Advertisement

ކޮންމެ ދެ މަހަކުން ބާއްވަން ބުނި މިނިސްޓަރުންގެ "އަހާ" ފޯރަމު ނުބާއްވާތާ ތިންމަސް ވަނީ

20 ޖުލައި 2024 - 11:25 0

އަހުމަދު އާއިދު

އަހުމަދު އާއިދު

ވަޒީރުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: ކޮންމެ ދެ މަހަކުން ބާއްވަން ބުނި މިނިސްޓަރުންގެ "އަހާ" ފޯރަމު ނުބޭއްވޭތާ ތިންމަސް ވަނީ - ފޮޓޯ: ރައީސް އޮފީސް


ކޮންމެ ދެ މަހަކުން ބާއްވަން ބުނި މިނިސްޓަރުންގެ "އަހާ" ފޯރަމު ނުބާއްވާތާ ތިންމަސް ވަނީ

20 ޖުލައި 2024 - 11:25 0

ކޮންމެ ދެ މަހަކުން ބާއްވާނެ ކަމަށް ބުނެ މި ސަރުކާރު ފެށި މިނިސްޓަރުންގެ "އަހާ" ފޯރަމް ސިލްސިލާގެ ތިންވަނަ ފޯރަމުވެސް ބާއްވަން ކަނޑައެޅި ތާވާލުން ކަޓައިފި އެވެ.

ވަޒީރުން ބައިވެރިވާ އަހާ ސިލްސިލާގެ ފޯރަމުތައް ބާއްވަން ނިންމީ ކޮންމެ ދެ މަހަކުންނެވެ. އެކަން އިއުލާނުކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ނަމަވެސް އެ ސިލްސިލާގެ ދެވަނަ ފޯރަމުވެސް ބޭއްވީ ފުރަތަމަ ފޯރަމަށް ތިންމަސް ވީ ފަހުންނެވެ.

"އެއީ ޕަބްލިކް ފޯރަމެއް. އެ ފޯރަމްގައި ބޭނުން ސުވާލެއް އެ ފޯރަމްގައި އެ ވަގުތަކު ބައިވެރިވާ ވަޒީރުންގެ ދާއިރާތަކުން ކުރަން ފުރުސަތު ދޭނަން. ދެން އަނެއްކާ ދެ މަސް ފަހުން އަނެއް ބެޗް އޮފް ކެބިނެޓް މެމްބާސް ވަޑައިގަންނަވާނެ. ފަސް ބޭފުޅުން ފަސް ބޭފުޅުން ގޮތަށް ދެ މަހުން އެއް މަހުން ޕަބްލިކް ފޯރަމް ބާއްވާނަން،" މާލޭގެ އާ މޭޔަރު އާދަމް އާޒިމް މަގާމުގެ ހުވާ ކުރެއްވުމުގެ ދަރުބާރުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ވަޒީރުންގެ އަހާ ސިލްސިލާގެ ފުރަތަމަ ފޯރަމު ބޭއްވީ ޖެނުއަރީ 25، ގެ ރޭ ސަލްޓަންޕާކުގަ އެވެ. އެ ފޯރަމުގައި ބައިވެރިވެވަޑައިގަތީ، އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު، އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު، ސޯޝަލް އެންޑް ފެމިލީ މިނިސްޓަރު ޑރ. އައިޝަތު ޝިހާމް، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު، އަދި ކޮންސްޓްރަކްޝަން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު އެވެ.

އޭގެ ތިންމަސް ފަހުން ދެވަނަ ފޯރަމު ބޭއްވީ އޭޕްރީލް 29، ގަ އެވެ. އެފަހަރު ރައްޔިތުންގެ ސުވާލުތަކަށް ޖަވާބުދެއްވީ ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން، ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން، ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. މަރިޔަމް މާރިޔާ، އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑު) އެވެ.

އޭގެ ފަހުން މިއަދާ ހަމައަށް މިނިސްޓަރުންގެ ފޯރަމު ބާއްވާފައި ނުވާއިރު، މިހާރު ވަނީ އޭގެ ފަހުން ދެ މަހާއި ތިން ހަފުތާ ވެފަ އެވެ.

މި ފޯރަމުތައް އިންތިޒާމުކުރަނީ ރައީސް އޮފީހުންނެވެ. ފޯރަމުތައް ތާވަލުން ކަޓާފައިވާއިރު ރައީސް އޮފީހުން ގެނެސްދެމުން ގެންދިޔަ "ރައީސްގެ ޖަވާބު" ސިލްސިލާ ހުއްޓިފައި އޮންނަތާ މިހާރު ވަނީ ދެމަސްވެފަ އެވެ.

މީގެއިތުރުން ރައްޔިތުންގެ ސުވާލުތަކާއި ހިޔާލުތައް ހުށަހެޅޭ ގޮތަށް އެ އޮފީހުން އުފެއްދި "ރައްޔިތުންގެ އަޑު" ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ސުވާލުތަކަށް ޖަވާބު ނުލިބި މަސްދެމަސް ވެގެންދާކަމުގެ ޝަކުވާތައްވެސް ދަނީ ގިނަވަމުންނެވެ.