Advertisement

ކުޅުން ހުއްޓާލުމަށްފަހު ތިއާގޯ ބާސާގެ ކޯޗިން ޓީމަށް

18 ޖުލައި 2024 - 17:27 0


ކުޅުން ހުއްޓާލުމަށްފަހު ތިއާގޯ ބާސާގެ ކޯޗިން ޓީމަށް

18 ޖުލައި 2024 - 17:27 0

ބާސެލޯނާ (ޖުލައި 18) - މިިދިޔަ ހަފުތާގައި ކުޅުން ހުއްޓާލިކަން އިއުލާންކުރުމަށްފަހު، ސްޕެއިންގެ މިޑްފީލްޑަރު ތިއާގޯ އަލްސަންތާރާ ވަގުތީ ގޮތުން ބާސެލޯނާގެ ކޯޗިން ޓީމާ ގުޅިއްޖެއެވެ.

ޖަރުމަންގެ ކޯޗު ހާންސީ ފްލިކްގެ ކޯޗިން ޓީމާ ގުޅި، ތިއާގޯ ،33، ވަނީ މިހާރު ބާސެލޯނާގެ ޕްރީ ސީޒަންގެ ޓްރެއިނިންތަކުގައި ބައިވެރިވާން ފަށައިފަ އެވެ.

ބާސެލޯނާ އިން ބުނީ ފްލިކްގެ ކޯޗިން ޓީމާ ތިއާގޯ ވަގުތީ ގޮތުން ގުޅުނީ ކޯޗިންގެ ތަޖުރިބާ ހޯދުމަށް ކަމަށެވެ. ތިއާގޯގެ ސީނިއާ ކްލަބު ކެރިއަރު ފެށީ ބާސެލޯނާގަ އެވެ. އެހެންކަމުން ބާސެލޯނާ އަކީ އޭނާ ވަރަށް ރަނގަޅަށް ދަންނަ ކްލަބެކެވެ.

ތިއާގޯ ވަނީ ބަޔާންގައި ފްލިކްގެ އިރުޝާދުގެ ދަށުން ކުޅެފައެވެ. އެހެންކަމުން ފްލިކް އަކީ ވެސް އޭނާ ވަރަށް ރަނގަޅަށް ދަންނަ ކޯޗެެކެވެ.

ބާސެލޯނާ އިން ބުނީ އެމެރިކާ އަށް އެ ކްލަބުން ކުރާ ޕްރީ ސީޒަން ޓުއާގައި ވެސް ތިއާގޯ ބައިވެރިވާނެ ކަމަށެވެ.

"ހާންސީ ފްލިކްގެ ކޯޗިން ޓީމާ ތިއާގޯ ގުޅުނީ ކޯޗިންގެ ތަޖުރިބާ ހޯދަން. ހޫނު މޫސުން އެއްކޮށް އޭނާ މި ކްލަބުގައި މަސައްކަތްކުރާނެ ކަމަށް މި ބަލަނީ،" ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކެޑަމީން ފުޓްބޯޅަ ހަޔާތް ފަށައި، ތިއާގޯ ވަނީ ބާސެލޯނާގެ ސީނިއާ ޓީމަށް 2009-2013 އަށް ކުޅުނުއިރު، އެ ޓީމަށް 101 މެޗު ކުޅެދީފަ އެވެ. އެ އަށް ފަހު، ޖަރުމަނުގެ ބަޔާން މިއުނިކަށް ހަތް އަހަރު ކުޅެދިން، ތިއާގޯ، 2020 ވަނަ އަހަރު ލިވަޕޫލަށް ބަދަލުވި އެވެ. ލިވަޕޫލުން، ތިއާގޯ ދޫކޮށްލަން ނިންމީ އަނިޔާގެ ސަބަބުން އޭނާ އަށް ކޮންޓްރެކްޓްގެ ފަހު އަހަރު އެކަށީގެންވާ ކުޅުމެއް ނުދެއްކުމުންނެވެ.

ތިއާގޯ ވަނީ ކެރިއަރުގައި 25 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި ޗެމްޕިއަންސް ލީގު ދެ ފަހަރާއި ސްޕެނިޝް ލީގު ހަތަރު ފަަހަރާއި ޖަރުމަނު ލީގު ހަތް ފަހަރު ކާމިޔާބު ކުރުން ހިމެނެ އެވެ.

ސްޕެއިން ސީނިއާ ޓީމާ އެކު، ކާމިޔާބެއް ނުލިބުނު ނަމަވެސް 17 އަހަރުން ދަށުގެ ޔޫރޯ އާއި 21 އަހަރުން ދަށުގެ ޔޫރޯ ދެ ފަހަރު ކާމިޔާބުކޮށްފައިވެ އެވެ.