Advertisement

ދެކުނުގެ އަތޮޅުތަކަށް ކުރި ދަތުރު ވަރަށް ކާމިޔާބު: ފައްޔާޒް

22 ޖުލައި 2024 - 15:29 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ދެކުނުގެ އަތޮޅުތަކަށް ފައްޔާޒް އާ އެކު އެމްޑީޕީގެ ލީޑަޝިޕު ދަތުރު ކުރީ ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް ކުރާ މަސައްކަތުގެ ތެރެއިން -- ފޮޓޯ: މުހައްމަދު ޝަހުޒާން / އަދަދު


ދެކުނުގެ އަތޮޅުތަކަށް ކުރި ދަތުރު ވަރަށް ކާމިޔާބު: ފައްޔާޒް

22 ޖުލައި 2024 - 15:29 0

އެމްޑީޕީގެ ހިންގުން މުއައްސަސާއެއްގެ ގޮތުގައި ހިންގުމަށް ކުރާ މަސައްކަތުގެ ތެރެއިން އައްޑޫ ހުވަދޫ އަދި ފުވައްމުލަކު ރައްޔިތުންނާ ބައްދަލު ކުރަން ކުރި ދަތުރު ވަރަށް ކާމިޔާބު ކަމަށާއި އެމްޑީޕީގެ އާންމު މެންބަރުންގެ ފަރާތުން ވަރަށް ގިނަ ހިޔާލު ލިބުނު ކަމަށް އެ ޕާޓީގެ ޗެއާސަން، ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.

ދަތުރު ދަތުރު ނިންމަވައިލެއްވުމަށް ފަހު މާލެ ވަޑައިގެން އެއާޕޯޓުގައި ހުންނަވައި، ފައްޔާޒް "އަދަދު" އަށް ވިދާޅުވީ ޕާޓީތައް އޯގަނައިޒްކޮށް ހިންގުމަކީ ރާއްޖޭގެ ސިޔާސީ ކުރިމަގަށް ވެސް އަދި އެމްޑީޕީއަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އިންތިހާބުތަކުގައި ވޯޓުލާ މީހުންގެ އަދަދު މަދުވަމުން ދަނީ އެކަށީގެންވާވަރުގެ ހަރުދަނާ ކަމެއް ޕާޓީތަކުގެ ހިންގުމުގައި ނެތުމުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީގެ ހިންގުން ހަރުދަނާ ކުރަން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހައިތަނަށް ބައްދަލުވީ މެންބަރުންގެ ފަރާތުން އެ މަސައްކަތަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަމަށެވެ. ނަމަވެސް އެމްޑީޕީގެ ހިންގުމާމެދު ބައެއް މެންބަރުންގެ ކަންބޮޑުވުންތަކެއް ވެސް ހުރިކަން ފައްޔާޒް ފާހަގަކުރެއްވި އެވެ.

"ވޭތުވެދިޔަ ތަނުގައި ޕާޓީގެ ކަންކަމާ މެދުގައި ޝަކުވާ އެބަ އޮތް، ފެށުނީއްސުރެއް، 19 އަހަރުވީއިރުގައި އެންމެ ބޮޑު ކަމަކަށް މެންބަރުންގެ ފާހަގަވުން އޮތީ ޕާޓީއަށް އެ ބޭފުޅުން އެކުރާ ހިދުމަތްތަކާ އެކަށީގެންވާ ވަރަށް ޕާޓީން އެކަން ބަލައިނުގެނެވޭ ކަމަށް ސަރުކާރުތަކަށް އައިސްފައި ވެސް، އެހެންވީމަ އޭގެ ވެސް ހައްލެއް ކަމަށް އަޅުގަނޑުމެންނަށް ފެންނަނީ ރަށްރަށުގައި ވެސް ޕާޓީގެ އޮގަނައިޒޭޝަން ވަރުގަދަ ވެގެން ގޮސް އެ ނިޒާމުގެ ތެރެއިން ޕާޓީގެ ހުރިހާ ކަމެއް ކުރިއަށް ދިޔުން،" ފައްޔާޒި ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މިއަދުގެ ސަރުކާރުން ކަން ކުރަމުންދާ ގޮތާ މެދު އެމްޑީޕީ މެންބަރުންގެ އިތުރުން ދެކުނުގެ އަތޮޅުތަކުން ދިމާވި އާންމު ރައްޔިތުންގެ ވެސް ކަންބޮޑުވުންތަކެއް ހުރި ކަމަށެވެ.

އެގޮތުން ގައުމުގެ އިގުތިސާދު ހީނަރުވަމުންދާ ވާހަކަ ދައްކާއިރު، ސަރުކާރުގެ ރިކަރަންޓު ހަރަދު ކުޑަ ކުރުމަށް އެއްވެސް މަސައްކަތެއް ނުކުރާތީ އެކަމާމެދު ރައްޔިތުންގެ ކަންބޮޑުވުން އެބަ އޮތް ކަމަށް ފައްޔާޒް ވިދާޅުވި އެވެ.

"ރަށްރަށުގައި ހިނގާ ޕްރޮޖެކްޓުތައް ހުރީ ހުއްޓިފައި، އެކަން ވަރަށް ސާފު އަޅުގަނޑަށް، އައްޑޫ، ފުވައްމުލަށް، ހުވަދޫގެ އަށް ދާއިރާއަށް އަޅުގަނޑުގެ މި ދަތުރުގައި އެރި އިރުގައި ވެސް، އެހެންވީމަ ރައްޔިތުންގެ ކަންބޮޑުވުން އެބަ އޮތް ސިޔާސީ މުވައްޒަފުން އިތުރު ކޮށްފައި، ސިޔާސީ ބޭނުމަށް އެކަން ކޮށްފައި އަޅުގަނޑުމެންނަށް ލިބެންޖެހޭ ހިދުމަތްތައް ހެއްޔޭ ކުޑަކުރަންވީ، މަސްވެރިންނަށް ދޭ އަގު ހެއްޔޭ ކުޑަކުރަންވީ،" ފައްޔާޒް ވިދާޅުވި އެވެ.