22 ޖުލައި 2024 - 07:30 0
މުހައްމަދު ޝަހްޒާން
މާލޭގެ އިމާރާތެއްގައި ބިދޭސީން މަސައްކަތް ކުރަނީ -- ފޮޓޯ: އަދަދު
22 ޖުލައި 2024 - 07:30 0
ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެނައުމަށްފަހު އެމީހުންނަށް އިހުމާލުވާ ކުންފުނިތަކުގެ ލިސްޓު އާންމު ކުރުމަށާއި އެފަދަ ފަރާތްތައް ޖޫރިމަނާ ކުރުމަށްފަހު ވެސް އެފަދަ ކަންކަން އެ ކުންފުންޏަކުން ތަކުރާރު ކުރާ ނަމަ އިތުރު ފިޔަވަޅުތައް ވެސް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.
އެ ނިންމުން ރައީސް ނިންމަވާފައި ވަނީ އިއްޔެ ބޭއްވި ވަޒީރުންގެ މަޖިލީހަށް ހޯމް މިނިސްޓަރީން ހުށަހެޅި ކަރުދާހަކަށް މަޝްވަރާ ކުރުމަށްފަހު ވަޒީރުން ދެއްވި ލަފާގެ މަތިންނެވެ.
އެ މަޖިލީހުގައި މަޝްވަރާ ކުރުމަށްފަހު ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ އިނގިލީގެ ނިޝާނާއި އެމީހުންގެ ފޭޝަލް ރިކޮގްނިޝަން ނަގައި ދެނެގަނެ އެމީހުން ގާނޫނީ އިމުގެ ތެރެއަށް ވެއްދުމުގެ ޕްރޮގުރާމެއް ހިންގުމަށް ވެސް ރައީސް ނިންމެވި އެވެ.
ރެގިއުލަރޭޝަން ޕްރޮގުރާމެއް ހިންގުމުގެ އިތުރުން ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ތެރެއިން އަނބުރާ ގައުމަށް ދާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދިނުމަށް ވެސް އިއްޔެގެ މަޖިލީހުން ވަނީ ނިންމައިފަ އެވެ.
އަދި ގާނޫނާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން ވަޒީފާ އާ ބެހޭ ގާނޫނަށް ގެންނަން މި ސަރުކާރުން ބޭނުންވާ އިސްލާހުތައް އަވަސް މުއްދަތެއްގެ ތެރޭގައި މަޖިލީހަށް ހުށަހެޅުމަށް ވެސް ވަޒީރުންގެ މަޖިލީހުން ނިންމި އެވެ.
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ކުރިއަށް އޮތް ތިން އަހަރުދުވަސް ތެރޭގައި ހައްލު ކުރައްވާނެ ކަމަށް ހޯމް މިނިސްޓަރު، އަލީ އިހުސާން ވަނީ މިދިޔަ ހަފުތާގެ ތެރޭގައި ވިދާޅުވެފަ އެވެ.
އެކަން ހާސިލު ކުރުމަށްޓަކައި ފުލުހުންނާއި އިމިގުރޭޝަނުން ދަނީ އޮޕަރޭޝަން ކުރަނގީގެ ނަމުގައި ހާއްސަ އޮޕަރޭޝަނެއް ވެސް ހިންގަމުންނެވެ، އެ އޮޕަރޭޝަން ފުޅާކޮށް މިހާރު ވަނީ އެޕްލިކޭޝަނެއް ވެސް ޑިވެލޮޕް ކޮށްފަ އެވެ.
އެ އެޕްލިކޭޝަން ފަރުމާކޮށްފައި ވަނީ އެ އެޕު މެދުވެރިކޮށް ރާއްޖޭގައި އުޅޭ ކޮންމެ ބިދޭސީއެއްގެ ވެސް ހުރިހާ މައުލޫމާތެއް ބަލައިލެވޭނެ ގޮތަށެވެ. އެ އެޕްލިކޭޝަންގެ ބޭނުން ކުރުމުގެ ހުއްދަ ރާއްޖޭގެ ހުރިހާ ރަށަކާއި ސިޓީ ކައުންސިލުތަކަށް ދޭނެ ކަމަށް ވެސް މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
ބިދޭސީންގެ 100 ޕަސެންޓް އައިޑެންޓިފައި ކުރަން ކަނޑައަޅާފައި އޮތް ޓައިމްލައިންއަކީ އެއް އަހަރު ދުވަސް ކަމަށާއި ދެވަނަ އަހަރާއި ތިން ވަނަ އަހަރަކީ މިގޮތަށް އައިޑެންޓިފައި ކުރެވޭ މީހުން ގާނޫނީ އިމުގެ ތެރެއަށް ގެނައުމަށް މަސައްކަތް ކުރާނެ ދެ އަހަރުގެ ދުވަސްކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment