Advertisement

ރިޓަޔާކުރިޔަސް އިނިއެސްޓާ ހުރީ ފުޓްބޯޅައާ ދުރުވާ ގޮތަކަށް ނޫން

9 އޮކްޓޯބަރު 2024 - 15:29 0


ރިޓަޔާކުރިޔަސް އިނިއެސްޓާ ހުރީ ފުޓްބޯޅައާ ދުރުވާ ގޮތަކަށް ނޫން

9 އޮކްޓޯބަރު 2024 - 15:29 0

ބާސެލޯނާ (އޮކްޓޫބަރު 9) - ސްޕެއިނާއި ބާސެލޯނާގެ ލެޖެންޑް، އަންދްރެސް އިނިއެސްޓާ، ފުޓްބޯޅަ ކުޅުމުން ރިޓަޔާކުރި ނަމަވެސް، ފުޓްބޯޅައާ ދުރުވުމުގެ ވިސްނުމެއް ނެތް ކަމަށް ބުނެފި އެވެ.

މި މަހު އަށް ވަނަ ދުވަހު، އިނިއެސްޓާ، 40، ފުޓްބޯޅައިން ރިޓަޔާކުރާނެކަން ކުރިން ވެސް އޮތީ މީޑިއާގައި އާންމުވެފަ އެވެ. ބާސެލޯނާގައި އެކަމަށް އިއްޔެ ބޭއްވި ހާއްސަ އިވެންޓެއްގައި، އިނިއެސްޓާ ބުނީ، މިއީ ހަޔާތުގައި އެންމެ ހިތްދަތި އެއް ނިންމުން ކަމަށެވެ.

"ދަނޑުމަތީގައި އަހަރެންގެ ހުރިހާ ކަމެއް މި ނިމުނީ. ފުޓްބޯޅައާ ދުރުގައި އަހަންނަށް ނުހުރެވޭނެ. އަހަރެންގެ ދިރިއުޅުމުގެ ބައެއް މިއީ، އަހަރެންގެ ދިރިއުޅުމުގެ ބައެއްގެ ގޮތުގައި ކުރިއަށްދާނީ ވެސް،" ލޮލުން ކަރުނަ ފޮހެމުން، އިނިއެސްޓާ ބުންޏެވެ.

ރިޓަޔާކުރުމަށް ފަހު، ދެން ފެންނާނީ ފުޓްބޯޅައިގެ ކޮން ރޯލަކުން ކަމެއް އިނިއެސްޓާ ބުނެފައިނުވެ އެވެ.

މިދިޔަ ސީޒަނުގައި ދުބާއީގެ އެމިރޭޓްސް ކްލަބަށް ކުޅުނު އިނިއެސްޓާ، އެހެން ޓީމަކާ ގުޅުމަށް ޓްރެއިނިންތައް އަމިއްލަ އަށް ކުރިއަށް ގެންދިޔަ ނަމަވެސް، މިހާރު އޭނާގެ ފިޓްނަސް ލެވަލާއި ކޯޗުންނާއި މަޝްވަރާ ކުރުމަށް ފަހު ނިންމީ ރިޓަޔާކުރުމަށެވެ. އިނިއެސްޓާ، ރިޓަޔާކުރީ، ބާސެލޯނާގެ ސީނިއާ ޓީމަށް 2002 ވަނަ އަހަރު ފުރަތަމަ ސީޒަން ކުޅުނު ފަހުން، ފުޓްބޯޅައިގެ އެންމެ މަތީ ފަންތީގައި 23 ސީޒަން ހޭދަކުރުމަށް ފަހު އެވެ.

ބާސެލޯނާގެ ސީނިއާ ޓީމަށް 16 އަހަރު ކުޅެދިން އިނިއެސްޓާ އަކީ އެ ކްލަބްގެ ތާރީހުގައި ވެސް ހާއްސަ ކުޅުންތެރިއެކެވެ. ގިނަ ކާމިޔާބީތަކެއް ހޯދާފައިވަނީ ބާސެލޯނާގައި ހުރެ އެވެ. ބާސެލޯނާ ދޫކޮށް އިނިއެސްޓާ، 2018 ވަނަ އަހަރު ބަދަލުވީ، ޖަޕާނުގެ ޖޭ ލީގުގެ ކްލަބް، ވިސެލް ކޯބޭ އަށެވެ. ފަސް އަހަރު އެ ޓީމަށް ކުޅުމަށް ފަހު، މިދިޔަ އަަހަރު ގުޅުނީ އެމިރޭޓްސް ކްލަބްއާ އެވެ.

"މި ކަރުނަތަކަކީ ކުޑަކުޑަ އަވަށެއްގެ ކުޑަ ކުއްޖެއް ފުޓްބޯޅަ އަށް ޖެހުނު ލޯތްބެއްގައި ހާސިލްކުރަން ބޭނުންވި ކަންކަން ހާސިލްކޮށް، ދެކުނު ހުވަފެންތައް ވެސް ހަގީގަތަކަށް ހަަދައި، އެކަން ނިންމާލާއިރު ފަހުރުވެރިކަމާ އެކު އޮހޮރިގެންދާ ކަރުނަ،" އިނިއެސްޓާ ބުންޏެވެ.

ބާސެލޯނާގައި ޖުމްލަ އެކު، 22 އަހަރު ހޭދަކުރި އިނިއެސްޓާ ވަނީ އެ ޓީމަށް 29 ތަށި ހޯދައިދީފަ އެވެ. އޭގެ ތެރޭގައި ހަތަރު ޗެމްޕިއަންސް ލީގާއި ނުވަ ސްޕެނިޝް ލީގު ހިމެނެ އެވެ.

ސްޕެއިނުން 2010 ވަަނަ އަހަރު ފީފާ ވޯލްޑް ކަޕް ޗެމްޕިއަންކަން ހޯދި ގޯލު ޖެހި އިނިއެސްޓާ ވަނީ ސްޕެއިން ޓީމާ އެކު، 2008 ވަނަ އަހަރާއި 2012 ވަނަ އަހަރުގެ ޔޫރޯ ވެސް ކާމިޔާބުކޮށްފަ އެވެ. އެންމެ ފުރަތަމަ 2006 ވަނަ އަހަރު ސްޕެއިން ޓީމަށް ކުޅެން ފެށި، އިނިއެސްޓާ ގައުމީ ޓީމުން ރިޓަޔާކުރީ 2018 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕުން ސްޕެއިން ކެޓުމުންނެވެ. ގައުމީ ޓީމަށް، 131 މެޗު ކުޅެދިން އިނިއެސްޓާ އަކީ ސްޕެއިނަށް ހަތަރު ވަނަ އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ. އިނިއެސްޓާ އަށް ވުރެން ގިނަ މެޗު ސްޕެއިނަށް ކުޅެދިނީ، އިކާ ކަސިއަސް، ސާޖިއޯ ރާމޯސް އަދި ޒަވީ ހެނާންޑޭޒް އެވެ.

ފްރާންސް ފުޓްބޯލް އިން ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އަށް ދޭ ބެލޮންޑިއޯ އެވޯޑް، ފީފާއާ ގުޅިގެން 2010 ވަނަ އަހަރު ދިންއިރު، އިނިއެސްޓާ އަށް ލިބުނީ ދެ ވަނަ އެވެ. ފީފާ އިން ހޮވާ ދުނިޔޭގެ ޑްރީމްޓީމުގައި އިނިއެސްޓާ ވަނީ ޖެހިޖެހިގެން ނުވަ އަހަރު ހިމެނިފަ އެވެ. އެއީ، 2009 އިން 2017އާ ދެމެދުގަ އެވެ.