Advertisement

މާލެ ސިޓީ ކައުންސިލުން ދިން ލަފަޔަކީ ފުލެޓު ކޮމެޓީގެ ލަފައެއް ކަމަށް ހައުސިން މިނިސްޓަރީ ގަބޫލެއް ނުކުރޭ

22 ޖުލައި 2024 - 12:41 0

މުހައްމަދު ޝަހްޒާން

މުހައްމަދު ޝަހްޒާން

ފުލެޓު ލިސްޓާ މެދު ގޮތެއް ނިންމުން ލަސްވަމުން ދާތީ މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: އަދަދު


މާލެ ސިޓީ ކައުންސިލުން ދިން ލަފަޔަކީ ފުލެޓު ކޮމެޓީގެ ލަފައެއް ކަމަށް ހައުސިން މިނިސްޓަރީ ގަބޫލެއް ނުކުރޭ

22 ޖުލައި 2024 - 12:41 0

ފުލެޓުތަކާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން މިދިޔަ ބުދަ ދުވަހު ފާސްކޮށް ބުރާސްފަތި ދުވަހު ހައުސިން މިނިސްޓަރީއަށް ދިން ލަފަޔަކީ ކައުންސިލުން އެކުލަވައިލި ހައުސިން ކޮންސަލްޓޭޓިވް ކޮމެޓީގެ ލަފާ ކަމަށް ގަބޫލު ނުކުރާ ކަމަށް ހައުސިން މިނިސްޓަރީން ބުނެފި އެވެ.

ކުރީ ސަރުކާރުން ހިންގި ގެދޮރުވެރިޔާ ސްކީމުގެ ދަށުން އިއުލާނު ކުރި ފުލެޓު ލިސްޓުގެ މައްސަލައިގައި މާލެ ސިޓީ ކައުންސިލުން ލަފާ ދިނީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ލަފަޔާއި އިރުޝާދުގެ ދަށުން ފުލެޓު ލިސްޓުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށާއި އެ ލިސްޓުގައި ތިބި ފުލެޓު ހައްގުވާ މީހުންނަށް ވީހައިވެސް އަވަހަކަށް ފުލެޓުތައް ހަވާލު ކުރުމަށެވެ.

އަދި ފުލެޓު ލިބޭނެކަމަށް ބުނެ ސަރުކާރަކުން ލިޔުމެއް ހަވާލު ކޮށްފައި ތިބި ބަޔަކަށް އެއްވެސް ސަބަބަކާ ހުރެ ފުލެޓު ނުލިބޭނެ ކަމަށް ކަނޑައަޅާ ނަމަ އެ މީހަކު ކަމާބެހޭ ވުޒާރާއަށް ހާޒިރުކޮށް ފުލެޓު ލިސްޓަށް އޭނާގެ ޝަރުތު ހަމަނުވާ ސަބަބު ކިޔައިދޭން ވާނެ ކަމަށް ވެސް ސިޓީ ކައުންސިލުން ދިން ލަފާގައި ބުނެފައިވެ އެވެ.

އެ ލަފަޔާ ގުޅިގެން ހައުސިން މިނިސްޓަރީން އަމަލު ކުރާނެ ގޮތެއް ބެލުމަށް ހައުސިން މިނިސްޓަރީން އެކުލަވައިލި ފުލެޓު އެޑްވައިޒަރީ ކޮމެޓީގެ ކޯޑިނޭޓަރަށް ގުޅުމުން ވިދާޅުވީ "ސިޓީ ކައުންސިލުން މިކަމަށްޓަކައި އެކުލަވައިލި ފަސް މެންބަރުންގެ ކޮމެޓީގެ ނިންމުމެއް މިނިސްޓަރީއަކަށް ރަސްމީކޮށް ލިބިފައެއް ނެތް،" ކަމަށެވެ.

އޭނާ އެހެން ވިދާޅުވި ނަމަވެސް ފުލެޓު ލިސްޓާ ގުޅޭގޮތުން ލަފާ ދިނުމަށް ސިޓީ ކައުންސިލުން އެކުލަވައިލި ފްލެޓް ކޮންސަލްޓޭޓިވް ކޮމެޓީގެ ރިޕޯޓު މިދިޔަ ބުދަ ދުވަހު އޮތް އެ ކައުންސިލުގެ ރަސްމީ އާންމު ޖަލްސާއަށް ހުށަހަޅައި ވަނީ ފާސްކޮށްފަ އެވެ.

އެދުވަހު ފާސްކުރި ރިޕޯޓު ޖެހިގެން އައި ބުރާސްފަތި ދުވަހު މާލެ ސިޓީ ކައުންސިލުން ވަނީ ސަރުކާރުގެ ލިޔެކިޔުންތައް ބަދަލު ކުރާ އޮންލައި ޕޯޓަލް "ޖެމްސް" މެދުވެރިކޮށް ހައުސިން މިނިސްޓަރީއަށް ފޮނުވައިފަ އެވެ.

