Advertisement

ދައުލަތުގެ ބިމެއް ވަކި މީހަކަށް ފައިދާވާ ގޮތަށް ވިއްކި މައްސަލައެއްގައި ނާއިފް އަދި ހައްސާނަށް ދައުވާ ކުރަން އަނެއްކާ ވެސް ފޮނުފައިފި

13 އޮކްޓޯބަރު 2024 - 19:02 0

އަހުމަދު އާއިދު

އަހުމަދު އާއިދު

އޭސީސީގެ ރައީސް އާދަމް ޝާމިލް: މާލެއިން ބިމެއް ވިއްކި މައްސަލައަކާ ގުޅިގެން ހައުސިން މިނިސްޓްރީގެ ކުރީގެ ދެ ވެރިއެއްގެ މައްޗަށް ދައުވާކޮށްދޭން އެސީސީން ވަނީ އެދިފަ ---- ފޮޓޯ: އަދަދު


ދައުލަތުގެ ބިމެއް ވަކި މީހަކަށް ފައިދާވާ ގޮތަށް ވިއްކި މައްސަލައެއްގައި ނާއިފް އަދި ހައްސާނަށް ދައުވާ ކުރަން އަނެއްކާ ވެސް ފޮނުފައިފި

13 އޮކްޓޯބަރު 2024 - 19:02 0

ޕީޕީއެމްގެ ފުރަތަމަ ވެރިކަމުގައި 2018 ވަނަ އަހަރު މާލެއިން ދައުލަތަށް ލިބިފައި އޮތް ބިމެއް ވަކި މީހަކަށް ފައިދާވާ ގޮތަށް ވިއްކި މައްސަލައެއްގައި ހައުސިން މިނިސްޓްރީގެ ކުރީގެ އިސްވެރިންގެ ގޮތުގައި ތިބި ދެ މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ގެ އޮފީހަށް ފޮނުވައިފި އެވެ.

އޭސީސީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ މި މައްސަލާގައި ދައުވާ ކޮށްދިނުމަށް އެދިފައިވަނީ ހައުސިން މިނިސްޓްރީގެ ކުރީގެ ނައިބު ހ. އޮގަސްޓު ވިލާ، މާލެ، ނާއިފު ޝައުކަތު، އަދި، އެ މިނިސްޓްރީގެ އޭރުގެ ކޯޑިނޭޓަރު ދަފުތަރު 12357، މާލެ، ހަސަން ވަހީދު، ގެ މައްޗަށް ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ކޮށްދޭން އެދުނީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ. މި މައްސަލައިގައި އޭސީސީން ބެލީ މާލޭގެ ގޯއްޗަކުން ދައުލަތަށް ލިބުނު ބައެއް ވިއްކުމުގައި މި ދެމީހުން އަމަލުކުރި ގޮތެވެ.

އެގޮތުން، ގޯތިން ދައުލަތަށް ލިބުނު ބިމާ އިންވެގެން އޮތް ބިމުގެ ވެރިފަރާތުން އެ ބިން ގަތުމަށް އެދުނު ނަމަވެސް ބިން ވިއްކީ ދައުލަތަށް ލިބުނު ބިމާ ދުރުގައި އޮތް ބިމުގެ ވެރިފަރާތަށް ކަމަށް އޭސީސީން ބުނެ އެވެ. އަދި އެއީ އެއިރު އަމަލުކުރަމުންދިޔަ "ވެށިފަހި މާލެ ޕްރޮގްރާމުގެ ދަށުން ދައުލަތަށް މިލްކުވެފައިވާ ބިންތައް ވިއްކުމާ ބެހޭ އުސޫލު" އާ ހިލާފަށް ހިންގާފައިވާ އަމަލެއް ކަމަށް ވެސް އޭސީސީން ބުނެ އެވެ.

މީގެ އިތުރުން، އުސޫލުގައި ބިން ގަންނަން ހުށަހަޅާ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތު ވަޒަންކުރަން އޮތް ނަމަވެސް މި މައްސަލާގައި ހިމެނޭ ބިން ވިއްކުމުގައި އެކަން ވެސް ކޮށްފައިނުވާ ކަމަށް އޭސީސީން ބުނެ އެވެ.

އެ މައްސަލާގައި ނާއިފް އަދި ހައްސާނުގެ މައްޗަށް ދައުވާ ކުރުމަށް އެދި އޭސީސީން ޕީޖީއަށް މީގެ ކުރިން ވެސް ފޮނުވާފައިވެ އެވެ. ނަމަވެސް އޭރު އެކަން ހިނގި ގޮތް ފަހުން ސާފެއް ނުވެ އެވެ. އެކަމާ ގުޅިގެން އޭސީސީގެ ބަހެއް ވެސް ނުލިބެ އެވެ.