21 ޖުލައި 2024 - 11:49 2
މުހައްމަދު ޝަހްޒާން
މިދިޔަ ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން ހިއްކަން ފެށި ގިރާވަރުފަޅުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: މިރާޝް ނާޝިމް / އަދަދު
21 ޖުލައި 2024 - 11:49 2
ބިންވެރިޔާ ސްކީމުގެ ދަށުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައިވާ ގިރާވަރު ފަޅުގެ ބޮޑު ބަޔެއް ހިއްކާ ނިމިފައިވާ ކަމަށް އެ ސަރަހައްދު ފެންނަ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތަކުން ދައްކައިފި އެވެ.
ތިން ފިޔަވައްސަކަށް ބަހާލައިގެން ހިއްކާ ގިރާވަރު ފަޅުގެ ފުރަތަމަ ދެ ފިޔަވަހީގެ މަސައްކަތް ނިންމުމަށް މިހާރު ކުރިއަށް ދަނީ ތިންވަނަ ފިޔަވަހީގެ ދަށުން ހިއްކަން ޖެހޭ 90 ހެކްޓަރު ހިއްކުމުގެ މަސައްކަތެވެ.
ސަރުކާރުން މި މަޝްރޫއާ ގުޅޭ މާ ގިނަ މައުލޫމާތެއް ހިއްސާނުކުރާތީ، ގިރާވަރު ފަޅު ފެންނަ އެންމެ ފަހުގެ ސެޓެލައިޓް ފޮޓޯތައް "އަދަދު" އިން ބަލާފަ އެވެ. މި ފޮޓޯތަކާއި ގިރާވަރު ފަޅުގެ އީއައިއޭ ރިޕޯޓުގައި ހިއްކަން ކަނޑައަޅާފައި ހުރި ސަރަހައްދު އަޅައިބެލިއިރު، މަޝްރޫއުގެ 80 ޕަސެންޓު ވަރު ހިއްކާ ނިމިއްޖެ ކަމަށް އަންދާޒާކުރެވެ އެވެ.
ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާ މިންވަރު އަންގައިދޭ ސެޓެލައިޓް ފޮޓޯތަކެއް؛ ކަނާތް ފަޅީގައި އެންމެ ފަހުން ލިބެންހުރި ސެޓެލައިޓް ފޮޓޮއާ ހަމައަށް ހިއްކާ ނިމުނު ވަރު އަދި ވާތް ފަޅީގައި މިދިޔަ އަހަރުގެ އޮކްޓޫބަރުގައި ހިއްކާފައިވާ މިންވަރު --- ފޮޓޯ: މެކްސާ ޓެކްނޮލޮޖީސް
އެންވަޔަރަމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ދޫކޮށްފައިވާ ބިން ހިއްކުމުގެ ހުއްދަ ހަމަވަނީ އަންނަ މަހުގެ 12 ގަ އެވެ. އެހެންކަމުން ކުރިއަށް އޮތް 22 ދުވަހުގެ ތެރޭގައި ގިރާވަރު ފަޅު އެއްކޮށް ހިއްކައި ނިންމަން ޖެހޭނެ އެވެ. ނޫނީ އީޕީއޭގައި އެދިގެން ހުއްދައިގެ މުއްދަތު އިތުރުކުރަން ޖެހޭނެ އެވެ.
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން ވެސް ގިނަ އަދަދެއްގެ ގޯތިތަކެއް ދޫކޮށްފައިވާއިރު، މި ސަރުކާރުން ވަނީ އެތަނުން ގޯތިތަން ގުޅީފަޅަށް ބަދަލުކުރުމުގެ ފުރުސަތު ހުޅުވާލާފަ އެވެ. މި ފުރުސަތުގައި 2210 މީހުން އެ ކަމަށް އެދި ފޯމު ހުށަހެޅި އެވެ.
Comment