވެފަ އެވެ.

"ކޮމިޝަންގެ މައިގަނޑު އެއް ތަސައްވުރަކީ ރާއްޖޭގެ ގާނޫނީ ނިޒާމްގެ ތެރެއިން ކުޅިވަރުގެ ގަވަރުނަންސް ހަރުދަނާވެ، ކުޅިވަރަށް އަޅުގަނޑުމެންގެ ސަރުކާރުން ހޭދައެއްކުރި ކަމަށް ވިޔަސް އަދި އާންމުން އެ އަށް ހޭދައެއް ކުރި ކަމަށް ވިޔަސް އެ ހޭދަ އަކީ އަޅުގަނޑުމެން ހަގީގީ މަގުސަދަށް ބާރު އެޅޭ ކަހަލަ ހޭދައަކަށްވެ އޭގެ މަގުސަދު ހާސިލްވާނެ ގޮތަށް އެކަން ހިނގާނެ ކަންކަން ކަށަވަރުވާނެ ދުވަހެއް ފެނުން،" ޝާމިލް ވިދާޅުވި އެވެ.

ޝާމިލް ވިދާޅުވީ، ސްޕޯޓްސް މިިނިސްޓްރީ އާއި އޭސީސީން ކުރެވޭ މި މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދަން ޖެހޭ ދިރާސާގެ ވަރަށް ބޮޑުބައެއް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ ހިމެނޭ ހޭލުންތެރިކުރުމުގެ މަސައްކަތާއި ރާއްޖޭގެ ނިޒާމަށް ގެންނަން ޖެހޭ ބަދަލުތައް ދެނެގަނެ އެ ކަންތައް ކުރުމުގެ މަސައްކަތް ކުރުމަކީ ކުޅިވަރުގެ ތެރެއިން ކޮރަޕްޝަން ނައްތާލުމަށް ކުރެވޭ ވަރަށް މުހިންމު ކަމެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވި އެވެ.