7 ނޮވެންބަރު 2024 - 06:32 0
7 ނޮވެންބަރު 2024 - 06:32 0
ޕެރިސް (ނޮވެމްބަރު 7) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ އިންޓަ މިލާން އަތުން 1-0 އިން އާސެނަލް ބަލިވިއިރު، ޕީއެސްޖީ ދަނޑުގައި އެތުލެޓިކޯ މެޑްރިޑުން 2-1 އިން މޮޅުވެއްޖެ އެެވެ.
އިންޓަ އިން ރޭ އާސެނަލް އަތުން މޮޅުވީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ހަކަން ޗަނޮނޮގްލޫ ކާމިޔާބުކުރި ޕެނަލްޓީންނެވެ. މިއީ، އިންޓަގެ އިރާން ފޯވާޑް މަހުދީ ތަރޭމީ ބޯޅަހިފައިގެން ދާން އުޅުމުގެ ތެރޭގައި، އާސެނަލްގެ މިކޭލް މެރީނޯ އަތުގައި ބޯޅަ ޖެހުމުން ދިން ޕެނަލްޓީ އަކުން ޗަނޮނޮގްލޫ ޖެހި ގޯލެކެވެ.
އަނިޔާގެ ސަބަބުން އާސެނަލުން ޑެކްލަން ރައިސް ނުލައި ކުޅުނު މި މެޗުގައި، ޕެނަލްޓީ އަކަށް ވަރަށް ބޮޑަށް އެޕީލްކުރި އެވެ. އެއީ، އާސެނަލްގެ މެރީނޯ ބޮލުން ޖަހަން އެރި ބޯޅައެއްގައި، އޭނާ އަށް އިންޓަގެ ކީޕަރު ޔެން ސޮމާ ފައުލުކުރި ކަމަށް ބުނެ އެވެ. އެކަމަކު، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު ވެސް އެއީ ޕެނަލްޓީއެއް ކަމަށް ނުނިންމަ އެވެ.
ރޭގެ މެޗުގައި ޕެނަލްޓީ ދިން ގޮތާ މެދު ނުރުހުން ފާޅުކޮށް، އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވަނީ، ރެފްރީންގެ ނިންމުންތައް ގިނަ ފަހަރު ހުންނަނީ އެކި ފަހަރު އެކި ގޮތަށް ކަމަށްވާތީވެ، މީގެ ގެއްލުން ކުރިމަތިވަނީ ޓީމުތަކަށް ކަމަށެވެ.
ހަތަރު މެޗުން ހަތް ޕޮއިންޓާ އެކު، އާސެނަލް އޮތީ ޗެމްޕިއަންސް ލީގުގެ ލީގު ބުރުގެ 12 ވަނައިގަ އެވެ. މި މޮޅާ އެކު، އިންޓަ ވަނީ ހަތަރު މެޗުން 10 ޕޮއިންޓް ހޯދައި ފަސް ވަނަ އަށް ޖެހިލައިފަ އެވެ.
ޕީއެސްޖީން އަމިއްލަ ދަނޑުގައި ވަރެން ޒައިރް އެމެރީގެ ގޯލުން ލީޑުނަގާފައިވަނިކޮށް، އެތުލެޓިކޯ އަށް އެއްވަރުކޮށްދިނީ ފުރަތަމަ ހާފުގައި ނަހުއެލް މޮލީނާ އެވެ. މެޗުގެ އިތުރު ވަގުތުގައި، އެތުލެޓިކޯ މޮޅުވި ގޯލު އެންހެލް ކޮރޭއާ ޖެހީ އަންޓުވާން ގްރީޒްމަން ދިން ބޯޅައަކުންނެވެ.
މި މޮޅާ އެކު، އެތުލެޓިކޯ ވަނީ ހަތަރު މެޗުން ހަ ޕޮއިންޓް ހޯދައި 23 ވަނަ އަށް ޖެހިލައިފަ އެވެ. ލީގު ބުރުގެ 25 ވަނައިގައި ޕީއެސްޖީ އޮތީ ހަތަރު މެޗުން ހަތަރު ޕޮއިންޓާ އެކު އެވެ.
ރެޑްސްޓާ ބެލްގްރޭޑް އަތުން ބާސެލޯނާ ވަނީ 5-2 އިން މޮޅުވެފަ އެވެ. ބާސެލޯނާގެ ލަނޑުތައް ޖެހީ ރޮބާޓް ލެވަންޑޯސްކީ ދެ ގޯލާއި، އިނީގޯ މާޓިނޭޒް، ރަފީނިއާ އަދި ފާމިން ލޮޕޭޒް އެވެ. ރެޑްސްޓާގެ ލަނޑުތައް ޖެހީ، ސިލަސް އާއި މިލްސަން އެވެ. މި މޮޅާ އެކު، ބާސެލޯނާ ވަނީ ހަަތަރު މެޗުން ނުވަ ޕޮއިންޓް ހޯދައި، ލީގު ބުރުގެ ހަ ވަނަ އަށް ޖެހިލައިފަ އެވެ.
މި ލިޔުމާ ގުޅޭ ލިޔުންތައް
Comment