Advertisement

އެތުލެޓިކޯ ދޫކޮށް މޮރާޓާ އޭސީ މިލާނަށް

20 ޖުލައި 2024 - 22:16 0


އެތުލެޓިކޯ ދޫކޮށް މޮރާޓާ އޭސީ މިލާނަށް

20 ޖުލައި 2024 - 22:16 0

މިލާން (ޖުލައި 20) - އެތުލެޓިކޯ މެޑްރިޑަށް ކުޅެމުންދިޔަ ސްޕެއިންގެ ގައުމީ ޓީމުގެ ކެޕްޓަން އަލްވާރޯ މޮރާޓާ އިޓަލީގެ އޭސީ މިލާނަށް ބަދަލުވެއްޖެ އެވެ.

މި އަހަރުގެ ޔޫރޯ ކާމިޔާބުކުރި ސްޕެއިން ޓީމުގެ ކެޕްޓަންކަން ކުރި މޮރާޓާ ،31، މިލާންގެ މެޑިކަލް ފުރިހަމަކޮށް، އެ ކްލަބާ އެކު ހަތަރު އަހަރު ދުވަހުގެ ކޮންޓުރެކްޓެއް ހަދާފައިވާ ކަމަށް މިލާން އިން ވަނީ އިއްޔެ އިއުލާންކޮށްފަ އެވެ.

ޗެލްސީގައި ހުރުމަށް ފަހު މޮރާޓާ 2019 ވަނަ އަހަރު އެތުލެޓިކޯ އަށް އެންމެ ފުރަތަމަ ބަދަލުވީ ލޯނު އެއްބަސްވުމެއްގެ ދަށުންނެވެ. އެތުލެޓިކޯ އަށް ކުޅުނު 117 މެޗުގައި އޭނާ ވަނީ 46 ލަނޑު ޖަހައިފައެވެ.

ކުރިން ޔުވެންޓަސްް އާއި ރެއާލް މެޑްރިޑަށް ވެސް ކުުޅުނު މޮރާޓާ މިލާނަށް މި ބަދަލުވީ އެތުލެޓިކޯއާ އެކު ހަދާފައިވާ ކޮންޓުރެކްޓްގައި ބާކީ ދެ އަހަރު އޮއްވައެވެ.

އެކަމަކު, ޖަރުމަންގައި އޮތް ޔޫރޯގެ ތެރެއިން މޮރާޓާ ވަނީ ސްޕެއިންގެ މީޑިއާ އާއި ސަޕޯޓަރުންގެ ފަރާތުން އޭނާ އަށް އިހުތިރާމެއް ނުލިބޭކަމަށް ބުނެ ހިތްހަަމަނުޖެހުން ފާޅުކޮށްފަ އެވެ.

"އެކި ކަހަލަ ސަބަބުތަކާހެދި، 100 ޕަސެންޓް ނުދެވޭނަމަ އެންމެ ރަނގަޅު ގޮތަކީ ދުރަަށްޖެހިލުން،" އެތުލެޓިކޯ ދޫކޮށްލަން ނިންމި ސަބަބާ ގުޅޭގޮތުން ސުވާލުކުރުމުން މޮރާޓާ ބުންޏެވެ.

މިލާނަށް ބަދަލުވާން ނިންމީ ކީއްވެތޯ "ސްކައި އިޓާލިއާ" އިން ސުވާލުކުރުމުން މޮރާޓާ ބުނީ މިލާންގެ ޑިރެކްޓަރެއްގެ ގޮތުގައި ހުރި ޒްލަޓާން އިބްރަހިމޮވިޗާއި، އެ ޓީމުގެ ކޯޗާއި ކުޅުންތެރިން އޭނާ އަށް ކުރާ އިތުބާރުގެ ސަބަބުން ކަމަށެވެ.

"އަހަންނަށް ވަރަށް އިހުތިރާމްކުރޭ އިޓަލީގައި. އަލުން ސެރިއާ ގައި ކުޅުމަށް އަހަރެން މިހުރީ ކެތްމަދުވެފައި،" މޮރާޓާ ބުންޏެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ހޯދުމަށް ފަހު، ބޭއްވި އުފާފާޅުކުރުމުގެ ޕެރޭޑުގެ ތެރެއިން އެ ޓީމުގެ ކެޕްޓަން، މޮރާޓާ އާއި ވައިސް ކެޕްޓަން، ރޮޑްރީ، ސިޔާސީ ހަމަނުޖެހުން އުފެދޭ ފަދަ ވާހަކައެއް ދައްކާފައިވާތީ، ޔުއެފާ އިން ވަނީ އެ މައްސަލަ ބަލަން ފަށައިފަ އެވެ.