Advertisement

ޑެޕިއުޓީ މިނިސްޓަރަކު ބައިޑެންއަށް ފުރައްސާރަ ކުރުމަށް ފަހު ފާޑުކިޔުން އަމާޒުވުމުން ޕޯސްޓު ޑިލީޓުކޮށްފި

22 ޖުލައި 2024 - 09:55 2

އަހުމަދު އާއިދު

އަހުމަދު އާއިދު

އަޒްހަރު އަދި ޓްވީޓު ޑިލީޓު ކުރުމުން އިންނަ ސްކްރީން. މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބޭފުޅުން ބޭރު ގައުމުތަކުގެ ވެރިންނަށް ފުރައްސާރަ ކުރާ މައްސަލަތައް ދޭތެރެދޭތެރެއިން ފެންމަތިވޭ --- އާޓް ވޯކް: އިމްދާދު / އަދަދު


ޑެޕިއުޓީ މިނިސްޓަރަކު ބައިޑެންއަށް ފުރައްސާރަ ކުރުމަށް ފަހު ފާޑުކިޔުން އަމާޒުވުމުން ޕޯސްޓު ޑިލީޓުކޮށްފި

22 ޖުލައި 2024 - 09:55 2

މި ސަރުކާރުގެ ހައުސިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އަޒްހަރު އަބްދުﷲ ސައީދު އެމެރިކާގެ ރައީސް ޖޯ ބައިޑެން އަށް ސޯޝަލް މީޑިއާގައި ފުރައްސާކޮށް, މަލާމަތް ކުރުމަށް ފަހު ސޯޝަލް މީޑިއާގައި ކުރި ޕޯސްޓު ޑިލީޓުކޮށްފި އެވެ.

ޑިމޮކްރަޓިކް ޕާޓީގެ ރިޔާސީ ޓިކެޓު ދޫކޮށްލުމަށް ފަހު ރިޔާސީ ރޭހާ ފެއަށް ޖެހުމަށް ނިންމާފައިވާކަން ބައިޑެން ވަނީ ރޭގެ ވަގުތެއްގައި އިއުލާނު ކުރައްވާފަ އެވެ. އެ ޕޯސްޓު ހިއްސާކުރަމުން އަޒްހަރު ވަނީ "Thanks grandpa, unfit joe," މިފަދައިން ލިޔެފަ އެވެ.

އޭނާ މި ޕޯސްޓުކޮށްފައިވަނީ ސަރުކާރުގެ އިސްވެރިންނަށް އެކްސް އިން ދޭ ވެރިފިކޭޝަން ޓިކުވެސް ހިމެނޭ އެކައުންޓަކުންނެވެ. އަޒްހަރު އަކީ ޑެޕިއުޓީ މިނިސްޓަރެއްގެ އިތުރުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ބޯޑު މެންބަރެކެވެ.

އޭނާގެ ޕޯސްޓާއެކު އެ ޕޯސްޓު ހިއްސާކޮށް އާންމުންގެ އެކި މީހުން ވަނީ ސޯޝަލް މީޑިއާގައި ފާޑުކިޔުން އަމާޒުކޮށްފަ އެވެ. އަދި، އެއީ ސަރުކާރުގެ މަތީ މަގާމުތަކުގައި ތިބޭ މީހުން އެހެން ގައުމުތަކުގެ ވެރިންނާ މުހާތަބު ކުރަން އެކަށޭނަ ގޮތެއް ނޫން ކަމަށް ބުނެފަ އެވެ. "އަމިއްލަ ފަޔަށް ބަޑި އެ ޖެހީ،" އެކަކު ލިޔެފައިވެ އެވެ.

ނަމަވެސް، ބައެއް މީހުން ވަނީ އެމެރިކާއިން ފުރިހަމައަށް ވާގިވެރިވެގެން އިޒްރޭލުން ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމާ ގުޅުވާ އަޒްހަރު ގެ ޕޯސްޓަށް ތާއީދުވެސް ކޮށްފަ އެވެ. އެގޮތުން ބައިޑެން އަކީ އިޒްރޭލުގެ މަދަދުގާރެއް ކަަމަށާއި މިއީ ރަނގަޅު ޕޯސްޓެއް ކަމަށްވެސް އެ މީހުން ލިޔެފައިވެ އެވެ.