އެއީ ކައުންސިލުން އެކުލަވައިލި ފްލެޓް ކޮންސަލްޓޭޓިވް ކޮމެޓީގެ ލަފައެއް ކަމަށް ގަބޫލު ނުކުރައްވާ ސަބަބެއްގެ ގޮތުގައި ފްލެޓް އެޑްވައިޒަރީ ކޮމެޓީގެ ކޯޑިނޭޓަރު ވިދާޅުވީ މިނިސްޓަރީން ސިޓީ ފޮނުވީ ސިޓީ ކައުންސިލުގެ ލަފައެއް ހޯދަން ނޫން ކަމަށާއި ސިޓީގައި އެދިފައި ވާނީ ކައުންސިލް މެންބަރުންގެ ތެރެއިން ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ "ފްލެޓް ކޮންސަލްޓޭޓިވެ ކޮމެޓީ" ގެ ލަފައެއް ހޯދަން ކަމަށެވެ.

"އަޅުގަނޑުމެން މިނިސްޓަރީން އިއުލާނު ކޮށްފައި އިންނާނެ ނޫސްބަޔާނެއްގައި ވެސް ސިޓީ ކައުންސިލުގެ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ހިމެނޭ ކޮމެޓީއެކޭ މި ސްކީމާ ގުޅޭ މައްސަލައިގައި ބައިވެރިވަނީ މި، އެހެންވީމާ ފަސް މެންބަރުންގެ ކޮމެޓީއަކުން ނިންމާ ނިންމުމެއް، މާނައަކީ އެ ބޭފުޅުންގެ ލަފާ، ނިންމުމެކޭ މި ދެންނެވީ، އެ ބޭފުޅުންގެ ލަފާ ރަސްމީކޮށް އެ ކޮމެޓީން މިނިސްޓަރީއަށް އަރުވާނީ،" ފްލެޓް އެޑްވައިޒަރީ ކޮމެޓީގެ ކޯޑިނޭޓަރު ވިދާޅުވި އެވެ.

"މިކަމަށް ލަފާ ދޭން ކަނޑައެޅީ ކައުންސިލުންނެއް ނޫން އިނގޭތޯ؟ ސާފު ކޮށްލަދޭނަން އިނގޭތޯ؟ ކައުންސިލުގެ މެންބަރުންގެ ތެރެއިން ފަސް މެންބަރުން ހިމެނޭ ކޮމެޓީއެއް މިކަމަށް އެކުލަވާލައިފައި ވަނީ އެކަން މިނިސްޓަރީން ނޫސް ބަޔާނެއްގެ ޒަރިއްޔާއިން އިއުލާނު ވެސް ކޮށްފައި ވާނީ،"

އޭނާ ވިދާޅުވީ ފުލެޓުތަކާ ގުޅޭގޮތުން ސިޓީ ކައުންސިލުން ދިން ލަފަޔާ މެދު ގޮތެއް ނިންމަވާނީ މިވަގުތު ރަސްމީ ދަތުރުފުޅެއްގައި ރާއްޖެއިން ބޭރުގައި ހުންނެވި ހައުސިން މިނިސްޓަރު، އަލީ ހައިދަރު ކަމަށާއި "ހައުސިން މިނިސްޓަރީން ނިންމާ ގޮތެއް މިނިސްޓަރު އިއުލާނު ކުރައްވާނެ" ކަމަށެވެ.

"ހައުސިން އެޑްވައިޒަރީ ކޮމެޓީން ގޮތް ނިންމާފައި މިނިސްޓަރީއަށް ހުށަހަޅާފައި ވީ، ދެން ސިޓީ ކައުންސިލުގެ ގޮތެއް ނުނިމިގެން މައްސަލަ ލަސްވެގެންދިޔައީ، އެހެންވީމާ ދެން ސިޓީ ކައުންސިލުގެ ކޮމެޓީން ނިންމާ ނިންމުމެއް، ލިބުނުހައި އަވަހަކަށް މިކަމުގައި މިނިސްޓަރީން ގޮތެއް ނިންމާފައި އާންމު ކުރާނެ،"

މިދިޔަ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމަށް ފޯމު ހުށަހެޅި މީހުންގެ ތެރެއިން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް އޭރުގެ ސަރުކާރުން ކަނޑައެޅި އެވެ. އެމްޑީޕީ ސަރުކާރުން ނިންމީ އެ ހުރިހާ އެންމެންނަށް ވެސް ފުލެޓު ދިނުމަށެވެ. ނަމަވެސް އެ ވެރިކަން ނިމުނުއިރު، ކޮންޓްރެކްޓު ކޮށް، މަސައްކަތް ފަށާފައި ވަނީ 4000 ފުލެއްޓެއްގެ އެވެ.

ފުރަތަމަ 4،000 ފްލެޓް ލިބޭނީ ޕޮއިންޓް ތަރުތީބުން އެންމެ ގިނަ ޕޮއިންޓު ލިބޭ މީހުނަށް ކަމަށް ކަނޑައަޅާފައިވަނިކޮށް އޭސީސީއަށް ހުށަހެޅު މައްސަލައަކާ ގުޅިގެން އެ މަސައްކަތް މަޑުޖައްސާލަން އެންގި އެވެ. އެ ސްކީމަށް ތައްޔާރުކުރި ޕޯޓަލްގެ އެކްސެސް ލިބުމުން، މައްސަލަ ތަހުގީގު ކުރުން ގެންދިޔުމަށް ފަހު، މަސައްކަތް އަލުން ފަށަން ކޮމިޝަނުން ހުއްދަ ދިނީ ފެބްރުއަރީ އެކެއްގަ އެވެ.