"ބައިޑެން ގާޒާއަށް ޖެއްސި ހާލުގެ ސަބަބުން އޭނާއަށް އެއްވެސް އިހުތިރާމެއް ކުރާކަށް ނުޖެހޭ،" އޭގެ ތެރެއިން އެކަކު ލިޔެފައިވެ އެވެ.

ސަރުކާރުގެ އިސްވެރިޔަކު އެމެރިކާގެ ރައީސަށް ފާޑުކިޔާފައި މިވަނީ މި ސަރުކާރުން އެ ގައުމާއެކު ގުޅުން އިތުރަށް ބަދަހިކުރަން ގިނަ މަސައްކަތްތަކެއް ކުރަމުން ދަނިކޮށެވެ. އެގޮތުން ވިޔަފާރި އާއި އަސްކަރީ ގޮތުން އެެމެރިކާއާ އެކު ގުޅުން ބަދަހިކުރަން ގިނަ މަޝްވަރާތަކެއް ސަރުކާރުގެ ފުރަތަމަ އަށް މަސްދުވަސް ތެރޭ ކޮށްފައިވެ އެވެ.

އޭގެއިތުރުން، މި އަހަރުގެ ޖެނުއަރީ މަހު ޔޫތު މިނިސްޓްރީގެ ތިން ޑެޕިއުޓީއަކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ސޯޝަލްމީޑިއާގައި ފުރައްސާރަކުރި މައްސަލަވެސް އަނެއްކާ ފެންމަތިކޮށްފަ އެވެ. އަދި މި ސަރުކާރުގެ އިސްވެރިންގެ ކިބައިގައި އެހެން ގައުމުތަކަށް އިހުތިރާމު ކުރުމުގެ ސިފަ އެއްވެސް ގޮތަކަށް ނެތް ކަމަށް އެކަކު ލިޔެފައިވެ އެވެ.

މޯދީއަށް ފުރައްސާރަކުރީ ޔޫތުގެ ތިން ނައިބުން ކަމަށްވާ މަލްޝާ ޝަރީފާއި މަރިޔަމް ޝިއުނާ އަދި މަހުޒޫމް މާޖިދު އެވެ.

އެ މައްސަލާގައި އެ ތިން ނައިބުން މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑު ކުރީ ޖެނުއަރީ 7، ގަ އެވެ. މުސާރަ ހިނގާ ގޮތަށް ސަސްޕެންޑުކުރި ބައި މިލިއަނަކަށްވުރެ ގިނަ އަދަދެއްގެ ރުފިޔާ މުސާރާގެ ގޮތުގައި ދައުލަތުގެ ބަޖެޓުން ދީފައިވެ އެވެ.

ރައީސް އޮފީހާއި ޔޫތު މިނިސްޓްރީންވެސް ތަކުރާރުކޮށް ބުނަމުން ދަނީ އެ މައްސަލަ އަދިވެސް ބަލަމުންދާ ކަމަށެވެ.

އިންޑިއާގެ ބޮޑުވަޒީރަށް ފުރައްސާރަކުރި މައްސަލައާ ގުޅިގެން އެ ގައުމުގެ މަޝްހޫރު ފިލްމީ ތަރިންނާއި އެ ގައުމުގެ ރައްޔިތުން ވަނީ ފަތުރުވެރިކަމުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ބޮއިކޮޓު ކުރުމަށް ގޮވާލާ ކެމްޕޭނެއްވެސް ކުރިއަށް ގެންދިޔަ އެވެ. މީގެއިތުރުން މި މައްސަލާގައި ދެ ގައުމުގެ ދެމެދުގައި ހާރިޖީ ބޮޑު ކޯޅުމެއްވެސް ހިނގާދިޔަ އެވެ. އެކަމާ ގުޅިގެން ރާއްޖޭގެ ފަތުރުވެރިކަމަށްވެސް ދަނީ އަސަރުކުރަމުންނެވެ.